ޝާހްރުކް ހާން

"ލާލް ސިންގް ޗައްޑާ" ގައި ޝާޙްރުކް - ސަލްމާންގެ ފެނިލުމެއް

ފާއިތުވެގެން މިދާ 2020 އަކީ ހިންދީ ފިލްމު އިންޑަސްޓްރީގެ ހަޔާތުގައި ވެސް ފެނިފައިވާ އެންމެ ބަނަ ދުވަސްތަކަށް ވެފައިވީ ނަމަވެސް ކުރިޔަށް އޮތް 2021 ވަރަށް ރަނގަޅުވާނެކަމުގެ ކޮޅުމަތި ދަނީ ފެންނަމުންނެވެ. ވަރަށް މޮޅު ރީތި ފިލްމުތަކެއް އަންނަ އަހަރު ރިލީޒްވާން ތައްޔާރުވަމުންދާއިރު މީގެ ތެރެއިން ވެސް އާމިރު ޚާންގެ "ލާލް ސިންގް ޗައްޑާ" ގިނަ މީހުން ވަރަށް ބަލާލާހިތުން ތިބި ފިލްމެކެވެ.

މި ފިލްމުން ޝާޙްރުކް ޚާން ވެސް މެހެމާނެއްގެ ރޯލުން ފެންނާނެ އެވެ. އަދި މިހާރު އޭނާ ވަނީ އެ މަންޒަރުތައް ޝޫޓްކޮށް ނިންމާލާފަ އެވެ. މި ފިލްމުގައި ހަމަ މިފަދަ ރޯލެއް ކުޅެދޭން ސަލްމާން ޚާން އެއްބަސްކުރުވުމުގެ މަސައްކަތް މިހާރު އާމިރު ވަނީ ފަށާފަ އެވެ.

ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި "ލާލް ސިންގް ޗައްޑާ"ގައި ޝާހްރުކް ކުޅުނީ އޭނާގެ އެންމެ މަޝްހޫރު އެއް ފިލްމު "ދިލްވާލޭ ދުލްހަނިޔާ ލޭ ޖާއޭނގޭ"ގައި ކުޅެފައިވާ ރާޖްގެ ކެރެކްޓާ އެވެ.

ކޮންމެ ސާސްކަފަކުން އެންމެ ފާހަގަ ކުރެވޭ އެކްޓަރެއް ލައްވާ އެ ކެރެކްޓާއެއް ކުޅުވާފައި "ލާލް ސިންގް ޗައްޑާ"ގައި ހިމެނުމަށް އާމިރު ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ޝާހްރުކް ލައްވާ "ދިލްވާލޭ ދުލްހަނިޔާ ލޭ ޖާއޭނގޭ"ގެ ރާޖްގެ ކެރެކްޓާ އަލުން ކުޅުވީ އެވެ. މި ފިލްމަކީ މީގެ 25 އަހަރު ކުރިން ރިލީޒްކޮށްފައިވާ ފިލްމަކަށް ވާތީ އޭރު ޝާހްރުކް ހުރި ޒުވާން ސިފަ އާއި މިހާރުގެ ސިފަ ތަފާތުކަމުން ޒުވާން ޝާހްރުކެއް ދެއްކުމުގެ ގޮތުން ވީއެފްއެކްސް އާއި ޕްރޮސްތެޓިކްސް ބޭނުން ކުރަން ޖެހުނު ކަމަށް ވެސް މި ރިޕޯޓުގައި ބުނެފައި ވެއެވެ.

"ލާލް ސިންގް ޗައްޑާ"ގައި ސަލްމާން ލައްވާ ކުޅުވަން އާމިރު ބޭނުންވަނީ "ހަމް އާޕް ކޭ ހޭ ކޯން" އާއި "މައިނޭ ޕިޔާރް ކިޔާ" އަދި "ހަމް ސާތު ސާތު ހޭ" ގައި އޭނާ ކުޅުނު ޕްރޭމްގެ ކެރެކްޓާ އެވެ.

މިހާރު ޝޫޓްކުރަން ހަމަޖެހިފައިވާ ގޮތަށް ހުރިހާ ކަމެއް ފުރިހަމަ ކުރެވިއްޖެނަމަ "ލާލް ސިންގް ޗައްޑާ" ވެގެން ދާނީ އެންމެ މަޝްހޫރު ތިން ޚާނުން އެއް ފިލްމަކުން ފެންނާނެ ފުރަތަމަ ފިލްމަށެވެ.

ކަރީނާ ކަޕޫރު ބަތަލާގެ ރޯލު ކުޅެފައިވާ މި ފިލްމަކީ ހޮލީވުޑް މަޝްހޫރު ފިލްމު "ފޮރެސްޓް ގަމްޕް"ގެ ހިންދީ ރިމޭކެވެ. އާމިރު މި ފިލްމުގައި ކުޅެނީ ހޮލީވުޑް ފިލްމުގައި ޓޮމް ހޭންކްސް އަދާކުރި ރޯލެވެ.