ބޮލީވުޑް

އެންގޭޖްވެ ކައިވެނި ނުކުރެވުނު ބޮލީވުޑް ތަރިން

ސަލްމާން ޚާނާއި އަކްޝޭ ކުމާރު ފަދަ ވަރަށް ގިނަ ފިލްމީ ތަރިންނަށް އެމީހުންގެ ލޯބީގެ ހަޔާތުގައި ވަރަށް ތަފާތު ތަޖުރިބާތަކެއް ކުރަން ޖެހިފައި ވެއެވެ. އެގޮތުން ބައެއް ތަރިން އެމީހުން ލޯބި ވެގެން އުޅުނު ފިލްމީ ބަތަލާއިންނާ ކައިވެނި ކުރަން ތައްޔާރުވެ އެންގޭޖްވުމަށް ފަހު ވެސް ކައިވެނި ކުރެވިފައި ނުވާކަން ފާހަގަ ކޮށްލެވެ އެވެ.

ދެ މީހަކު ލޯބިވުމަށް ފަހު ދެ އޮންނަ މަރުހަލާއަކީ ކައިވެނި ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. ނަމަވެސް ކައިވެނި ކުރެވޭގޮތް ނުވެއްޖެނަމަ އެއީ ތަގްދީރުގައި އެކަން ވާން ނެތީ ކަމަށް ބުނެ އެވެ. އެންގޭޖްމަންޓަކީ ކައިވެންޏެއްގެ ބިންގާ އެޅުމަށް ގިރާކުރާ ފުރަތަމަ ހަރުފަތަށް ވާއިރު އެހިސާބަށް ގޮސްފައި ކައިވެނިނުކޮށް ހުއްޓާލަން ޖެހިއްޖެނަމަ ދެ މީހުންނަށް ވެސް ވަރަށް ހިތްދަތި ތަޖުރިބާތަކެއް ކުރަން ޖެހެ އެވެ.

ސަލްމާން ޚާނަކީ މިހާރު ބޮލީވުޑްގައި ހުރި އެންމެ ގިނަ އަންހެން ކުދިން އަދިވެސް އެ އެކްޓަރަކަށް ހިތްދީފައިވާ އެކްޓަރެވެ. އުމުރުން މިހާރު 55 އަހަރު ވެފައިވާ ސަލްމާން މިހާތަނަށް ކައިވެނި ކޮށްފައި ނުވިޔަސް އެއް ދުވަސްވަރެއްގައި އޭނާ ކައިވެންޏެއް ކުރުމާ ވަރަށް ކައިރިއަށް ދިޔަ އެވެ.

ސަލްމާނާއި ސަންގީތާ ބިޖިލާނީގެ ކައިވެނި ނުކުރަން ނިންމިއިރު ކައިވެނީގެ ހުރިހާ އިންތިޒާމްތަކެއް އޮތީ ފުރިހަމަވެފަ އެވެ. އެމީހުން ކައިވެނި ނުކުރަން ނިންމީ ހަމަ އެންމެ ފަހު ވަގުތު އެވެ.

މި ކައިވެނި ނުކުރެވުނީ ސަލްމާން ޚާނާއި އެ ދުވަސްވަރު ފިލްމު ކުޅުނު ބަތަލާއެއް ކަމަށްވާ ސޯމީ އަލީ ކޮޓަރިއެއްގައި ތިއްބާ ސަންގީތާ އަށް ރެޑްހޭންޑްކޮށް ހިފިގެނެވެ. ސަލްމާން ވަނީ އެއީ ތެދެއްކަން "ކޮފީ ވިތު ކަރަން" ގެ އެޕިސޯޑެއްގައި ކިޔައިދީފަ އެވެ. އޭނާ ބުނެފައިވާ ގޮތުގައި ކައިވެނީގެ ދައުވަތު ކާޑުތައް ވެސް ޗާޕުކުރި އެވެ.

އަކްޝޭ ކުމާރާއި ރަވީނާ ޓަންޑަން އަކީ ވެސް އެއް އިރެއްގައި ވަރަށް ލޯބިން އުޅުނު ޖޯޑެކެވެ. ވަރަށް މި ދެ ތަރިން ރުޅިވި ސަބަބު ކިޔައި ނުދީ އަކްޝޭ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ހުއްޓެވެ. ނަމަވެސް އޭނާ ތަންކޮޅެއް ކުރިން އިންޑިޔާގެ މަޖައްލާއަކަށް ދީފައިވާ އިންޓަވިއު އެއްގައި ރަވީނާ އާއި އޭނާގެ އެންގޭޖްމަންޓްގެ ވާހަކަ ކިޔައިދީފައި ވެއެވެ. އެމީހުން ރައްޓެހިވެގެން އުޅުނު ދުވަސްވަރު އެ ދެ އެކްޓަރުން ސިއްރުން ކައިވެނިކުރި ޚަބަރުތަކެއް ވެސް ފެތުރުނެވެ. ރަވީނާ އާއި އޭނާ ސިއްރުން ކައިވެނި ނުކުރާ ކަމަށާއި ހަމައެކަނި އެންގޭޖްވެފައި ފަހުން އެންގޭޖްމަންޓް ވެސް ރޫޅާލީ ކަމަށް އަކްޝޭ އެއްބަސްވެފައި ވެއެވެ. އަކްޝޭ އާއި ރަވީނާ އާ ދެމެދަށް ވެސް ވަދެފައި ވަނީ ބަތަލާ އެކެވެ. އަކްޝޭ ބޭވަފާތެރިވާކަން ރަވީނާއަށް އެނގުނު ހިސާބުން އޭނާއާ ވަކިވާން ނިންމީ ރަވީނާ އެވެ.

