ކުރީގެ ބަތަލާ އަދި ވަރަށް މަޝްހޫރު ނެށުންތެރިޔެއް ކަމަށްވާ ހެލަން އާއި ސަލްމާން ޚާންގެ ބައްޕަ ސަލީމް ޚާން ކައިވެނި ކުރީ ދެ އަންބަށެވެ. މިކަމުގެ ސަބަބުން ސަލީމްގެ ފުރަތަމަ އަނބިމީހާ އަދި ސަލްމާންގެ މަންމަ ސަލްމާ އަށް ވަރަށް ހިތްދަތި ތަޖުރިބާތަކެއް ކުރަން ޖެހުނެވެ.
ހެލަން ވަރަށް ފަހުން ދިން އިންޓަވިއުއެއްގައި އޭނާ އާއި ސަލީމްގެ ކައިވެނީގެ ސަބަބުން ސަލްމާ އަށް ކުރި އަސަރުތަކުގެ ވާހަކަތައް ކިޔައިދީފައި ވެއެވެ. އަދި މީހެއްގެ ފިރިއަކާ ލޯބީގެ ގޮތުން ގުޅެވުނީމަ ހުދު އޭނާވެސް ވަރަށް ދެރަވެ އެކަމާ ވަރަށް ހިތާމަކުރިކަމަށް ހެލަން ބުންޏެވެ.
ސަލީމް ދެވަނަ ކައިވެނިކުރިއިރު އޭނާ އާއި ސަލްމާ އަށް ހަތަރު ދަރިން ލިބިފައި ތިއްބެވެ. އެއީ ސަލްމާނާއި އަރްބާޒާއި ސުހައިލް އަދި އަލްވިރާ އެވެ.
ޑާންސިން ކުއީންގެ ނަމުގައި 1950 އާއި 1960ގެ އަހަރުތަކުގައި ވިދާލި ހެލަން އޭރުގެ މަޝްހޫރު ސްކްރިޕްޓްރައިޓަރެއް ކަމަށްވާ ސަލީމްއާ ދެ އަންބަށް ކައިވެނިކުރީ 1980 ވަނަ އަހަރު އެވެ.
ދޮންދަރިފުޅު އަރްބާޒް ޚާންގެ ޝޯ "ދި އިންވިންސިބަލްސް"ގެ އެޕިސޯޑެއްގައި ވާހަކަދައްކަން ހެލަން ވަނީ އެ ކައިވެނި ކުރެވުނު ގޮތުގެ ވާހަކަތައް އަރްބާޒަށް ކިޔައިދީފަ އެވެ.
ސަލްމާ އާއި އޭނާގެ ދަރިން މި ކައިވެންޏާ ކުރިން ދެކޮޅު ހަދައި ރުޅި އައިސްގެން އުޅުނު ނަމަވެސް ހެލަންގެ ހިތްހެޔޮކަމާއި ރަނގަޅުކަމުން އެ އެންމެންގެ ހިތް އަތުލައި އެ އާއިލާއިން އޭނާގެ އަމިއްލަ ޖާގައެއް ވަނީ ހޯދާފަ އެވެ. މިހާރު ހެލަން އާއި ސަލީމްގެ ފުރަތަމަ އަނބިމީހާ ސަލްމާ އަދި ދަރިންނާ ވަރަށް ގާތް ގުޅުމެއް އޮވެ އެވެ. ސަލްމާގެ ދަރިން ދެކެނީ ހެލަން އަކީ ވެސް އެމީހުންގެ މަންމައެއްގެ ގޮތުގަ އެވެ.
ހެލަން ބުނި ގޮތުގައި އޭނާގެ އުމުރުން 42 އަހަރު ވަންދެން ނެށުންތެރިއެއްގެ ގޮތުގައި އޭނާއަށް ފިލްމުތަކުގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބުނުކަމީ އޭނާގެ ނަސީބު ގަދަކަމެވެ.
ފިލްމު ކުޅުނު ދުވަސްވަރު ސަލީމް ދެކެ ލޯބި ވެވުނު ގޮތް ކިޔައިދެމުން ހެލަން ބުނީ ސަލީމް އުފެއްދި ފިލްމަކުން އޭނާއަށް ރޯލެއް ދިން ކަމަށާއި ދެ މީހުންގެ ބައްދަލުވުންތައް ފެށުނީ އެހިސާބުން ކަމަށެވެ. އަދި ދާދި އަވަހަށް ދެ މީހުންގެ މެދުގައި ގާތް އެކުވެރިކަމެއް އުފެދުނު ކަމަށެވެ.
