މޯލްޑިވިއަން އައިޑޮލް

މޯލްޑިވިއަން އައިޑޮލް ސީޒަން 2 ގެ ޓައިޓްލް ސްޕޮންސަރަށް ދިރާގު

May 11, 2016
6
  • ސީޒަން ދޭއްގެ ހުރިހާ ކަމެއް ވެސް ތަފާތުވާނެ
  • ފުރަތަމަ ސީޒަން ކާމިޔާބު ވީ ރިސްކް ނަގައިގެން
  • 3000 މީހުންގެ ހޯލް އަޅާނީ ހުޅުމާލޭގައި

މޯލްޑިވިއަން އައިޑޮލް ސީޒަން ދޭއްގެ ޓައިޓްލް ސްޕޮންސާއަކަށް ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނި ދިރާގު ހަމަޖައްސައި އެކުންފުންޏާއެކު މިއަދު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މޯލްޑިވިއަން އައިޑޮލްގެ ފުރަތަމަ ސީޒަންގެ ޓައިޓްލް ސްޕޮންސާއަކީ ވެސް ދިރާގެވެ.

މިއަދު ބޭއްވި ޓީވީއެމްގައި ބޭއްވި ރަސްމިއްޔާތެއްގައި ދިރާގުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓްިވް އިސްމާއީލް ރަޝީދެވެ. އަދި ޕީއެސްއެމްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑައިރެކްޓާ އިބްރާހިމް ހަލީލެވެ

ހަލީލް ވިދާޅުވީ ފްރެންޗައިޒް އުސޫލުން ކުރިއަށް ގެންދާ މި ޝޯގެ ފުރަތަމަ ސީޒަންއަށް ވެސް އެންމެ ފުރަތަމަ އިޖާބަ ދިނީ ދިރާގު ކަމަށާއި ދިރާގަކީ ޕީއެސްއެމްގެ ގިނަ ޕްރޮގްރާމްތަކަށް އެހީތެރިކަން ފޯރުކޮށްދޭ ކުންފުންޏެއް ކަމަށެވެ. މި ޝޯ އަކީ ޕީއެސްއެމުން ނެގި ރިސްކެއް ކަމަށާއި ރިސްކާއެކު ފުރަތަމަ ސީޒަން ކާމިޔާބުވެފައިވާ ކަމަށެވެ.

އޭނާ އަދި ވިދާޅުވީ މޯލްޑިވިއަން އައިޑޮލްގެ ތިން ސީޒަން ނިމިގެންދާއިރު މިއުޒިކް އިންޑަސްޓްރީއަށް، ކުޅަދާން 30 ފަންނާނުން ނެރޭނެ ކަމަށެވެ.

"މޯލްޑިވިއަން އައިޑޮލްއަކީ އަޅުގަނޑުމެން ނެގިި ރިސްކެއް، ފައިސާގެ ގޮތުންވެސް، [އެ ރިސްކްގައި] އަޅުގަނޑުމެން ކުރިމަތިލި މަސައްކަތުގެ ފުރަތަމަ ބޮޅު ނުވަތަ ސީޒަން އެކެއް އަޅުގަނޑުމެންނަށް ކާމިޔާބު ވެގެން ދިޔަ،" ހަލީލް ވިދާޅުވި އެވެ.

ހަލީލްގެ ވާހަކައިގައި ޕީއެސްއެމުން އަޅަން ނިންމާފައިވާ 3،000 މީހުންގެ ޖާގައިގެ ބޮޑު ހޯލް އާ ބެހޭގޮތުން ވިދާޅުވީ އެ ހޯލް އެޅުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގައި ކަމަށެވެ. މޯލްޑިވިއަން އައިޑޮލްގެ ދެވަނަ ސީޒަން ގިނަ ގޮތްގޮތުން ތަފާތު ވާނެ ކަމަށާއި ފުރަތަމަ ސީޒަނަށް ވުރެ ޕްރޮޑަކްޝަން ކޮލިޓީ ރަނގަޅުވާނެ ކަމަށްވެސް ހަލީލް ވިދާޅުވި އެވެ. ސީޒަން ދޭއްގެ ސެޓުވެސް ސީޒަން އެކެއްގެ ސެޓަށްވުރެ ތަފާތުވާނެ ކަމަށެވެ.

ދިރާގުގެ އެމްޑީ ރަޝީދު ވިދާޅުވީ މޯލްޑިވިއަން އައިޑޮލްގައި ދިރާގުން ބައިވެރިވަނީ ހަމަ އެކަނި ސްