ވިޔަފާރި

ސްރީލަންކާގައި ކްލަބް މެޑްގެ ފުރަތަމަ ރިސޯޓު ހުޅުވަނީ

ސްރީލަންކާގައި ކްލަބް މެޑް ފުރަތަމަ ރިސޯޓު ހުޅުވަން މަސައްކަތް ކުރަމުންދާ ކަމަށް ބުނެފި އެވެ.

ރާއްޖޭގައި ވެސް ރިސޯޓު ހިންގާ ބައިނަލްއަގުވާމީ ޓޫރިޒަމް ބްރޭންޑާ ހަވާލާދީ، ބައެއް ނޫސްތަކުގައިވާ ގޮތުން ސްރީލަންކާގެ އެލްއޯއެލްސީ ގްރޫޕުން އެ ގައުމުގެ ބެރުވެލާގައި މި ރިސޯޓު ހުޅުވަނީ 2019 ވަނަ އަހަރެވެ.

ކްލަބް މެޑުގެ މި ރިސޯޓު ހުޅުވުމުގެ ގޮތުން އެ ކުންފުންޏާއި ސްރީލަންކާގެ އެލްއޯއެލްސީ ގްރޫޕާ ދެމެދު މިދިޔަ މަހުގެ 28 ވަނަ ދުވަހު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

އެ ކުންފުނިން ބުނެފައިވާ ގޮތުގައި ސްރީލަންކާގައި ހުޅުވާ މި ރިސޯޓު ވެގެން ދާނީ އާއިލީ ޓޫރިޒަމަށް ފައްކާ ކުރާ ޕްރޮޕަޓީއަކަށެވެ.

ސްރީލަންކާގެ އެލްއޯއެލްސީ ގްރޫޕަކީ އެ ގައުމުގައި ރިސޯޓު ތަރައްގީކޮށް މެނޭޖު ކުރުމަށް މަޝްހޫރު ކުންފުންޏެކެވެ. އެ ކުންފުނިން ރިސޯޓު ތަރައްގީ ކުރުމުގެ އިތުރުން ރިއަލްއެސްޓޭޓް ވިޔަފާރީގައި ވެސް ހަރަކާތްތެރިވެ އެވެ.

ކްލަބްމެޑް ގްރޫޕުން ރާއްޖޭގައި މަތީ ފަންތީގެ ދެ ރިސޯޓެއް ހިންގަމުންދެ އެވެ. އެއީ ކްލަބް މެޑް ކަނި އާއި ކްލަބް މެޑް ފިނޮޅު ވިލާސް އެވެ.