އަބީޝެކް ބައްޗަން އާއި ކަރިޝްމާ ކަޕޫރު ވެސް 2002 ވަނަ އަހަރު އެންގޭޖްވެ ބައްޗަން އާއިލާއިން އެކަން ރަސްމީކޮށް އިއުލާން ވެސް ކުރި އެވެ. އަމީތާބުގެ 60 ވަނަ އުފަން ދުވަހާ ދިމާކޮށް ބޭއްވި ހަފުލާއެއްގައި މި ދެ އެކްޓަރުން އެންގޭޖްމަންޓް އަނގޮޓި ބަދަލުކުރި މަންޒަރު ވެސް މީޑިއާ ތަކުން ފެނިފައި ވެއެވެ. ނަމަވެސް 2003 ގެ ފެބްރުއަރީގައި ކުއްލިއަކަށް އެންގޭޖްމަންޓް ރޫޅާލީ އެވެ. އެ ދުވަސްވަރު އިންޑިޔާގެ ބައެއް ނޫސްތަކުން ބުނެފައިވަނީ މި އެންގޭޖްމަންޓް ރޫޅުނީ ކަރިޝްމާގެ މަންމަ ބަބީތާގެ ސަބަބުން ކަމަށެވެ. އަނެއް ބައި ޚަބަރުތައް ބުނެފައިވަނީ ބައްޗަން އާއިލާ އާ ކަރިޝްމާ ހިތްހަމަ ނުޖެހުނީ ކަމަށެވެ. އެއީ ކައިވެންޏަށްފަހު ފިލްމު ނުކުޅެން އެމީހުން ޝަރުތު ކުރާތީ ކަމަށް އޭރު އަޑު ފެތުރުނެވެ.

ފިލްމު ޑައިރެކްޓަރު ސާޖިދު ޚާން ވެސް 2003 ގައި ބަތަލާ ގޯހަރް ޚާން އާ އެންގޭޖްވި އެވެ. އެމީހުންނަކީ އޭރު އެހާ މަޝްހޫރު ބަޔަކަށް ނުވާތީ މިކަން މީޑިއާތަކުން މާބޮޑަށް ރިޕޯޓުކޮށްފައި ނުވަނީ އެވެ.

ވިވެކް އޮބްރޯއީ އާއި މޮޑެލް ގުރްޕުރީތު ގިލް ވެސް އެންގޭޖްވެފައި ފަހުން ވަނީ އެންގޭޖްމަންޓް ރޫޅާލާފަ އެވެ. އެމީހުން އެންގޭޖްވީ ވިވެކް ފިލްމު ކުޅެން ފެށުމުގެ ކުރިންނެވެ. ޓައިމްސް އޮފް އިންޑިއާއަށް ގުރްޕުރީތު ދީފައިވާ އިންޓަވިއު އެއްގައި އެންގޭޖްމަންޓް ރޫޅާލި ސަބަބުތައް ކިޔައިދީފައި ވެއެވެ. އޭނާ ބުނީ ދެމީހުންގެ ޚިޔާލު އެއްގޮތް ނުވުމުން އެމީހުންނަށް ކައިވެންޏަކާ ހަމައަށް ނުދެވުނީ ކަމަށެވެ.

އެކްޓަރު ކަރަން ސިންގް ގްރޯވަރުގެ ހަޔާތަށް ވެސް ވަރަށް ގިނަ ބަތަލާއިން އައެވެ. ޓީވީ ބަތަލާ ޝްރައްދާ ނިގަމް، ކޯރިއޮގްރާފަރު ނިކޯލް އަލްވާރިސް އަދި ޓީވީ ބަތަލާ ޖެނިފާ ވިންގިޓް މީގެ ތެރޭގައި ހިމެނެ އެވެ. ޝްރައްދާ އާއި ޖެނިފާ އާ ކަރަން ކައިވެނިވެސް ކުރި އެވެ. ނިކޯލް އާ އެންގޭޖްވެފައި އެންގޭޖްމަންޓް ރޫޅާލީ އެވެ. ފަހުން ޓީވީ ތަރި ބަރްކާ ބިޝްތު އާ ވެސް އެންގޭޖްވި އެވެ. މި އެންގޭޖްމަންޓް ރޫޅުނީ 2004 ގައެވެ. ކަރަން މިހާރު ކައިވެނިކޮށްގެން އުޅެނީ ބަތަލާ ބިޕާޝާ ބާސޫ އާއެވެ.