މޯލްޑިވިއަން އައިޑޮލް 2

އައިޑޮލް މިމަހު 27 ގައި ދައްކަން ފަށަނީ

Jan 2, 2017

މޯލްޑިވިއަން އައިޑޮލްގެ ސީޒަން ދޭކަށް ކުރާ އިންތިޒާރު ނިމެންދެން މާގިނަ ދުވަހެއް ނެތެވެ. އައިޑޮލް ޓީމުން މިހާރު ވަނީ ހުރިހާ އޮޑިޝަންތަކެއް ނިންމައި، އެންމެފަހުގެ ތައްޔާރީތައްވާން ފަށާފަ އެވެ.

އެންމެފަހުގެ ތައްޔާރީތައް އައިޑޮލްގެ ޓީމުން ވާން ފެށިއިރު ޝޯ ދައްކަން ފަށާނެ ތާރީހު ވެސް ޕީއެސްއެމްއިން ވަނީ އިއުލާންކޮށްފަ އެވެ. މި ފެށުނު މަހުގެ 27 ވަނަ ދުވަހަކީ ބެލުންތެރިންނަށް އައިޑޮލްގެ ސީޒަން ދޭއްގެ ފުރަތަމަ އެޕިސޯޑް ފެނިގެންދާނެ ދުވަހު އެވެ. ފުރަތަމަ ދައްކާނީ އޮޑިޝަންތަކެވެ.

ރާއްޖޭގެ ފަސް ސަރަހައްދެއް އޮޑިޝަންތައް ވަނީ ބާއްވާފަ އެވެ. އެއީ އައްޑޫ ސިޓީ، ލ. ގަން، ބ. އޭދަފުށި، މާލެ ސިޓީ އަދި ހދ. ކުޅުދުއްފުށީގަ އެވެ. އެ ފަސް އޮޑިޝަނުން ޖުމްލަ 43 ބައިވެރިޔަކު ވަނީ ޝޯގެ ފުރަތަމަ ރައުންޑް ކަމަށްވާ ތިއޭޓާ ރައުންޑަށް ގޮސްފަ އެވެ.

ތިއޭޓާ ރައުންޑް ވެސް މިދިޔަ ޑިސެމްބަރު މަހު ވަނީ ޝޫޓްކޮށްފަ އެވެ. އެ ރައުންޑް ޝޫޓްކުރީ މަތިވެރީގެ ފަޅު ތެރެ އާއި އެ ރަށާ ކައިރީގައި އޮންނަ ފިނޮޅެއްގަ އެވެ. އެހެންކަމުން މިދިޔަ ސީޒަނަށް ވުރެން ވެސް މިސީޒަނުގެ ހިތްގައިމުކަން ބޮޑުވާނެ ކަމަށް ބެލެވެ އެވެ.

މަތިވެރީގެ ފަޅު ތެރޭގައި އޮންނަ ހިތް ފަސޭހަ ފިނޮޅުގައި 43 ބައިވެރިން ގްރޫޕް ލަވަތަކެއް ހުށަހަޅައިދިންއިރު މި ބައިން 19 ކުދިން މުބާރާތާއި ވަކިވެގެން ދާނެ އެވެ. ތިއޭޓާ ރައުންޑުގެ ދެ ވަނަ ބައި ރަށުގެ ފަޅު ތެރޭގައި ކުރިއަށް ގެންދިޔައިރު 24 ކުދިން ވާދަކޮށް އަށް ކުއްޖަކު މުބާރާތާއި ވަކިވެގެން ދާނެ އެވެ.