ޖުމްހޫރީ ދުވަސް

ޖުމްހޫރީ ދުވަހުގެ ޖަލްސާ ނޮވެމްބަރު 10 ވަނަދުވަހުގެ ރޭ

Oct 24, 2016

މި އަހަރުގެ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ ނޮވެންބަރު މަހުގެ 10 ވަނަ ދުވަހުގެރޭ ބާއްވަވާގޮތަށް ސަރުކާރުން ހަމަޖައްސައިފި އެވެ. ރައީސް އޮފީހުން ބުނީ އެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ގައުމާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވާނެ ކަމަށާއި އަދި އެ ޖަލްސާގައި ސަރުކާރުން ކޮންމެ އަހަރަކު ދެމުން އަންނަ ގައުމީ އިނާމާއި، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު ދިނުން ވެސް އޮންނާނެ ކަމަށެވެ.

މީގެއިތުރުން، ކީރިތި ގުރްއާން ހިތުދަސްކޮށް ހާފިޒު ކަމުގެ ސަނަދު ހާސިލުކުރެއްވި ފަރާތްތަކަށާއި، ސާނަވީ އިމްތިހާނުން މުޅި ދުނިޔެއިން އެއް ވަނަ ހޯދި ދަރިވަރުންނަށާއި، މަތީ ސާނަވީ އިމްތިޙާނުން މުޅި ދުނިޔެއިން އެއް ވަނަ ހޯދި ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލް ދެއްވުންވެސް އޮންނާނެއެވެ.

ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމަށް ބޭފުޅުން ހޮއްވެވުމުގެ މަސައްކަތް، ޤައުމީ އިނާމާބެހޭ ކޮމިޓީން މިހާރު ގެންދަވަނީ ކުރައްވަމުންނެވެ. އަދި މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުން ކަނޑައެޅުއްވުމުގެ މަސައްކަތް، ޚާއްޞަ އިނާމާބެހޭ ކޮމިޓީން ގެންދަވަނީ ކުރައްވަމުންނެވެ.