ވިޔަފާރި

ޗައިނާ ޓޫރިސްޓުން ޝައުގުވެރި ކުރުވާނެ ހުނަރުތައް ދަސްކޮށްދެނީ

  • ތަމްރީންތައް ބާއްވަނީ މަޓާޓޯއިން
  • މި ޕްރޮގްރާމް އޮތީ އަންނަ މަހު
  • ޓޫރިޒަމް ދާއިރާއަށް ހާއްސަ ވެފައި

ޗައިނާ ޓޫރިސްޓުން ޝައުގުވެރި ކުރުވާނެ ހުނަރުތައް ދަސްކޮށްދޭން، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ހާއްސަ ތަމްރީން ޕްރޮގްރާމެއް ހިންގަން ތައްޔާރު ވެއްޖެ އެވެ.

ރާއްޖޭގެ ޗައިނާ މާކެޓު ދަށްވެފައިވާ މިދަނޑުވަޅުގައި މަޓާޓޯއިން އިސް ނަގައިގެން ކުރިއަށް ގެންދާ "އެޓްރެކްޓިން ދަ ރައިޓް ޗައިނީސް ޓްރެވަލާ" ތަމްރީން ޕްރޮގްރާމު ކުރިއަށް ގެންދަނީ ޗައިނާގެ އައުޓްބައުންޑް ޓޫރިޒަމް އިންސްޓިޓިއުޓް (ކޮޓްރީ) އާ ގުޅިގެންނެވެ. މި ޕްރޮގްރާމް ހިންގާނީ އަންނަ މަހުގެ 11 ވަނަ ދުވަހު އެވެ.

މަޓާޓޯގެ މި ޕްރޮގްރާމް ހާއްސަ ކުރާނީ ޓޫރިޒަމް ސިނާއަތުގައި މަސައްކަތްކުރާ ސޭލްސް އާއި މާކެޓިން ދާއިރާގެ މީހުންނަށެވެ. ތަމްރީން ދޭނީ ކޮޓްރީގެ ފައުންޑާ އަދި ޑިރެކްޓަރު ޕްރޮފެސަރު ޑރ. ވުލްފްގެންގް ޖޯޖް އޯލްޓް ކަމަށް އެ ޖަމިއްޔާ އިން ބުނެ އެވެ.

މި ތަމްރީން ތަކުގައި ބައިވެރިވުމުގެ ފުރުސަތު ރިސޯޓުތަކާއި ގެސްޓްހައުސް އަދި ސަފާރީތަކަށް ވަނީ ހުޅުވާލާފަ އެވެ.

ޗައިނާ އަކީ ގައުމުން ބޭރަށް އެންމެ ގިނަ މީހުން ދަތުރު މީހުން ތިބި ގައުމެވެ. އެ ގައުމުގެ "އައުޓް ބައުންޑް ޓްރެވަލާސް" މާކެޓަށް އަހަރަކު 125 މިލިއަން މީހުން ދަތުރުކުރާ ކަމަށްވެ އެވެ. އަދި މި މީހުންގެ ހޭދަ އުޅެނީ 260 ބިލިއަން ޑޮލަރަށްވުރެ މަތީގަ އެވެ.

ރާއްޖެއަކީ ޗައިނާ މީހުން އެންމެ ޝައުގުވެރި ކުރުވާ 10 މަންޒިލްގެ ތެރޭގައި ހިމެނޭ އެއް ގައުމަށެވެ. ޓޫރިޒަމް ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އެ ގައުމުން މި އަހަރުގެ މިހާތަނަށް 141،495 މީހުން އައިސްފައިވެ އެވެ. ނަމަވެސް މިއީ މިދިޔަ އަހަރު ރާއްޖެއަށް އައި 157,764 މީހުންނާ އަޅާބަލާއިރު 10.3 ޕަސެންޓް ދަށް އަދަދެކެވެ.