މޯލްޑިވިއަން އައިޑޮލް

މޯލްޑިވިއަން އައިޑޮލްގެ ޖަޖުންނާއި ޕްރެޒެންޓަރުން ހޯދަން އިއުލާން ކުރަނީ

މޯލްޑިވިއަން އައިޑޮލް ޝޯ ރާއްޖޭގައި ދައްކަން ފެށުމާއެކު އެ ޝޯ ބެލި ގިނަ ބައެއްގެ އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވީ ޝޯގެ ޕާފޯމެންސް ތަކަށްވުރެ ބޮޑަށް އެ ޝޯ ހުށަހަޅައިދިން ދެ ޕްރެޒެންޓަރުންނާއި ތިން ޖަޖުންނަށެވެ. ޝޯ ނިމުމުން ވެސް މި ކަމުގެ ޝައުގުވެރިކަން އޮތް މިންވަރުގެ ބޮޑު ކަމުން ކުރިއަށް އޮތް ސީޒަންގެ މި މަގާމުތަކަށް އަންނާނެ ބަޔަކާ މެދު މިހާރުވެސް ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

އައިޑޮލް ދޭއްގެ މެއިން ސްޕޮންސަރަކަށް އެލައިޑް އިންޝޫރެންސް ކުންފުނި ހަމަޖެއްސުމަށް މިއަދު ޓީވީއެމްގައި ބޭއްވި ރަސްމިއްޔާތެއްގައި ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓާ އިބްރާހިމް ހަލީލް ވިދާޅުވީ ވަރަށް އަވަހަށް ސީޒަން ދޭއްގެ ޖަޖުންނާއި ޕްރެޒެންޓަރުން ހޮވަން އިއުލާނުކުރާނެ ކަމަށެވެ. ޕީއެސްއެމުން އެ މަގާމްތަކަށް އިއުލާނުކުރި ނަމަވެސް ފައިނަލް މީހުން ހޮވާނީ ފްރެމެންޓަލް މީޑިއާއިން ކަމަށް ވެސް ވިދާޅުވި އެވެ.

"ޖަޖުންގެ ގޮތުގައި ޝޯއަށް އަންނަން ޝައުގުވެރިވާ ފަރާތްތައް ހޮވުމަށް އަޅުގަނޑުމެން ހުޅުވާލާނަން. ހުޅުވާލީމަ، ޕްރެމެންޓަލް މީޑިއާއިން އެކަމަށް ކަނޑައަޅާފައިވާ އުސޫލްތަކުގެ ތެރެއިން، ކަނޑައަޅާފައިވާ ގޮތްތަކަށް އަޅުގަނޑުމެން އެބޭފުޅުންނަށް މިތަނުން [ޕީއެސްއެމުން] ކުރާ އިންޓަވިއުތަކާއި ނެގޭ ސީވީތަކާއި ހުރިހާ އެއްޗެއް ފްރެމެންޓަލް މީޑިއާގެ ހެޑް އޮފީހަށް ފޮނުވާ، އެބޭފުޅުން ސީޒަން ދޭއްގެ ތިން ޖަޖުން ފައިނަލް ކުރާނީ. ހަމަ އެއާ އެކު ޕްރެޒެންޓަރުން ވެސް ފައިނަލް ކުރާނީ،" ހަލީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕްރެޒެންޓަރުން ހޮވުމަށް ބާއްވާ އޮޑިޝަންއެއް ވަރަށް އަވަހަށް ބާއްވާނެ ކަމަށެވެ.