ވިޔަފާރި

ދިވެހި އުފެއްދުންތައް ރިސޯޓުތަކަށް ވިއްކަން ބައްދަލުވުމެއް ބާއްވަނީ

Oct 25, 2016
  • ރިސޯޓުތަކުން ބައްދަލުވުމުގައި ބައިވެރިވާނެ
  • 70 ބައިވެރިންނާއެކު އުފެއްދުންތެރިން ބައިވެރިވޭ
  • ވަޒީފާގެ ފުރުސަތުތަކުގެ މައުލޫމާތުވެސް ހިއްސާކުރާނެ

ދިވެހި އުފެއްދުންތަކަށް މާކެޓު ހޯދައިދޭން ރިސޯޓުތަކާއެކު ޅ. އަތޮޅުގައި ބޮޑު ބައްދަލުމެއް ބާއްވަން އިކޮނޮމިކް މިނިސްޓްރީން ތައްޔާރު ވެއްޖެ އެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވްލޮޕްމަންޓުގެ، އެންޓަޕްރައިސް ޑިވްލޮޕްމަންޓް (އީޑީ) ގެ ދަށުން ފަށާ ސިލްސިލާ ބައްދަލުވުންތަކުގެ ފުރަތަމަ ބައްދަލުމުން ބޭއްވުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހު ޅ. ނައިފަރުގަ އެވެ.

ޕާޓްނަރިން ފޯ ޑިވްލޮޕްމަންޓް (ޕީފޯޑީ) ގެ ނަމުގައި ބާއްވާ މި ބައްދަލުވުމުގެ މައުލޫމާތު ދެއްވުމަށް އިކޮނޮމިކް މިނިސްޓްރީގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު އަނީސް ވިދާޅުވީ މި ބައްދަލުވުން ބޭއްވުމުގެ މައިގަނޑު ސަބަބަކީ ކުދި ވިޔަފާރިތަކުން އުފައްދާ އުފެއްދުންތަކަށް ރިސޯޓުތަކުން މާކެޓު ހޯދައި ދިނުމަށް ކަމަށެވެ. އަދި މީގެ އިތުރުން ރިސޯޓުތަކުގައި ހުޅުވިފައިވާ ވަޒީފާގެ ފުރުސަތުތަކުގެ މައުލޫމާތުވެސް މި ބައްދަލުވުންތަކުގައި ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިގޮތަށް މިއީ ފަށާ ފުރަތަމަ ބައްދަލުވުން. މަގުސަދަކީ ސިލްސިލާކޮށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބައްދަލުވުންތައް ކުރިއަށް ގެންދިއުން،" އަނީސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިކަމަކީ ރައީސް އަބްދުﷲ ޔާމީންގެ އިސްނެގެވުމެއް ކަމަށާއި، އިކޮނޮމިކް މިނިސްޓްރީ މެދުވެރިކޮށް މިފަދަ ބައްދަލުވުމެއް ބޭއްވުމުން ރިސޯޓުތަކަށްވެސް އިތުބާރު ބޮޑު ވެގެންދާނެ ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި ބައިވެރިވުމަށް 70 ފަރާތަކަށް ދައުވަތު ދީފައިވާނެ ކަމަށެވެ. މީގެ ތެރޭގައި ޅ. އަތޮޅުގެ ރިސޯޓުތަކުގެ ފަރާތްތައް ވެސް ހިމެނެ އެވެ. ޅ. އަތޮޅަކީ ގިނަ ރިސޯޓުތަކެއް ތަރައްގީ ކުރަމުންދާ އަތޮޅެކެވެ. މި އަތޮޅުގައި މިހާރު ފަސް ރިސޯޓެއް ހިންގަމުންދެ އެވެ.