ވިޔަފާރި

އެނބޫދޫ ލެގޫން މަޝްރޫއުގައި 7،000 ވަޒީފާ، ބޮޑު ބައެއް ދިވެހިންނަށް!

  • ދިވެހި ފަންނާނުންނަށް ވެސް ފުރުސަތުތަކެއް
  • ޖުމްލަ އިންވެސްޓްމަންޓް 800 މިލިއަން ޑޮލަރު
  • އަންނަ އަހަރު ބައެއް ތަންތަން ހުޅުވިގެންދާނެ

އެނބޫދޫ ފަޅުގައި ތަރައްގީކުރާ ޓޫރިޒަމް މަޝްރޫއުގައި 7،000 ވަޒީފާގެ ފުރުސަތު ހުޅުވޭއިރު، މީގެ ބޮޑު ބައެއް ހާއްސަކުރާނީ ދިވެހިންނަށް ކަމަށް މި މަޝްރޫއު ކުރިއަށް ގެންދާ ސިންގްހާ އެސްޓޭޓް މިއަދު ބުނެފި އެވެ.

އެނބޫދޫ ފަޅު ހިއްކައިގެން ތަރައްގީކުރާ ބިޔަ މަޝްރޫއާ ބެހޭ ގޮތުން މައުލޫމާތު ދެއްވުމަށް ބޭއްވި ނިއުސް ކޮންފަރެންސަށްފަހު އެ ކުންފުނީގެ ޗީފް އިންވެސްޓްމަންޓް އޮފިސަރު ޓީޓި ތޮންގްބެންޖަމަސް "އަވަސް" އަށް ވިދާޅުވީ މި މަޝްރޫއުގެ ދަށުން އުފެއްދޭ ވަޒީފާގެ ބޮޑު ބައެއް ދިވެހިންނަށް ހާއްސަވާނެ ކަމަށެވެ.

"އަޅުގަނޑުމެން މި އަންނަނީ ހިދުމަތްތެއް ދޭން ރާއްޖެއަށް، މިކަން ކުރުމުގައި އެންމެ ބޮޑަށް ބޭނުންވާނީ ދިވެހިންގެ އެހީ، އެހެންވެ ވަޒީފާތަކަށް ގިނައިން ނަގާނީ ދިވެހިން،" ތިޓީ ވިދާޅުވި އެވެ.

މި މަޝްރޫއު ހިންގާ ކުންފުނިން ބުނި ގޮތުގައި އެކި ފަންތީގެ ގިނަ ވަޒީފާތަކެއް އުފެދިގެންދާއިރު މީގެ 70 ޕަސެންޓް ދިވެހިންނަށް ލިބޭނެ އެވެ.

ގާތްގަނޑަކަށް 800 މިލިއަން ޑޮލަރުގެ މަޝްރޫއުގެ ދަށުން، އިންޓަގްރޭޓަޑް ލެޝަ އެންޑް ރެކްރިއޭޝަން ގިނަ ވަސީލަތްތަކެއް ގާއިމްކުރާނެ އެވެ.

ޗީފް އިންވެސްޓްމަންޓް އޮފިސަރު ތިޓީ ވިދާޅުވީ މި މަޝްރޫއުގައި ދިވެހިންނަށް މީގެ އިތުރުން ވެސް ވަރަށް ގިނަ ފުރުސަތުތަކެއް ލިބޭނެ ކަމަށެވެ.

"މި ތަނުގައި ހަދާ ކެފާތަކުގައި މުނިފޫހިފިލުވުމުގައި ފްރެންޗައިޒް ބްރޭންޑުތައް މަސައްކަތް ކުރާނެ، މި މީހުންނާއެކު ދިވެހި ބޭންޑުތައް މަސައްކަތް ކުރުމުގެ ފުރުސަތު އޮންނާނެ، އެ ފުރުސަތު ލިބޭނެ،" ތިޓީ ވިދާޅުވި އެވެ.

އެނބޫދޫ ލެގޫން މަޝްރޫއުގެ ދަށުން، ވަކިވަކި ލައިފްސްޓައިލް ކޮންސެޕްޓްތަކަށް ނުވަ ރަށެއް ތަރައްގީކުރާނެ އެވެ. މި މަޝްރޫއުގެ ދަށުން ފުރަތަމަ ފިޔަވަހީގައި ތިން ރަށެއް ތަރައްގީކުރާއިރު މި ތަންތަނަށް 311.5 މިލިއަން އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 4.8 ބިލިއަން ރުފިޔާ) އިންވެސްޓް ކުރާނެ އެވެ. މި މަޝްރޫއުގެ ދަށުން ހިންގާ ރިސޯޓުތަކުގައި ޖުމުލަ 1،300 ކޮޓަރި ހުންނާނެ އެވެ.