އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއާ ކޯސްޓްގާޑާއި ސްރީލަންކާގެ ކޯސްޓްގާޑު ގުޅިގެން ހިންގާ "ޓްރައިލެޓެރަލް ޖޮއިންޓް އެކްސަސައިޒް ދޯސްތީ 13"ގެ ކަނޑުމަތީ ތަމްރީންތައް މިއަދު ބާއްވައިފި އެވެ. މިއަދު ހެނދުނު އެ ތަމްރީންތައް ފަށާފައިވަނީ ތިން ގައުމުގެ ކޯސްޓްގާޑުގެ ސިފައިންގެ ބައިވެރިވުމާ އެކު އެވެ.
އިންޑިއާ އާއި ލަންކާ ކޯސްޓްގާޑުގެ ސިފައިންނާ ދިވެހި ކޯސްޓްގާޑްގެ ސިފައިން ގުޅިގެން މިއަދު ހިންގި އެ ތަމްރީންތައް ބައްލަވައިލެއްވުމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފާއި ރާއްޖޭގެ ކޯސްޓްގާޑްގެ ކޮމާންޑަރު ކާނަލް މުހައްމަދު އިބްރާހިމް ވަނީ އިންޑިއާގެ ކޯސްޓްގާޑަށް ޒިޔާރަތްކުރައްވާފަ އެވެ.
މިއަދުގެ ތަމްރީންތަކުގައި، ކަނޑުމަތީގެ އެކި ހާދިސާތަކުގައި ހާލުގައި ޖެހޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭ ގޮތް ދައްކުވައިދޭ ޑްރިލްތަކެއް ވަނީ ދައްކާލާފައެވެ. އަދި ކަނޑުގެ ޕޮލިއުޝަން ނައްތާލުމަށް ހަރަކާތްތެރިވާ އިންޑިއާގެ ކޯސްޓްގާޑު އުޅަނދު "ސަމުންދްރަ ޕާވަކް" ގެ އެކި މަސްއޫލިއްޔަތުތަކާއި، ކަނޑަށް ތެޔޮފަދަ ތަކެތި އެޅުން ހާދިސާއެއް މެދުވެރިވެގެން އުޅޭއިރު އެ އުޅަނދުން އަމަލުކުރާ ގޮތްތަކާއި ޕްރޮސީޖާތައް ބައިވެރިންނަށް ވަނީ ތަފްސީލުކޮށްދީފަ އެވެ.
ތިން ގައުމުގެ ކޯސްޓްގާޑުގެ ސިފައިން ބައިވެރިވެގެން އިއްޔެ ފެށި މި އެކްސަސައިޒަކީ ރާއްޖެއާއި އިންޑިއާ އަދި ސްރީލަންކާގެ ދެމެދުގައި އޮންނަ އަސްކަރީ ގުޅުން އިތުރަށް ހަރުދަނާ ކުރުމާއި ކަނޑުމަތީގައި ދިމާވާ ހާދިސާތަކުގައި ތިން ގައުމު ގުޅިގެން ހަރަކާތްތެރިވާނެ ގޮތްތައް ދަސްކުރުމުގެ މަގުސަދުގައި ބާއްވާ އެކްސަސައިޒެކެވެ. މި އެސްސަސައިޒްގެ ތަމްރީންތައް ކުރިއަށްގެންދަނީ އެމްޕީއެލް ބަނދަރާއި ދިމާލުން މާލެ ކައިރި ކަނޑުގެ ސަރަހައްދުގައެވެ.
އެކްސަސައިޒް ދޯސްތީ އަކީ 1991 ވަނަ އަހަރުން ފެށިގެން ކޮންމެ ދެއަހަރުން އެއް އަހަރު އިންޑިއާ އާއި އެމްއެންޑީއެފް ކޯސްޓްގާޑް ގުޅިގެން ހިންގާ އެކްސަސައިޒެކެވެ. މި އެކްސަސައިޒުގައި ސްރީލަންކާ ބައިވެރިވާން ފަށާފައި ވަނީ 2012 ވަނަ އަހަރުން ފެށިގެންނެވެ.