މޯލްޑިވިއަން އައިޑޮލް 2

މޯލްޑިވިއަން އައިޑޮލްގެ އޮޑިޝަނަށް އޭދަފުށި އެކަތިގަނޑަކަށްވެފައި

Oct 29, 2016

މޯލްޑިވިއަން އައިޑޮލް ސީޒަން ދޭއެއްގެ ތިން ވަނަ އޮޑިޝަން މިއަދު ބ. އޭދަފުށީގައި ފަށާއިރު މުޅި ރަށް އޮތީ ނިކަން ގަދަ އަށް މި ފޯރިއެއްގައި ޖެހި އެކަތިގަނޑަށްވެފަ އެވެ.

ސިޔާސީ ގޮތުން ދެ ކަފިވި ހިޔާލުތައް އެކައްޗަކަށް ބަދަލުވެ ކުދި ބޮޑު އެންމެން މިއަދުގެ އޯޕެން އޮޑިޝަނަށް ތައްޔާރު ވެފައިވާއިރު ފޯރީގައި ޖެހިފައި ވަނީ އޭދަފުށީ މީހުން އެކަނި ނޫންކަން ވެސް ފާހަގަކޮށްލެވެ އެވެ. އޮޑިޝަންތައް ބޭއްވި އެހެން މައި ރަށްތަކަށް ވެސް އަތޮޅުތަކުގެ އެކި ރަށްތަކުން ކުދިން ދިޔަ ގޮތަށް މިއަދުގެ އޮޑިޝަނުގައި ބައިވެރިވުމަށް މި އަތޮޅުގެ އެހެން ރަށްތަކުން ވެސް މީހުން މި ރަށަށް އައުމުގެ ފޯރި ވަރަށް ބޮޑެވެ.

މީގެ އިތުރުން ކައިރި އެހެން އަތޮޅުތަކުން ވެސް އޮޑިޝަނުގައި ކުދިން ބައިވެރިވާނެ ކަމަށް ވަނީ ބެލެވިފަ އެވެ.

މޯލްޑިވިއަން އައިޑޮލްގެ ޓީމުން ބުނެފައި ވަނީ މިދިޔަ ސީޒަނަށް ބަލާއިރު މިފަދަ އޮޑިޝަނެއް ކުރިއަށް ގެންދެވޭ ވަރުގެ ތަރުހީބެއް މި ހިސާބުން ލިބިފައި ނެތް ނަމަވެސް މިފަހަރު މި ސަރަހައްދުން ލިބުނު ތަރުހީބު އާދަޔާހިލާފަށް ރަނގަޅެވެ. އޭދަފުށީގައި މިއަދު އޮތީ އޯޕެން އޮޑިޝަން އެވެ. ޖަޖަސް އޮޑިޝަން އޮންނާނީ މާދަމާ އެވެ.

އޯޕެން އޮޑިޝަނަކީ، ޖަޖުންގެ ކުރިމަތީގައި ކުދިންގެ ހުނަރު ދައްކާލުމުގެ ކުރިން އޮޑިޝަނަށް ރަޖިސްޓްރީކުރާ ހުރިހާ ބައިވެރިންނާ ވަކިވަކިން އިންޓަވިއުކޮށް އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ކުދިންތައް ހޮވުމަށް ކުރިއަށް ގެންދާ ދިގު މަރުހަލާއެކެވެ.

އެގޮތުން މިއަދުގެ އޯޕެން އޮޑިޝަނުން ހޮވޭ ކުދިންނަށް ގޯލްޑެން ޓިކެޓް ލިބޭނީ މާދަމާގެ ޖަޖަސް އޮޑިޝަނުގައި، ޖަޖުންގެ ޕެނަލް ކަމުގައިވާ މަރިޔަމް އުނޫޝާ އާއި ކުޑައިއްބެ އަދި އިސްމާއިލް އައްފާން އިމްޕްރެސް ކުރެވިގެންނެވެ.

މޯލްޑިވިއަން އައިޑޮލްގެ ޓީމުގެ އޭދަފުއްޓަށް މި އައީ މިދިޔަ ދެ ހަފުތާގައި އައްޑޫ ސިޓީ އާއި ހދ. ކުުދުއްފުށީގައި އޮޑިޝަންތަކެއް ކުރިއަށް ގެންދިއުމަށް ފަހު އެވެ. މި އޮޑިޝަނަށް ފަހު އައިޑޮލްގެ ޓީމު ދެން ފުރާނީ ލ. ގަމުގެ އޮޑިޝަނަށެވެ. އެއަށް ފަހު ދެން އޮންނާނީ މާލޭ ސިޓީގެ އޮޑިޝަނެވެ.

މޯލްޑިވިއަން އައިޑޮލްގެ ސީޒަން ދޭއްގެ ވެސް ޓައިޓްލް ސްޕޮންސަރަކީ ދިރާގެވެ. މެއިން ސްޕޮންސަރުންނަކީ އެލައިޑް އިންޝުއަރެންސް އާއި ލޮޓަސް ފިހާރަ އަދި އެސްޓީއޯގެ އިތުރުން މޯލްޑިވިއަން އެވެ. ކޯ ސްޕޮންސަރުންނަކީ އަލޯރާ، އީވޯ، އަލް މުދިޝް، ސްނިކާސް، ސިމްޑީ ގްރޫޕް އަދި ވިލާ ކޮލެޖެވެ. އޮފިޝަލް ބޭންކިން ޕާޓްނަރަކީ ބޭންކް އޮފް މޯލްޑިވްސް އެވެ. ބެވަރޭޖު ޕާޓްނަރަކީ އެކްސެލް އެނާޖީ ޑްރިންކެވެ. އޮންލައިން ޕާޓްނާއަކީ އަވަސް އޮންލައިނެވެ. -- އޭދަފުށިން: އަހުމަދު ނަދީމް