މޯލްޑިވިއަން އައިޑޮލް 2

ތައްޔާރުތަ؟ އައިޑޮލްގެ ޕްރިމިއާ ނައިޓްގެ ރެޑް ކާޕެޓް ޝްވެކްގައި!

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ރިއަލިޓީ ޝޯ މޯލްޑިވިއަން އައިޑޮލް ފެށެން މިހާރު މިވަނީ އެންމެ ދެ ދުވަހަށްވެފަ އެވެ. އަންނަ ހުކުރު ދުވަހަކީ އެތައް ގިނަ ބައެއްގެ އިންތިޒާރަށް ނިމުން އަންނާނެ ރެ އެވެ. ދެވަނަ ސީޒަން ޕްރިމިއާ ކުރެވޭނީ ހުކުރު ދުވަހުގެ ރޭ އެވެ.

މޯލްޑިވިއަން އައިޑޮލަށް އެންމެ ފަހުގެ ތައްޔާރީތައް ޓީމުން ވެފައިވާއިރު ޕްރިމިއާ ނައިޓް ވަރަށް ކުލަގަދަ ކުރުމަށް ވެސް ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން އައިޑޮލް ޕްރިމިއާ ކުރުމަށް ހާއްސަ އިވެންޓެއް ޝްވެކް ސިނަމާގައި ބޭއްވުމަށް ވަނީ ނިންމާފަ އެވެ. އެ އިވެންޓަކީ ރެޑް ކާޕެޓް އިވެންޓެކެވެ.

މުޅި ރާއްޖެ އެ ޝޯއަކަށް އިންތިޒާރު ކުރަމުންދާ ޝޯގެ ޕްރިމިއާ ނައިޓް އިވެންޓް ޝްވެކް ސިނަމާގައި ހުކުރު ދުވަހުގެ ރޭ 9:30 ގައި ފަށާނެ އެވެ. އެ އިވެންޓްގައި ބައިވެރިވާނީ ދައުވަތު ދެވޭ ހާއްސަ ބޭފުޅުންނާއި ސްޕޮންސަރުންނެވެ. މީގެ އިތުރުން ފުރަތަމަ ސީޒަންގެ ގަދަ 10 ގައި ހިމެނުނު ބައެއް ބައިވެރިން ވެސް އެ އިވެންޓްގައި ބައިވެރިވާނެ އެވެ.

އަންނަ ހުކުރު ދުވަހުން ފެށިގެން ކޮންމެ ހުކުރު އަދި ހޮނިހިރު ދުވަހެއްގައި ޝޯގެ އެޕިސޯޑެއް ދައްކާއިރު، ޝްވެކްގައި ބާއްވާ ޕްރިމިއާ ނައިޓްގައި ޝޯ ދައްކާނީ އެޗްޑީކޮށެވެ.

މޯލްޑިވިއަން އައިޑޮލްގެ ޓީމުން ވަނީ ބެލުންތެރިންގެ އުއްމީދުތަކާ އެއް ފެންވަރުގެ ޝޯއެއް މިފަހަރު ވެސް ގެނެސްދޭނެ ކަމުގެ ޔަގީންކަން ދީފަ އެވެ. ޝޯ ވަަރަށް ހިތްގައިމުވެފައިވާ ޝައުގުވެރިވާނެ ކަމަށް ޓީމުން ބުނެ އެވެ.

އަންނަ ހުކުރު ދުވަހު ދައްކާނީ އޮޑިޝަންތަކުގެ ފުރަތަމަ އެޕިސޯޑެވެ. ރާއްޖޭގެ ފަސް ސަރަހައްދެއް އޮޑިޝަންތައް ވަނީ ބާއްވާފަ އެވެ. އެއީ އައްޑޫ ސިޓީ، ލ. ގަން، ބ. އޭދަފުށި، މާލެ ސިޓީ އަދި ހދ. ކުޅުދުއްފުށީގަ އެވެ. އެ ފަސް އޮޑިޝަނުން ޖުމްލަ 43 ބައިވެރިޔަކު ވަނީ ޝޯގެ ފުރަތަމަ ރައުންޑް ކަމަށްވާ ތިއޭޓާ ރައުންޑަށް ގޮސްފަ އެވެ.

ތިއޭޓާ ރައުންޑް ވެސް މިދިޔަ ޑިސެމްބަރު މަހު ވަނީ ޝޫޓްކޮށްފަ އެވެ. އެ ރައުންޑް ޝޫޓްކުރީ މަތިވެރީގެ ފަޅު ތެރެ އާއި އެ ރަށާ ކައިރީގައި އޮންނަ ފިނޮޅެއްގަ އެވެ. އެހެން ކަމުން މިދިޔަ ސީޒަނަށް ވުރެން ވެސް މިސީޒަނުގެ ހިތްގައިމުކަން ބޮޑުވާނެ ކަމަށް ބެލެވެ އެވެ.

މަތިވެރީގެ ފަޅު ތެރޭގައި އޮންނަ ހިތް ފަސޭހަ ފިނޮޅުގައި 43 ބައިވެރިން ގްރޫޕް ލަވަތަކެއް ހުށަހަޅައިދިންއިރު މި ބައިން 19 ކުދިން މުބާރާތާއި ވަކިވެގެން ދާނެ އެވެ. ތިއޭޓާ ރައުންޑުގެ ދެ ވަނަ ބައި ރަށުގެ ފަޅު ތެރޭގައި ކުރިއަށް ގެންދިޔައިރު 24 ކުދިން ވާދަކޮށް އަށް ކުއްޖަކު މުބާރާތާއި ވަކިވެގެން ދާނެ އެވެ.

މޯލްޑިވިއަން އައިޑޮލްގެ ޓައިޓްލް ސްޕޮންސަރަކީ މިފަހަރު ވެސް ދިރާގެވެ. މެއިން ސްޕޮންސަރުންނަކީ އެލައިޑް އިންޝުއަރެންސް އާއި ލޮޓަސް އަދި އެސްޓީއޯ އާއި މޯލްޑިވިއަން އެވެ. ކޯ ސްޕޮންސަރުންނަކީ އަލޯރާ، އީވޯ، އަލް މުދިޝް، ސްނިކާސް، ސިމްޑީ ގްރޫޕް އަދި ވިލާ ކޮލެޖެވެ.

އޮފިޝަލް ބޭންކިން ޕާޓުނަރަކީ ބީއެމްއެލް އެވެ. އޮފިޝަލް ބެވަރޭޖް ޕާޓްނާ އަކީ އެކްސެލް އެވެ. އަދި އޮންލައިން މީޑިއާ ޕާޓްނަރަކީ އަވަސް އެވެ.