ބޮލީވުޑް

ގިނަ އެކްޓަރުން މިމަހު އާ ފިލްމުތަކުގެ ޝޫޓިން ފަށަނީ

ޝާހްރުކް ޚާން، ސަލްމާން ޚާން، ރަންވީރު ސިންގް އަދި ރަންބީރު ކަޕޫރު މި މަހު މުޅިން އާ ފިލްމުތަކެއްގެ ޝޫޓިން ފަށަން ތައްޔާރުވެއްޖެ އެވެ. މިއީ ކޮރޯނާވައިރަހުގެ ވަބާގެ ބިރުވެރިކަން މުޅި ދުނިޔެއަށް ފެތުރި ފިލްމު އިންޑަސްޓްރީގެ މަސައްކަތް ވެސް މުޅިން ހުއްޓިފައި އޮންނަތާ އަށް ވަރަކަށް މަސް ފަހުން އަލުން އެ އިންޑަސްޓްރީއަށް ދިރުން ލިބި ހިނގައިގަނެފި ކަމުގެ ނިޝާނެއް ކަމަށް އިންޑިޔާގެ ނޫސްތަކުން ވަނީ ބުނެފަ އެވެ.
މިހާތަނާ ޖެހެން ދެން ވެސް ޑައިރެކްޓަރުންނާއި ޓެކްނީޝަނުން ދިޔައީ ގޭގައި ތިބެގެން ފިލްމުތަކުގެ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތްތައް އެމީހުންނަށް ކުރެވުނު ވަރަކަށް ކުރަމުންނެވެ. ފިލްމު ސެޓުތައް ތައްޔާރުކޮށް އެތަންތަނަށް ގޮސް ޝޫޓިން ފަށާނެ ފުރުސަތު ލިބުނީ އަދި ކިރިޔާ އެވެ.

އެންމެ ފުރަތަމަ ފިލްމީ މަސައްކަތަށް ނުކުންނަން ކެރުނު ފިލްމީ ތަރިއަކީ އަކްޝޭ ކުމާރެވެ. އަކްޝޭ ވަނީ އޮގަސްޓް މަހު އޭނާގެ ފިލްމު "ބެލް ބޮޓަމް"ގެ ޝޫޓިންގަށް ފިލްމުގެ ތަރިންނާއި ޓެކްނީޝަނުން ގޮވައިގެން ސްކޮޓްލެންޑަށް ގޮއްސަ އެވެ. އަދި މިހާރު ޝޫޓިން ނިންމާ އެންމެން ވަނީ އެނބުރި އިންޑިޔާ އަށް އައިސްފަ އެވެ.

އަކްޝޭ އަށްފަހު ފިލްމު ޝޫޓިން ފެށި އެކްޓަރަކީ ސަލްމާން ޚާނެވެ. އޮކްޓޯބަރު 2 ވަނަ ދުވަހު ސަލްމާން ވަނީ "ރާދޭ"ގެ ޝޫޓިން ފަށައި އެ ފިލްމުން ނުނިމި ހުރި ހުރިހާ މަންޒަރެއް ނިންމާފަ އެވެ. އަދި ނޮވެމްބަރު 16 ވަނަ ދުވަހު "އަންތިމް" ކިޔާ ފިލްމެއްގެ ޝޫޓިން ސަލްމާން ފަށަން ވަނީ ހަމަޖެހިފަ އެވެ.

މަހޭޝް މަންޖްރެކަރް ޑައިރެކްޓްކުރާ މި ފިލްމުގައި ސަލްމާނުގެ ޅިޔަނު އަޔޫޝް ޝަރުމާ ގޭންގްސްޓާރެއްގެ ރޯލެއް ކުޅޭނެ އެވެ. ސަލްމާން ކުޅެނީ ފުލުހެއްގެ ބައެވެ. މިމަސް ތެރޭގައި ޝާހްރުކް ފަށަން ހަމަޖެހިފައިވަނީ ދީޕިކާ ޕަދުކޯން އާއި ޖޯން އެބްރަހަމް އާއެކު ކުޅޭ "ޕަޓާން"ގެ ޝޫޓިންގް އެވެ.

ރަންބީރު ކަޕޫރު ވެސް މިމަހު އާ ފިލްމެއްގެ ޝޫޓިން ފަށާނެ އެވެ. ރަންބީރުގެ ފިލްމެއް އެންމެ ފަހުން ރިލީޒްވެފައިވަނީ 2018 ގައެވެ. އެއީ "ސަންޖޫ" އެވެ. އިތުރު ފިލްމެއްގައި އޭނާ މަސައްކަތް ކުރި ނަމަވެސް އެ ފިލްމު އަދި ރިލީޒެއް ނުކުރެ އެވެ. ރަންބީރު މިފަހަރު ޝޫޓީން ފަށަނީ ލަވް ރަންޖަން ޑައިރެކްޓްކުރާ ފިލްމެއްގަ އެވެ. މި ފިލްމުގެ ބަތަލާ އަކީ ޝްރައްދާ ކަޕޫރެވެ. މިއީ ޝްރައްދާ އާއި ރަންބީޜު އެކުގައި ކުޅޭ ފުރަތަމަ ފިލްމެވެ.
މި ފިލްމުގެ ބޮޑު ބައެއް ޝޫޓިންކުރާ ގޮތަށް ހަމަޖެހިފައިވަނީ ސްޕޭނުގަ އެވެ. ނަމަވެސް އެ ގައުމުގައި ކޮވިޑް ޖެހޭ މީހުން ވަރަށް ބޮޑަށް އިތުރުވެފައިވާތީ އަދި ޝޫޓިން ކުރިޔަށް ގެންދަން ހަމަޖެހިފައިވަނީ މުމްބައިގަ އެވެ. ސްޕޭނަށް ދާނީ އެ ގައުމުގެ ކޮވިޑް ކޭސްތައް މަދުވެލީމަ އެވެ.

ރަންވީރު ވެސް މިމަހު "ސާކަސް"ގެ ޝޫޓިން ފަށާނެ އެވެ. އަކްޝޭ ކުމާރާއި ވަރުން ޝަރުމާ އަދި ޕޫޖާ ހެގްޅޭ އާއި ޖެކްލީން ފެނާންޑިސްގެ މި ފިލްމު ރިލީޒްކުރާނީ 2022 ގައި ކަމަށް ބެލެވެ އެވެ.