ޝާހްރުކް ހާން

ލާލް ސިންގް ޗައްޑާއިން ޝާހް ފެނިލުމުން ފޭނުން މޮޔަވަނީ

Aug 13, 2022

އާމިރް ހާން އާއި ކަރީނާ ކަޕޫރުގެ އެންމެ ފަހުގެ ފިލްމް "ލާލް ސިންގް ޗައްޑާ"ގައި ބޮލީވުޑްގެ ރަސްގެފާން ޝާހްރުކް ހާން ހާއްސަ މެހްމާނެއްގެ ގޮތުގައި ފެނިލުމުން އޭނާގެ ފޭނުންނަށް އެކަން ވަރަށް ހިތްގައިމު ކަމަކަށް ވެއްޖެ އެވެ.

"ލާލް ސިންގް ޗައްޑާ"ގައި އާމިރުގެ ކެރެކްޓާ ކުޑަ އިރު ދައްކުވައިދޭ މަންޒަރެއްގައި ޝާހުގެ ސިގްނޭޗާ ޕޯސްގެ ގޮތުގައި ގިނަ ބަޔަކު ދެކޭ -- އަރިއަކަށް ހުރެ ދެއަތް ނަގާ ޕޯސް --ދަސްކޮށްދޭ މަންޒަރު ފެނިގެންދެ އެވެ.

ޝާހްއާ ހެދި މޮޔަވެފައިވާ އޭނާގެ ފޭނުން ޝާހްއަށް ތައުރީފް ކުރަމުން ޓްވިޓާގައި ބުނެފައިވަނީ ތިން ގަޑިއިރުގެ ފިލްމުގައި ޝާހް ފެނިގެންދާ ދެ މިނެޓްގެ މަންޒަރުތައް މާބޮޑަށް ވެސް ފާހަގަކުރެވޭ ކަމަށެވެ.

ޝާހް ވަނީ އޭނާގެ ގާތް މީހުންގެ ފިލްމުތަކުގައި މީގެކުރިންވެސް ހާއްސަ މެހްމާނެއްގެ ގޮތުގައި ފެނިލާފަ އެވެ.

ރަންބީރް ކަޕޫރާއި އާލިއާ ބަޓް ކަޕޫރްގެ ފިލްމް "ބްރަހްމާސްތްރާ"ގައި ވެސް ޝާހުގެ ހާއްސަ ފެނިލުމެއް ވާކަމަށް ބުނެ، ފޮޓޯތަކަކާއެކު ފޭނުން ވަނީ ޓްވިޓާގައި އެކަންވެސް ބޮޑު ކަމަކަށް ހަދާފަ އެވެ.