މި އަހަރުގެ ފެށުން ބޮލީވުޑަށް ދިޔައީ ވަރަށް ރަނގަޅަށެވެ. އަހަރު ފެށުނުތަނާ ރިލީޒްކުރި އަޖޭ ދޭވްގަން އާއި ސައިފް އަލީ ޚާންގެ "ތާނާޖީ: ދި އަންސަންގް ވޮރިއާ" އަށް ބޮކްސް އޮފީހުގައި ލިބުނު ބޮޑު ކާމިޔާބުގެ ސަބަބުންނެވެ. މި ފިލްމުވަނީ އެތައް ރެކޯޑެއް މުގުރައި ބްލޮކްބަސްޓާއެއްގެ ދަރަޖަ ހޯދާފަ އެވެ. އަހަރުގެ ފެށުން މިހާ ރަނގަޅުވީމާ ކުރިޔަށް އޮތް ދުވަސްތައް ވަރަށް ރަނގަޅުވާނެކަމަށް ގިނަ ބަޔަކު އުންމީދު ކުރި އެވެ.
ސަބަބަކީ ކުރިޔަށް ރިލީޒްކުރަން ހުރީ ވެސް އުންމީދީ ފިލްމުތަކަކަށް ވާތީ އެވެ. އޭގެ ތެރޭގައި އަކްޝޭ ކުމާރުގެ "ސޫރިޔަވަންޝީ"، ރަންވީރު ސިންގްގެ "83"، ވަރުން ދަވަންގެ "ކޫލީ ނަންބަރު 1"، އަކްޝޭ ކުމާރުގެ "ލަކްޝްމީ"، ސަލްމާން ޚާންގެ "ރާދޭ: ޔުއަ މޯސްޓް ވޯންޓަޑް ބާއީ"، ރަންބީރު ކަޕޫރާއި އާލިއާ ބަޓްގެ "ބްރަހްމަޝްތުރަ" އަދި އާމިރު ޚާންގެ "ލާލް ސިންގް ޗައްޑާ" އާއި މި ނޫން ވެސް އެންމެ މަތީ ހަރުފަތުގައި މިހާރު ތިބި ބަތަލުންގެ ބޮޑު ބަޖެޓް ފިލްމުތައް ހިމެނެ އެވެ.
ނަމަވެސް ޓައިގާ ޝްރޮފްގެ "ބާޣީ 3" ރިލީޒްކުރިތާ މަދު ދުވަސްތަކެއްގެ ތެރޭގައި ތިއޭޓަރުތައް ބަންދުކުރަން ޖެހުނެވެ. އެ ފިލްމަކީ ވެސް ބޮޑު ކާމިޔާބެއް ބޮކްސް އޮފީހުގައި ހޯދާނެ ފިލްމެއް ކަމަށް ގަބޫލުކުރެވުނަސް ދެ ވަނަ ހަފުތާއަށް ނުފެށެނީސް ފިލްމު ދެއްކުން ހުއްޓާލަން ޖެހުމުން އެ ފިލްމަށް ވެސް ގެއްލުން ވިއެވެ. ކުރިން ލަފާ ކޮށްފައިވަނީ 200 ކްރޯޑު ވިޔަފާރި މިފިލްމަށް ކުރެވޭނެ ކަމަށެވެ. ނަމަވެސް އެންމެ 95 ކްރޯޑު ލިބުނުތަނާ ފިލްމު ދެއްކުން ވަނީ ހުއްޓާލާފަ އެވެ. މިއީ ހަމައެކަނި މި ފިލްމަށް ލިބުނު ގެއްލުމެވެ.
މާޗް މެދެއްހާ ހިސާބުން ފެށިގެން އޮކްޓޯބަރުގެ މެދަކާ ހަމަޔަށް އިންޑިޔާގެ ހުރިހާ ސިނަމާތަކެއް ހުރީ ބަންދުކޮށްފަ އެވެ. ފިލްމުތަކުގެ ޝޫޓިންގްތައް ވެސް އޮތީ ހުއްޓިފަ އެވެ. ހިންދީ ފިލްމު ބެލުމަށް ލޯބިކުރާ މީހުން އޭގެ ފަހުން ފިލްމުތައް ބެލީ އޯޓީޓި ޕްލެޓްފޯމްގަ އެވެ.
އަލުން ސިނަމާތައް ހުޅުވި ފަހުން މިހާތަނަށް ރިލިޒްކޮށްފައިވަނީ މަދު ފިލްމެކެވެ. ދިލްޖީތު ދޮސާންޖްގެ "ސޫރަޖް ޕޭ މަންގަލް ބާރީ" އާއި ކިއާރާ އަދުވާނީގެ "އިންދޫ ކީ ޖަވާނީ" އަދި ރިޗާ ޗައްޑާގެ "ޝަކީލާ" އެވެ. ނަމަވެސް ތިން ފިލްމަށް ވެސް ބޮކްސް އޮފީހުގައި ކުރިމަތިލާން ޖެހުނީ ބޮޑު ނާކާމިޔާބީ އަކާ އެވެ.
