ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްެމަންޓް

އީޔޫގެ އެހީ 87 ފަރާތަކަށް

Feb 16, 2022

ކޮވިޑާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމުގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ދީފައިވާ އެހީގެ ތެރެއިން 87 ފަރާތަކަށް އެހީތެރިކަން ފޯރުކޮށްދީފި އެވެ.

ކޮވިޑުން އަރައިގަތުމަށް ވިޔަފާރިތަކަށް އެހީތެރިވުމަށް އީޔޫ އިން ދީފައިވާ ދެ މިލިއަން ޔޫރޯގެ ހިލޭ އެހީއަށް އެދުމަށް ފުރުސަތު ދީފައިވަނީ ރާއްޖޭގައި ހިންގާ ގެސްޓްހައުސްތަކާއި ސަފާރީތަކަށެވެ.

އީޔޫގެ އެހީއަށް އެދި ހުށަހެޅުމަށް ފުރުސަތު ހުޅުވާލީ މިދިޔަ ޑިސެމްބަރު 15 ވަނަ ދުވަހު އެވެ. އެ ފުރުސަތު މިއަހަރުގެ މެއި 31 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާނެ އެވެ.

އީޔޫގެ އެހީ ދޫކުރުމުގެ މަސައްކަތް އިކޮނޮމިކް މިނިސްޓްރީން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނަށެވެ

އިކޮނޮމިކް މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތުތަކެއްގައި ބުނެފައިވަނީ 87 ފަރާތަކަށް އެހީގެ ގޮތުގައި 3.4 މިލިއަން ރުފިޔާ މިހާތަނަށް ދޫކޮށްފައިވާ ކަމަށެވެ. މަދުވެގެން 126 ސަފާރީއާއި 561 ގެސްޓްހައުސްއަށް އެހީވެވޭނެ ކަމަށް މިނިސްޓްރީން ލަފާ ކުރެ އެވެ.

އެހީ ދިނުމަށް އެކުލަވާލާފައިވާ އުސޫލުގައިވާ ގޮތުން އެހީ ހޯދަން ހުށަހަޅާއިރު އެފަރާތަކީ ސއްހަ އޮޕަރޭޓިން ލައިސެންސެއް އޮތުމާ އެކު 40 އެނދަށް ވުރެ މަދުން އޮޕަރޭޓް ކުރާ ފަރާތަކަށް ވާންޖެހެ އެވެ. އެހީގެ ގޮތުގައި ދިނުމަށް ނިންމާފައިވަނީ އެނދަކަށް 2،453.76 ރުފިޔާ އެވެ.

އެހީ ހޯދަން ހުށަހަޅާއިރު ކަމާ ގުޅޭ ލިޔުންތައް ރަނގަޅަށް ފުރިހަމަކޮށްފައިވާނަމަ ހުށަހަޅާތާ 14 ދުވަހުގެ ތެރޭގައި ފައިސާ ޖަމާކޮށްދެ އެވެ.

ކޮވިޑްގެ ހާލަތު އެންމެ ގޯސް ދުވަސްވަރު ސަރުކާރުން ވަނީ ވަޒީފާ ގެއްލުނު މީހުންނަށް އިންކަމް ސަޕޯޓްގެ ގޮތުގައި އެލަވަންސެއް ދީފަ އެވެ. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ވެސް ތަފާތު ނަން ނަމުގައި ލޯނު ދީފައިވެ އެވެ.