މޯލްޑިވިއަން އައިޑޮލް

މޯލްޑިވިއަން އައިިޑޮލްގެ އިޝާން ލަވަކިޔުމާ ދުރަށް

May 5, 2020
8

މޯލްޑިވިއަަން އައިޑޮލް އިން އާއްމުންގެ މަގުބޫލުކަން ހޯދި ލަވަކިޔުންތެރިޔާ، މުހައްމަދު އިޝާން ލަވަކިޔުން ހުއްޓާލައިފި އެވެ.

އިޝާން މިއަދު ފޭސްބުކް މެދުވެރިކޮށް ބުނީ "މިއުޒިކް ކުޅެ އަޑުއެހުން އެއީ މާތްﷲ އާއި ތިބާ އާމެދު އޮންނަ ގުޅުން ވަރަށް ބޮޑަށް ނިކަމެތި ކޮށްލާ ކަމެއް" ކަމަށެވެ. އަދި އޭގެ ސަބަބުން "ޝައިތާނާ އޭނާ ބޭނުން ކޮންމެ ގޮތަކަށް ނަފުސު ކޮންޓްރޯލް ކުރާ" ކަމަށެވެ.

"ﷲ އަށް ކުއްތަންވެ ތިރިވެ ކޮށްލާ އެންމެ ސަޖިދައަކުން ހިތައް ލިބޭ އަރާމު އެތައް އަހަރު ދުވަހެއް ވަންދެން ކުޅުނު މިއުޒިކުން ހިތަށްވީ އިހްސާސްތަކާއި ނުބައްދަލު" އިޝާން ލިޔެފައި ވެ އެވެ.

އޭނާ ބުނީ ލަވަ ކިޔައިގެން އެންމެ ރެއަކުން އޭނާއަށް ލިބުނު އާމްދަނީ މިހާރު ލިބެނީ މަސް ދުވަހުން ކަމަށާއި އެހެން ނަމަވެސް ފުދުންތެރިކަމާއި ތަނަވަސް ކަމަކީ އިންސާނެއްގެ ހިތާއި ގުޅިފައި އޮންނަ ކަމެއްކަން މިހާރު އިހްސާސް ކުރެވޭ ކަމަށެވެ.

އިޝާން ވަނީ އޭނާގެ ލަވަތައް އަޑު ނޭހުމަށް ވެސް އެދިފަ އެވެ: "އެދުމަކީ އަޅުގަނޑުގެ އަދި އަޅުގަނޑު ބައިވެރިވެފައި އޮތް އެއްވެސް މިއުޒިކެއް އެއްވެސް ބޭފުޅުނަކު އަޑު ނޭހުން. ﷲ ތިއެންމެނަށް ހެޔޮ ރަހުމަތް ލައްވާށި..."

އިޝާން އަކީ 2016 ވަނަ އަހަރު ބޭއްވި މޯލްޑިވިއަން އައިޑަލްގެ ފުރަތަމަ ސީޒަންގެ ތިން ވަނަ ހޯދި ފަރާތެވެ. ދެވަނަ ސީޒަންގައި އޭނާގެ ކޮއްކޮ ހިޝާން ވެސް ވަނީ ބައިވެރިވި އެވެ.

އައިޑަލް އަށްފަހު އިޝާން ވަނީ ރިސޯޓުތަކާއި އެކި ޝޯތައް ވެސް ހުށަހަޅައިދީފަ އެވެ.