"ފެށުނީއްސުރެ ވެސް ސަލްމާ އަހަންނަށް ވަރަށް ހެޔޮ. ވަރަށް ރަނގަޅު. ނަމަވެސް އަހަރެމެން ދެ މީހުންގެ ލޯބީގެ ވާހަކައިން އޭނާއަށް ވަރަށް ފުން އަސަރުތަކެއް ކުރަމުންދިޔަކަން އަހަރެންނަށް ވެސް އެނގޭ. އޭނާގެ ފިރިމީހާ އެހެން އަންހެނަކާ ލޯބީގެ ގޮތުން ގުޅިގެން އުޅޭތަން ދެކޭކަށް އެއްވެސް މީހަކަށް ފަސޭހައެއް ނުވާނެ،" ހެލަން ބުންޏެވެ.
ހެލަން ބުނި ގޮތުގައި އޭނާ އާއި ސަލީމް ގުޅުވައިދިނީ ތަގްދީރެވެ. ސަލްމާ އާއި ސަލީމް ވަކިކުރަން އަދި ސަލީމްގެ އާއިލާއަށް ގެއްލުމެއް ދޭން އޭނާ ދުވަހަކުވެސް ހިތަށް ނާރާ ކަމަށް ހެލަން ބުންޏެވެ.
ރައްޓެހިވެގެން އުޅުނު ދުވަސްވަރު ހެލަންއަށް ވަރަށް ގިނަ ހިންދީ ފިލްމުތައް ކުޅުމުގެ ފުރުސަތު ސަލީމް ހޯދައިދިނެވެ. އަދި މާގިނަ ދުވަހު ރައްޓެހިވެގެން އުޅެފައި ހެލަން ދޫކޮށްލުމުގެ ބަދަލުގައި އެމީހުންގެ ގުޅުމަށް ގަދަރު ދިނުމުގެ ގޮތުން ކައިވެނިކުރަން ސަލީމް ނިންމައި 1980ގައި ކައިވެނި ކުރި އެވެ. އަދި ސަލްމާ އާއި އޭނާގެ ދަރިން ދިރިއުޅޭ ގެއަށް ހެލަން ގެނަ އެވެ.
ސަލީމްގެ މި ނިންމުމުން އޭނާގެ ފުރަތަމަ އަނބިމީހާ އާއި ދަރިންގެ ހިތްތައް ކުދިކުދިވި އެވެ. އަދި ކުރީކޮޅު ސަލްމާ ބަރުދާސްތުކުރަމުންދިޔަ ވޭނާއި ހިތާމަތައް ދޮށީ ދަރިފުޅުގެ ހައިސިއްޔަތުން އެންމެ ރީއްޗަށް ފެނިފައިވަނީ ސަލްމާން އަށެވެ. އޭނާ އާއި ކޮއްކޮމެން ހެލަން ދެކެ ފުރަތަމަކޮޅު ވަރަށް ނަފްރަތުކޮށް ރުޅިއައެވެ. މަންމަ އުޅޭ ހާލު އަބަދާއަބަދު ފެންނަމުން ދިޔައިމަ އެވެ.
ނަމަވެސް ކައިވެންޏަށް ދުވަސްތައް ފާއިތުވަމުންދިޔަ ވަރަކަށް ސަލްމާ އާއި އޭނާގެ ދަރިންގެ ހިތުގައި ހެލަން އަށް އޮތް ރުޅިވެރިކަން ނެތެމުން ދިޔަ އެވެ. ހެލަން އަކީ އާދަޔާޚިލާފު ރަނގަޅު އަންހެނެކެވެ. ދީލަތިކަމާއި ހިތްހެޔޮކަމުގެ މިސާލެކެވެ. ހިތްތިރި، މަޑުމައިތިރި އަދި މީހުންނަށް ވަރަށް ހެޔޮ މީހެކެވެ. އޭނާގެ ހުރި މި ހުރިހާ ރަނގަޅު ސިފަތަކެއްގެ ސަބަބުން ސަލްމާ ވެސް މަޑުމަޑުން ހެލަން އާ ވާހަކަ ދައްކަން ފަށައި ފަހުން އެ ދެމީހުންގެ ގުޅުން ރަނގަޅުވި އެވެ. އެހިސާބުން ސަލްމާގެ ދަރިންނާއި ހެލަންގެ ގުޅުންވެސް ރަނގަޅުވާން ފެށި އެވެ. އަދި ދުވަހެއް ދުވަހަކަށް މި ގުޅުން ބަދަހިވަމުން ގޮސް ހެލަން އަކީ ވެސް އެ އާއިލާގެ ހިއްސާއެއް ކަމަށް އެންމެން ވެސް ގަބޫލު ކުރި އެވެ.
ފަހުން ހެލަން ވަނީ އަންހެން ކުއްޖެއް އެޑޮޕްޓްކޮށްފަ އެވެ. އެއީ އަރްޕިތާ ޚާން އެވެ. ސަލްމާން އާއި އޭނާގެ ކޮއްކޮމެން ދެކޭ ގޮތުގައި އަރްޕިތާ އަކީ އެމީހުންގެ އެއްބަނޑު އެއްބަފާ އެންމެ ހަގު ކޮއްކޮ އެވެ. އެ އެންމެން ވެސް އަރްޕިތާ ދެކެ އިންތިހާއަށް ލޯބިވެ އެވެ.