މޯލްޑިވިއަން އައިޑޮލް 2

ހުމުގެ ނުރައްކަލާއެކު މޯލްޑިވިއަން އައިޑޮލް ވެސް ހުއްޓުމަކަށް

Mar 14, 2017
1

ހުމާއި ރޯގާގެ ނުރައްކަލާ އެކު މޯލްޑިވިއަން އައިޑޮލްގެ މި ހަފުތާ ބަންދުގެ ދެ ޝޯ ކެންސަލްކޮށްފި އެވެ.

ޕީއެސްއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހުކުރު ދުވަހާއި ހޮނިހިރު ދުވަހުގެ ރޭގެ ޝޯ މި ހަފުތާ ބަންދުގައި ނުގެނެސްދޭން ނިންމާފައި ވަނީ ހުމާއި ރޯގާއާ ދެކޮޅަށް ކުރިއަށް ގެންދާ ހަރަކާތަށް އެއްބާރުލުންދީ ބަލިމަޑުކަމެއްގެ ނުރައްކަލަކަށް އިތުރު ފުރުސަތެއް ދޭން ބޭނުންނުވާތީ އެވެ.

މި ހަފުތާ ބަންދުގައި ގެނެސްދޭން ހަމަޖެހިފައިވާ ގަދަ 10ގެ ސޯލޯ ސޯ އާއި އޭގެ ނަތީޖާ ޝޯ ދެން ދެއްކުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 24 އާއި 25 ވަނަ ދުވަހުގެ ރެ އެވެ.

ރާއްޖޭގައި ހަލުވިކަމާ އެކު ފެތުރެމުން އަންނަ ހުމާއި ރޯގާގެ މައްސަލަ ކުއްލިއަކަށް ކަންބޮޑުވާ ދަރަޖައަކަށް މައްޗަށް ޖެހިލާފައިވަނީ ގިނަ އަދަދެއް ބަޔަކު ސްވައިން ފްލޫ ނުވަތަ އެޗް1އެން1ގެ ވައިރަސް އަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ.

މި އަހަރުގެ މިހާތަނަށް އެޗް1އެން1ގެ އަލާމަތްތައް ފެނިގެން 251 މީހަކު ޓެސްޓް ކޮށްފައިވާއިރު އެ ވައިރަހަށް ޕޮޒިޓިވްވެފައިވަނީ 51 މީހެކެވެ. ވައިރަހަށް ޕޮޒިޓިވްވި އެކަކު މަރުވެފައިވާއިރު، ހާލު ދެރަވެގެން މާބަނޑު އަންހެނަކަށް އައިޖީއެމްއެޗްގައި ގެންދަނީ ފަރުވާދެމުންނެވެ.