ބޮލީވުޑް

ތިން ހާން ވެސް މިއަހަރު ފްލޮޕް!؟

އަހަރު ނިމުމާ ކައިރިވެފައި ވާއިރު، މި އަހަރު އެންމެ އުއްމީދު ކޮށްގެން ތިބި ފިލްމުތަކަށް މިވީ ގޮތެއް ނޭނގުނެވެ. ބޮލީވުޑްގެ އޭ ލިސްޓު "ތިން ޚާން"، ޝާހްރުކް ޚާނާއި އާމިރް ޚާން އަދި ސަލްމާން ޚާން މި އަހަރު ގެނެސްދިން ފިލްމުތައް ސިނަމާތަކުގައި ވަނީ ބަލާނެ ބަޔަކު ނެތި ޝޯތައް ނަގަން ޖެހޭ ހާލަތުގަ އެވެ.

އަހަރުގެ މެދުތެރެއިން ނެރުނު "ރޭސް" ތިނަކުން ސަލްމާން ޚާންގެ އެކްޓިންގައި ތަފާތު ކަމެއް ނުދެއްކުނު އިރު، އާމިރް ޚާންގެ "ތަގްސް އޮފް ހިންދުސްތާން" ވެގެން ދިޔައީ އޭނާ ކުޅުނު އެންމެ ކޫސަނި ފިލްމަށެވެ.

އަދި މީގެ އެއްދުވަސް ކުރިން އެޅުވި ޝާހްރުކް ޚާންގެ ފިލްމު "ޒީރޯ" އަށް ޓިކެޓު ގަނެފަ ތިބި މީހުން މިހާރު ދަނީ ރީފަންޑު ހޯދަން މަސައްކަތް ކުރަމުންނެވެ. އެންމެވެސް ޒީރޯއަށް ދިނީ ސުމެކެވެ. މި ތިން ފިލުމާއެކު ތިން ޚާނުން އެކުގައި މިއަހަރު ފެއިލްވީ ހެއްޔެވެ؟

ރޭސް 3

ރެމޯ ޑި ސޫޒާ ޑައިރެކްޓުކުރި ރޭސް ތިނެއްގައި ސަލްމާން ހާން ތަފާތު ކޮށްލުމަށް ވަނީ އަމިއްލަ ޅެމެއް ވެސް ހަދާފަ އެވެ. ކްރިޓިކުން ބުނާ ގޮތުގައި މި ފިލްމަކީ ރޭސް އެކަކާއި ރޭސް ދޭއްގެ މައްސުނިގަނޑެކެވެ. ފިލްމަށް ބޮކްސް އޮފީސްގައި މާ ބޮޑު ކާމިޔާބީ އެއް ނުލިބުނި އިރު، ފިލްމުގެ ލަވަތައް ވެސް ވަޔަކު ނުހިފި އެވެ.

ފިލްމުގެ ކާސްޓުންގެ ތެރޭގައި ޖެކްލީން ފެނާންޑޭޒް އާއި ބޮބީ ޑިއޯލް، ޑެއިޒީ ޝާހާއި ސާގިބް ސަލީމާއި ސޮނާކްޝީ ސިންހާ އަދި އަނިލް ކަޕޫރް ހިމެނުނު އިރު ރޭސް ތިނަކަށް އެންމެ މަތިން ވެސް ރޭޓް ކޮށްފައި ހުރީ ފަސް ތަރިން ދެ ތަރި އެވެ.

ތަގްސް އޮފް ހިންދުސްތާން

ޔަޝް ރާޖް ފިލްމްސް އިން މިއަހަރު ނެރުނު "ތަގްސް އޮފް ހިންދުސްތާން" ވެގެން ދިޔައީ އާމިރްޚާންގެ ފިލްމީ ހަޔާތުގައި ކުޅުނު އެންމެ ކަމުނުދާ ފިލްމަށް ކަަމަށް ބެލުންތެރިން ބުނެ އެވެ. އާމިރާއެކު އަމީތާބް ބަޗަން ފެނުނު މި ފިލްމުގައި، ސްކްރިޕްޓު ކަމު ނުދިޔުމާއި ހަމަނުޖެހޭ މަންޒަރުތައް ގިނަވުމުގެ ސަބަބުން ބޮކްސް އޮފީހުގެ ޗާޓުގެ ފުލަށް ސޮއްސާލީ އެވެ. ތަގްސް އޮފް ހިންދުސްތާނަށް ޓައިމްސް އޮފް އިންޑިއާއިން ރޭޓް ކުރީ ފަސްތަރިން ދެ ތަރިއާ ފަޅި އެވެ.

ޒީރޯ

އަހަރުގެ އެންމެ އިންތިޒާރު ކުރެވުނު ފިލްމަށް ޝާހްރުކް ޚާންގެ ފިލްމު "ޒީރޯ" ވާނެ އެވެ. އާނަންދު އެލް ރާއި ޑައިރެކްޓު ކުރި މި ފިލްމު ނެރުނުތާ އެންމެ ދެ ދުވަސް ވެފައިވާއިރު، މި ފިލްމުވެސް ވެގެން ދިޔައީ ޝާހުގެ ފޭނުން ހިތުގައި ޖެއްސި ސުމެއްގެ ފިލްމަކަށެވެ.

މޮޅު ޓްރެއިލާއެއް މި އަހަރު ފަހު ކޮޅު ނެރުމުން މި ފިލްމު މިއީ މި އަހަރުގެ އެންމެ މޮޅު ފިލްމަށް ވާނެ ކަމަށް ހީކޮށްގެން ތިބި ބެލުންތެރިން ސިނަމާއިން ނިކުތީ ޝާހުގެ ފިލްމުތައް ދެން ނުބެލުމަށް ނިންމައިގެނެވެ. ޒީރޯގެ ސްކްރީންޕްލޭ އާއި ޑައިރެކްޝަންއަށް ސުމެއްދީ، އިންޑިއާގެ ގިނަ ނޫސްތަކުން މި ފިލްމަށް ދިނީ ފަސް ތަރިން ދެ ތަރި އެވެ