ވިޔަފާރި

ރާއްޖެއަށް ފަހު، ލަންކާ އަށްދާ ޗައިނާ ޓޫރިސްޓުން ވެސް ދަށަށް

  • ލަންކާގައި މިދިޔަ މަހު 0.2 ޕަސެންޓް ދަށް
  • ރާއްޖޭގައިވެސް ޗައިނީސް އެރައިވަލް ދަށް
  • މުޅި އަހަރު ރާއްޖޭގެ ޓޫރިޒަމް ރަނގަޅު

މީގެ ހަތަރު އަހަރު ކުރިން ރާއްޖޭގައި އެންމެ ހަލުވިކަމާއެކު އިތުރުވަމުން ދިޔައީ ޗައިނީސް މާކެޓެކެވެ. އަދި މީގެ ދެ އަހަރެއްހާ ދުވަހު ކުރިން ފެށިގެން އަވަށްޓެރި ސްރީލަންކާ އަށް ވެސް އެންމެ ގިނައިން މީހުންދާ ދެ ގައުމުގެ ތެރޭގައި ޗައިނާ ހިމެނެ އެވެ. ނަމަވެސް އެ ގައުމުގެ ޓޫރިޒަމް ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ޗައިނާ ޓޫރިސްޓުން ދާ އަދަދު ވަނީ ދަށަށް ގޮސްފަ އެވެ.

ސްރީލަންކާ ޓޫރިޒަމް ޑިވްލޮޕްމަންޓް އޮތޯރިޓީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރު ފެށުނުއިރު ޗައިނާ މާކެޓުން 21 ޕަސެންޓުގެ ކުރިއެރުމެއް ދެއްކި ނަމަވެސް މިހާރު ވަނީ ދަށްވެފަ އެވެ. މި އަހަރުގެ ފެބްރުއަރީ މަހު އެ ގައުމަށް ޗައިނާ އިން 57,050 މީހުން ޒިޔާރަތް ކުރި އެވެ. މި އަދަދަކީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެ ގައުމަށް ދިޔަ 58,269 މީހުންނާ އަޅާބަލާ އިރު ގާތްގަނޑަކަށް ދެ ޕަސެންޓުގެ ދަށްވުމެކެވެ.

އެ ގައުމުން މިދިޔަ މަހު ނެރެފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ޖުލައި މަހުގެ ނިޔަލަށް ޗައިނާއިން ގޮސްފައިވަނީ 163,189 މީހުންނެވެ. ނަމަވެސް މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ދިޔަ 163,473 މީހުންނާ އަޅާބަލާއިރު ގާތްގަނޑަކަށް 0.2 ޕަސެންޓުގެ ދަށްވުމެކެވެ.

ސްރީލަންކާ އަށް ދާ ޗައިނާ ޓޫރިސްޓުންގެ އަދަދު ދަށަށް ދިޔައިރު ރާއްޖެއަށް ވެސް މި މައްސަލަ ވަނީ ކުރިމަތިވެފަ އެވެ. ރާއްޖޭގެ ޓޫރިޒަމް އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ޖުލައި މަހުގެ ނިޔަލަށް ރާއްޖެއަށް ޗައިނާއިން ޒިޔާރަތްކުރީ 141,495 މީހުންނެވެ. މިއީ މިދިޔަ އަހަރު ޒިޔާރަތް ކުރި 157,764 މީހުންނާ އަޅާބަލާއިރު 10.3 ޕަސެންޓުގެ ދަށްވުމެކެވެ.