ބޮލީވުޑް

ބޮއިކޮޓް ކެމްޕޭނާ ގުޅިގެން ބޮލީވުޑަށް ގެއްލުން

ސޯޝަލްމީޑިއާގައި ބޮލީވުޑްގެ ވަކި ތަރިންތަކެއްގެ ފިލްމްތައް ބޯއިކޮޓްކުރަން ގޮވާލުން މިފަހަކަށް އައިސް ވަނީ އިތުރުވެފަ އެވެ.

އެކަން ކުރާ ބަޔަކު އެކަން ކުރަނީ ވަކި މުހިއްމު ސަބަބުތަކެއް ދައްކައިގެން ވެސް ނޫނެވެ. ގިނަ ފަހަރަށް އެކަން ކުރަނީ ސިކުނޑި ސުމަކަށްދާ ކަހަލަ މޮޔަ ސަބަބެއް ދައްކައިގެން ނޫނީ ބޯދާވިސްނުމާއި ދީނީ ގަބޫލުކުރުންތަކެއްގެ ތެރެއިންނެވެ.

މިގޮތުން މި މަހު އެކަނިވެސް "ލާލް ސިންގް ޗައްޑާ"، "ރަކްޝާ ބަންދަން"، "ޑާލިންގްސް"، ފަދަ ފިލްމްތައް ބޯއިކޮޓްކުރުމަށް ގޮވާލާފައިވެ އެވެ. މިކަމާ ގުޅިގެން އެ ފިލްމްތަކަށާއި ޑިސްޓްރިބިއުޓަރުންނަށާއި ސިނަމާތައް ހިންގާ މީހުންނަށް ބޮޑެތި ގެއްލުން ލިބިފައިވެ އެވެ.

"ލާލް ސިންގް ޗައްޑާ" ބޯއިކޮޓްކުރުމަށް ގޮވާލީ އިންޑިއާގައި ރޭޕް އާންމުވުމާ ގުޅިގެން 2015 ވަނަ އަހަރު އާމިރު ހާން ކުރި ޓްވީޓެއް ބޮޑު މައްސަލައަކަށް ހަދައި އާމިރަކީ ގައުމިއްޔަތު ނެތް އެކްޓަރެއް ކަމަށް ބުނެ އެވެ.

"ރަކްޝާ ބަންދަން" ބޯއިކޮޓްކުރުމަށް ގޮވާލީ އެ ފިލްމުގެ ލިޔުންތެރިއެއްގެ ޓްވީޓްތަކެއް ހިންދޫންނާ އިދިކޮޅު ކަމަށް ބުނެ އެވެ. "ޑާލިންގްސް" ބޮއިކޮޓް ކުރަން ގޮވާލީ ފިރިހެނުންނަށް ކުރާ ގެވެށި އަނިޔާ ޕްރޮމޯޓްކުރާ ކަމަށް ބުނެ އެވެ. "ޑާލިންގްސް" ގައި ދައްކުވައިދެނީ އަންހެނަކަށް ކުރާ ގެވެށި އަނިޔާއަށް ކެތްނުކުރެވިގެން ފިރިމިހާ ކައިރިން ބަދަލުހިފާ މަންޒަރުތަކެވެ.

ކުރިއަށް ނެރުމަށް ހަމަޖެހިފައިވާ "ޕަޓާން"، "ބްރަހްމާސްތްރާ"، "ވިކްރަމް ވޭދާ" ފަދަ ފިލްމުތައް ބޮއިކޮޓް ކުރުމަށްވެސް މިހާރު ވަނީ ކެމްޕޭންތައް ފަށާފަ އެވެ.

މިކަންކަމުން އެނގެނީ ފިލްމް ނުބަލާވެސް ބޯއިކޮޓް ކެމްޕޭން ބާރަށް ކުރިއަށް ގެންދަން އެކަން ކުރާ ބަޔަކު ބޭނުންވާ ކަމެވެވެ. "ޕަޓާން" ބޮއިކޮޓްކުރުމަށް ގޮވާލަނީ ދީނުގެ ނަމުގަ އެވެ. "ވިކްރަމް ވޭދާ" ބޮއިކޮޓް ކުރަން ގޮވަނީ އެ ފިލްމްގެ އެކްޓަރު ރިތިކް ރޯޝަން "ލާލް ސިންގް ޗައްޑާ" އަކީ ހިތްގައިމު ފިލްމަށް ވާތީ ބަލާލުން ރަނގަޅޭ ބުނި ކަމަށްޓަކަ އެވެ.

މީގެ އިތުރުން ޝާރުކް ހާން "ލާލް ސިންގް ޗައްޑާ"ގައި ހާއްސަ މެހްމާނެއްގެ ގޮތުގައި ފެނިލާފައިވާތީ، ސަލްމާން ހާންގެ ކުރިއަށް އޮތް ފިލްމް "ޓައިގާ 3"ގައި ޝާރުކް ހާން މުހިއްމު ދައުރެއް އަދާކުރާތީ އެ ފިލްމު ބޮއިކޮޓް ކުރުމަށްވެސް މިހާރު ދަނީ ގޮވާލަމުންނެވެ.

ބޮލީވުޑްގެ ތަރި އަރްޖުން ކަޕޫރާއި ބައެއް އެހެން ތަރިން މިހާރު ގެންދަނީ ބޮލީވުޑް ފިލްމުތައް ބޮއިކޮޓް ކުރުމަށް ގޮވާލާ ހިންގާ ކެމްޕޭންތަކާ ދެކޮޅަށް ވާހަކަވެސް ދައްކަމުންނެވެ. އެކަމުގެ ބަދަލުގައި ފާޑު ކިޔާ ތަރިންނަށް ސޯޝަލްމީޑިއާގައި ޓްރޯލްކުރުމާއި ޖައްސާލުންވެސް ވަނީ އިތުރުވެފަ އެވެ.