ބޮލީވުޑް

އަންހެނުން ވަރިކުރަން ސުހައިލް ހާން ކޯޓަށް

ސަލްމާން ޚާންގެ ކޮއްކޮ އަދި ފިލްމު އެކްޓަރު ސުހައިލް ޚާން އޭނާގެ އަންހެނުން ސީމާ ސަޗްދޭވް ހާން ވަރިކުރަން ކޯޓަށް ހިނގައްޖެ އެވެ. ސުހައިލް އާއި ސީމާ ކައިވެނިކުރީ 1998 ގައެވެ. އެ މީހުންގެ ފުރަތަމަ ދަރިފުޅު ނިރުވާން އުފަންވީ 2000 ވަނަ އަހަރު އެވެ. އަދި ދެ ވަނަ ދަރިފުޅު 2011 ގައި ހޯދާފައިވަނީ ސަރަގޭޓް މަންމައެއް މެދުވެރިކޮށެވެ.

މިދިޔަ ހުކުރު ދުވަހު މުމްބައިގެ ފެމެލި ކޯޓުން ސުހައިލް އާއި ސީމާ ވަކި ވަކިން ނުކުމެގެން ދިޔަތަން އެ ގައުމުގެ ނޫސްވެރިންނަށް ފެނި އެ ވާހަކައެއް ނޫސްތަކުގައި ލިޔެފައި ވެއެވެ. މި ދެ މީހުން ކޯޓަށް ހާޒިރުވާތީ އެ ތަނުގެ ސެކިއުރިޓީ އޮތީ ވަރަށް ވަރުގަދަ ކޮށްފަ އެވެ.

ނެޓްފްލިކްސް އިން ދެއްކި ބޮލީވުޑްގެ މަޝްހޫރު ބައެއް އެކްޓަރުންގެ އަނބިންގެ ހަގީގީ ދިރިއުޅުން ދައްކުވައިދޭ ޝޯ "ދަ ފެބިއުލަސް ލިވްސް އޮފް ބޮލީވުޑް ވައިވްސް" ގައި ސީމާ ވެސް ބައިވެރިވި އެވެ. ސުހައިލް އާއި ސީމާ އުޅެނީ ދެ ގޭގައި ކަން އެނގުނީ ގިނަ ބަޔަކަށް އެނގުނީ މި ޝޯ ބަލާފަ އެވެ. އެ ޝޯގައި ސީމާ ބުނީ އެމީހުން ދިރިއުޅެނީ ވަކިން ކަމަށެވެ.

އަދި މިހާރު އޭނާ އާއި ސުހައިލް ދިރިއުޅެނީ ކައިވެނިކޮށް އުޅޭ ދެ މީހުން އުޅޭ ގޮތަށް ނޫންކަމަށް އެ ޝޯގައި ސީމާ ބުނެފައި ވެއެވެ.
މީގެ އެތައް އަހަރެއް ކުރިން ސަލްމާންގެ އަނެއް ކޮއްކޮ އަރްބާޒް ޚާންގެ ކައިވެނި ވެސް ވަނީ ރޫޅިފަ އެވެ. އަރްބާޒް ކައިވެނިކޮށްގެން އުޅުނީ މަޝްހޫރު ބަތަލާ އަދި ނެށުންތެރިޔާ މަލައިކާ އަރޯރާ އާއެވެ.