މަނީ ލޯންޑްރިން އާއި އެނޫންވެސް ބޮޑެތި ކުށްތަކަށް އަރައިގަތްކަމުގެ ތުހުމަތުގައި މިހާރު އިންޑިއާގެ ޖަލެއްގައި ހުރި ސުކޭޝް ޗަންދުރަޝޭކަރްއާ ލޯބީގެ ގުޅުން ބާއްވައި އޭނާގެ އަތުން އަގުބޮޑު ހަދިޔާތައް ހޯދާފައިވާ ބޮލީވުޑް ބަތަލާ ޖެކްލީން ފެނާންޑިސް އާ މިހާރު އިންޑިޔާގެ ކަމާ ބެހޭ އިދާރާތަކުން ދަނީ ސުވާލު ކުރަމުންނެވެ.
ސުކޭޝް ދެކެ ޖެކްލީން ވަރަށް ލޯބިވެ އެވެ. އަދި އޭނާއަކީ ކުށްތަކަށް އަރައިގަންނަ ގޯސް މީހެއްކަން އެނގޭއިރުވެސް ޖެކްލީން ބޭނުންވީ އޭނާއާ ކައިވެނި ކުރާށެވެ.
ފްރީ ޕްރެސް ޖާނަލްގައިވާ ރިޕޯޓެއް ބުނާ ގޮތުގައި ސުކޭޝް އަކީ ގޯސް މީހެއްކަމާއި އޭނާއާ ގުޅުން ނުބާއްވަން ޖެކްލީންގެ އެކުވެރި ބޮލީވުޑް އެކްޓަރުން ކަމަށްވާ ސަލްމާން ޚާނާއި އަކްޝޭ ކުމާރު ވެސް އޭނާއަށް ވަރަށް ނަސޭހަތްތެރިވި އެވެ.
ޖެކްލީންގެ ބޮލީވުޑްގެ ކެރިއަރު މިހާ ހިސާބަށް އައީ ސަލްމާނާއި އަކްޝޭ މެދުވެރިގެން ހޯދައިދިން ގިނަ ފިލްމުތަކެއް ކުޅެގެންނެވެ. ނަމަވެސް ސުކޭޝްގެ އަވައިގައި ޖެހި ޖެކްލީން އޭނާގެ އެކުވެރިންގެ ބަސް ނޭހީ އެވެ.
މުމްބައި ފުލުހުންގެ ސީނިއާ އޮފިޝަލަކު ބުނި ގޮތުގައި ސުކޭޝްއާ ބައްދަލުނުކުރަން އަކްޝޭ އާއި ސަލްމާން އަދި އެނޫންވެސް ބޮލީވުޑްގައި މަސައްކަތްކުރާ ޖެކްލީންގެ އެކުވެރިން އޭނާ ކައިރީ ވަރަށް ގިނައިން އެދިފައިވެ އެވެ. ނަމަވެސް ޖެކްލީން އެ އަޑު ނާހާ ސުކޭޝް ދިން އަގުބޮޑު ހަދިޔާތަކާއި ކާރު ފަދަ ތަކެތި ގަބޫލުކުރީ އެވެ.
މި ހަދިޔާތައް ގަބޫލުކުރުމުގެ ސަބަބުން ޖެކްލީން އަށް މި މައްސަލައިން ބޯ ދަމައިގަނެވޭނެ ގޮތެއް ނެތި އޭނާ ވަނީ ބެދިފަ އެވެ.
މި މައްސަލަ ބަލައި އޮފިޝަލުން ގަބޫލުކުރާ ގޮތުގައި ސުކޭޝް ދިން އަގުބޮޑު ތަކެއްޗާއި ފައިސާ ޖެކްލީން ގަބޫލުކުރީ އެއީ އެކި އެކި ބޮޑެތި ކުށްތައް ކޮށްގެން ހޯދާފައިވާ ފައިސާކަން އެނގި ހުރެ އެވެ.
މުމްބައި ފުލުހުން ކައިރީ ޖެކްލީން ބުނެފައިވަނީ ސުކޭޝް ކައިވެންޏެއް ކޮށްގެން އުޅޭކަން އޭނާއަށް އެނގިފައި ނުވާ ކަމަށެވެ. ނަމަވެސް ސުކޭޝް ދިރިއުޅެނީ ލީނާ މާރިއާ ޕޯލް ކިޔާ އަންހެނަކާ އެކުގައި ކަން އެނގޭ ކަމަށެވެ.
ޖެކްލީން އޭނާގެ އެކުވެރިން ކައިރީގައި ބުނެފައިވަނީ ސުކޭޝް އަކީ އޭނާގެ "ޑްރީމް މޭން" ކަމަށާއި ސުކޭޝްއާ ކައިވެނިކުރަން ބޭނުން ކަމަށެވެ.