ވިޔަފާރި

ރާއްޖޭގައި ބައިނަލްއަގުވާމީ ޓޫރިޒަމް ފެއާއެއް ބޭއްވުން މުހިންމު: ދިރާސާ

Oct 24, 2016
2

ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރަން ބައިނަލްއަގުވާމީ ޓްރެވަލް ފެއާއެއް ރާއްޖޭގައި ބޭއްވުން މުހިންމު ކަމަށް މަޝްހޫރު ލެކްސިސްނެކްސިސް އިން ބުނެފި އެވެ.

ދުނިޔޭގެ އެންމެ ވަރުގަދަ ދިރާސާ ކުންފުނި ކަމަށްވާ "ލެކްސިސްނެކްސިސް" އިން ނެރެފައިވާ ރާއްޖޭގެ ޑެސްޓިނޭޝަން މާކެޓިން ރިޕޯޓުގައިވާ ގޮތުން ރާއްޖޭން ޔޫރަޕު މާކެޓަށް ހާއްސަކޮށްގެން ހިންގާ މާކެޓިން ހަރަކާތްތައް ވަރުގަދަކޮށް، ޗައިނާގައި މާކެޓު ކުރުމުގައި އިތުރު މަސައްކަތް ތަކެއް ރާއްޖެއިން ކުރަން ޖެހެ އެވެ.

އަދި ރާއްޖޭގެ ޓޫރިޒަމްގައި ހިމެނޭ ހާއްސަ ބައިތައް ކަމަށްވާ ސްޕާ އާއި ވެލްނަސް ސެކްޓާ އާއި ހޮޓާ އަދި ރިސޯޓުތަކުގެ އިތުރުން އެއާލައިންތައް ހިމަނައިގެން ރާއްޖޭގެ އަމިއްލަ ހަރަކާތެއް ހިންގުމަށް އެ ދިރާސާގެ ރިޕޯޓްގައި ލަފާދީފައިވެ އެވެ.

ލެކްސިސްނެކްސިސް އިން ރާއްޖޭގައި ޓޫރިޒަމް ފެއާއެއް ބޭއްވުމަށް ލަފާ ދީފައިވާއިރު، ދެ މިލިއަން ޓޫރިސްޓުން ގެނައުމަށް އަމާޒުކޮށް، ދިވެހި ކުންފުންޏެއް ކަމަށްވާ "މޯލްޑިވްސް ގެޓަވޭސް" އިން ދަނީ ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް) ގެ ނަމުގައި އަންނަ އަހަރުގެ ޖުލައި މަހު ޓޫރިޒަމް ފެއާއެއް ބޭއްވުމަށް ތައްޔާރުވަމުންނެވެ.

އެ ފެއާގައި ރާއްޖެ އާއި ރާއްޖޭން ބޭރުގެ 150 ޓްރެވަލް އެޖެންޓުންނާއި 100 ރިސޯޓުގެ އިތުރުން ޓޫރިސްޓު ހޮޓާތަކުގެ އިސް ވެރިނާއި 50 ނޫސްވެރިން ވެސް ބައިވެރިވާނެ އެވެ.

ލެކްސިސްނެކްސަސް އިން މި ރިޕޯޓު ނެރެފައި ރާއްޖޭގެ ޓޫރިޒަމް ވަރުގަދަ ކުރުމަށް ޓޫރިޒަމް މިނިސްޓްރީގެ އިސް ނެގުމާއެކު ކުރަމުންގެންދާ މަސައްކަތުގެ ދަށުންނެވެ.

މި ރިޕޯޓުގައި ރާއްޖޭގެ ޓޫރިޒަމް 1972 ވަނަ އަހަރުން ފެށިގެން ބަދަލުވަމުން އައިގޮތް ވަރަށް ރަނގަޅަށް ކިޔައިދީފައިވެ އެވެ. މި ދިރާސާގައިވާ ގޮތުން މީގެ 44 އަހަރު ކުރިން، ކުރީގެ ސިލޯނު އަދި މިހާރުގެ ސްރީލަންކާ މަގުން ޗާޓަރު ފްލައިޓެއްގައި އައި 44 ޓޫރިސްޓުންނަކީ ރާއްޖޭގެ ޓޫރިޒަމްގެ ފެށުމެވެ. ފުރަތަމަ ޓޫރިސްޓުންގެ ގްރޫޕު ރާއްޖެ އަށް ޒިޔާރަތް ކުރީ ފެބްރުއަރީ16، 1972 ގަ އެވެ.