އަމީތާބު ބައްޗަން އާއި އަޔުޝްމާން ކުރާނާގެ "ގުލާބޯ ސިޓާބޯ"، އަކްޝޭ ކުމާރުގެ "ލަކްޝްމީ" އަދި ވަރުން ދަވަންގެ "ކޫލީ ނަންބަރު1" އޮންލައިންކޮށް ރިލީޒްކޮށް ގިނަ ބަޔަކު ހައިރާން ކޮށްލި އެވެ.
ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ސިނަމާތަކުގައި ރިލިޒްކުރި ފިލްމުތަކަށް ވުރެ އޮންލައިންކޮށް ރިލީޒްކުރި ފިލްމުތައް މާ ރަނގަޅަށް ހިނގި ކަމެވެ. އެހެންވެ އަލުން ކުރިން ދިޔަ ގޮތަށް މީހުން ސިނަމާތަކަށް ފިލްމު ބަލަން ނުގޮއްސާނެކަމުގެ ކަންބޮޑުވުން ވެސް ފިލްމު އިންޑަސްޓްރީގައި މިހާރު އެބައޮތެވެ.
ގޭގައި ހަމަޖެހިލައިގެން ރައްކާތެރިކަމާއެކު ފިލްމުތައް ބެލެން އޮއްވާ ކަމާ ކަންފަށާ ސިނަމާތަކަށް ގޮސް މީހުންނާ މަސްހުނިވެގެން އުޅެން ގިނަ ބަޔަކު ދެން ބޭނުން ވެދާނެތޯ މިހާރު ވަނީ ސުވާލު އުފެދިފަ އެވެ.
މި ސުވާލުގެ ޖަވާބު ނޭނގުމުގެ އިތުރުން މިއަހަރު ތެރޭގައި ފިލްމު އިންޑަސްޓްރީއަށް ލިބުނު ގެއްލުން ވެސް މިއީ އެ އިންޑަސްޓްރީގެ މީހުން އިންތިހާއަށް ކަންބޮޑުވެފައިވާ ކަމެކެވެ.
ކޮއިމޮއި އޮންލައިން ނޫހުގައިވާ ރިޕޯޓެއް ބުނާ ގޮތުގައި 2020 ގައި ހިންދީ ފިލްމު އިންޑަސްޓްރީއަށް ލިބުނު ގެއްލުން 3500 ކްރޯޑަށް އަރަ އެވެ. މިދިޔަ އަހަރު ބޮލީވުޑް ބޮކްސް އޮފީހުން 4400 ކްރޯޑު ރުޕީސްގެ ވިޔަފާރިވީ ކަމަށް ރެކޯޑްތަކުން ދައްކަ އެވެ. އެއީ "ވޯ"، ފަދަ ބްލޮކްބަސްޓާ ފިލްމުތައް ރިލީޒްކޮށްފައި ވާތީ އެވެ.
މިއަހަރުގެ ފުރަތަމަ ދެ މަހާ ބައިގައި ބޮކްސް އޮފީހަށް ކުރެވިފައި ވަނީ 780 ކްރޯޑު ރުޕީސްގެ ވިޔަފާރި އެވެ. އޭގެ ތެރޭގައި "ތާނާޖީ: ދި އަންސަންގް ވޮރިއާ"ގެ 280 ކްރޯޑު ވިޔަފާރި ހިމެނެ އެވެ. އަދި "ބާޣީ 3" އާއި "މަލަންގް" ގެ ކާމިޔާބު ވެސް ހިމެނެ އެވެ.
މިހާރު ބޮލީވުޑްގެ މަސައްކަތް އަނެއްކާ ފެށި ސިނަމާތައް ހުޅުވައިފި އެވެ. އާ އަހަރާއެކު އަކްޝޭގެ "ސޫރިޔަވަންޝީ"، ރަންވީރުގެ "83"، ސަލްމާންގެ "ރާދޭ" ފަދަ ފިލްމުތައް ރިލީޒްކުރަން ތައްޔާރުގައި ވެއެވެ. މިހާރު އުފެދޭ ސުވާލަކީ މި ފިލްމުތައް ރަނގަޅަށް ހިނގައި އަނެއްކާވެސް ފިލްމު އިންޑަސްޓްރީއަށް ކޮޅަށް ތެދުވެ ހިންދެމި ލެވިދާނެ ހެއްޔެވެ؟