ސަލްމާން ހާން

16 އަހަރުގައި އިންޑިޔާއަށް ދިޔައީ ސަލްމާނާ ކައިވެނި ކުރާ ހިތުން: ސޯމީ

ސަލްމާން ޚާނާއި އޭނާގެ ކުރީގެ ލޯބިވެރިޔާ ސަންގީތާ ބިޖިލާނީ ކައިވެނި ކުރަން ތައްޔާރުވެފައި ވަނިކޮށް އެ ކައިވެނި ހުއްޓުމަކަށް އަންނަން މެދުވެރިވީ ސަލްމާނު ސަންގީތާ އަށް ބޭވަފާތެރި ވެގެން ކަމަށް ސަންގީތާ ތަންކޮޅެއް ކުރިން ދިން އިންޓަވިއު އެއްގައި ބުނެފައި ވެއެވެ.

ސަންގީތާ އާ ކައިވެނި ކުރަން ދައުވަތު ކާޑުވެސް ޕްރިންޓް ކުރިފަހުން ސަލްމާން ލޯބީގެ ގުޅުމެއް ހިންގާފައި ވަނީ ސޯމީ އަލީ ކިޔާ އަންހެންކުއްޖަކާ އެވެ. ސޯމީ އަކީ އެ ދުވަސްވަރު ބައެއް ހިންދީ ފިލްމުތަކުން ވެސް ފެނުނު ބަތަލާ އެކެވެ.

ނަމަވެސް ސޯމީގެ ބޮލީވުޑް ކެރިއަރު ވަރަށް ކުރެވެ. ސަލްމާނާ އޮތް ގުޅުން ކެނޑުނު ހިސާބުން ސޯމީ ވަނީ ފިލްމު ކުޅުން ހުއްޓާލާ އޭނާގެ ވަޒަނަށް އެނބުރި ގޮސްފަ އެވެ.

ސައިފް އަލީ ހާން އާއި ސުނިލް ޝެޓީ އާއެކު ބައެއް ފިލްމުތައް ކުޅުނު ސޯމީ ދީފައިވާ އިންޓަވިއު އެއްގައި ބުނެފައި ވަނީ އޭނާ އިންޑިޔާއަށް އައުމުގެ މަގުސަދަކަށްވީ ސަލްމާނާ ކައިވެނި ކުރުމެވެ.

ސޯމީގެ އިންޓަވިއުގައި އޭނާ ވަނީ އިންޑިޔާއަށް ދިރިއުޅުން ބަދަލު ކުރަން މައިންބަފައިން އެއްބަސް ކުރުވަން ބުރަ މަސައްކަތްތަކެއް ކުރަން ޖެހުނު ކަމަށް ވެސް ބުނެފަ އެވެ.

އުމުރުން އެންމެ 16 އަހަރުގައި ސޯމީ އިންޑިޔާއަށް ހިޖުރަ ކުރަން ބޭނުންވީ ސަބަބެއް ކަމަށް އޭނާ މައިންބަފައިން ކައިރީ ބުނީ ބޮލީވުޑް ފިލްމު ކުޅޭ ހިތުން ކަމަށެވެ. ނަމަވެސް ހަގީގަތުގައި ސޯމީ ބޭނުންވީ ސަލްމާނާ ކައިވެނި ކުރާށެވެ. ފިލްމު ކުޅުމަކަށް އޭނާގެ އެއްވެސް ޝައުގެއް ނެތެވެ.

"ސަލްމާންގެ 'މައިނޭ ޕިޔާރް ކިޔާ' 1991 ގައި ރިލީޒް ކުރިއިރު އަހަންނަށް 16 އަހަރު. އެ ފިލްމު ބަލާފައި އަހަރެން ސަލްމާނާ ހެދި މޮޔަވި. އަދި އޭނާއާ ކައިވެނި ކުރަން ބޭނުންވި. އަހަރެންގެ މައިންބަފައިން ފުރަތަމަ އަހަރެން ނުފޮނުވަން ވަރަށް އުޅުނު. ނަމަވެސް މަންމަ އެންމެ ފަހުން އެއްބަސްވެ ބައްޕަ ކައިރީ އަހަރެން ދަނީ އިންޑިޔާގައި ހުރި ތިމާގެ މީހެއް ކައިރިއަށޭ ކިޔާ އޮޅުވާލައިގެން އަހަރެން އިންޑިޔާއަށް ފޮނުވި،" ސޯމީ ބުންޏެވެ.

ސޯމީ އަކީ ޕާކިސްތާން ދެމަފރިއެއްގެ ދަރިއެކެވެ. އޭނާ ގޮވައިގެން އޭނާގެ މައިންބަފައިން އެމެރިކާގެ މިއާމީއަށް ބަދަލުވިއިރު ސޯމީ ވަރަށް ކުޑަ އެވެ. އޭގެ ފަހުން އޭނާ ދިރިއުޅެމުން ދިޔައީ އެމެރިކާގަ އެވެ.

ސޯމީ ސަލްމާންގެ އަވައިގައި ޖެހިގެން މުމްބައިއަށް އައިސް ހޮޓަލެއްގައި ދިރިއުޅެން ފެށި އެވެ. އަދި ފިލްމު ކުޅޭ ފުރުސަތު ލިބޭތޯ މަސައްކަތް ފެށި އެވެ. ސަލްމާނާއި ގުޅުން ބަދަހި ކުރާނެ އެނޫން ގޮތެއް ނުފެނިގެންނެވެ.

ނަމަވެސް ހުދް ސޯމީ ވެސް ގަބޫލުކުރާ ގޮތުގައި އޭނާއަކީ ކޮންމެ ޑައިރެކްޓަރަކަށް ވެސް ބިރުވެރި ހުވަފެނެއް ކަހަލަ މީހެކެވެ. ސަބަބަކީ ރިހާސަލް ތަކަށް ދާކަށް އޭނާ ބޭނުމެއް ނުވެ އެވެ. އަދި އޭނާގެ ކިބައިގައި އެމެރިކާ ގޮތްގަނޑު ވަރަށް ބޮޑެވެ. ހިންދީ ފިލްމު އިންޑަސްޓްރީއަށް އޭނާ އެއްގޮތަކަށް ވެސް ފިޓެއް ނުވެ އެވެ. އެންމެ 16 އަހަރުގައި ސޯމީގެ ވިސްނުން ހުރީ ވެސް ކޮންމެހެން ބޮލީވުޑް ކެރިއަރަކަށް ނޫނެވެ. އޭނާގެ ޅަ ސިކުނޑިއަށް ވެރިވެފައި ވަނީ ސަލްމާނުގެ މަސްތެވެ.

ވަރަށް މަސައްކަތުން ސޯމީ އާއި ސަލްމާން ބައްދަލުވެ އެ ދެ މީހުންގެ މެދުގައި ވަރުގަދަ ލޯބީގެ ގުޅުމެއް އުފެދުނެވެ. ސަންގީތާ އާ ރުޅި ކުރުވުމަށް ފަހު ސަލްމާނާ ރައްޓެހި ވެގެން ގާތްގަނޑަކަށް އަށް އަހަރު ސޯމީ އުޅުނެވެ.

އަށް އަހަރު ފަހުން އެމީހުންގެ ލޯތްބަށް ނިމުން އައުމުން ސޯމީ އެނބުރި އެމެރިކާއަށް ދިޔައީ އެވެ. އޭގެ ފަހުން މިހާތަނަށް ވެސް ސަލްމާނާ އެއްވެސް ގުޅުމެއް ނެތް ކަމަށް ސޯމީ ބުންޏެވެ.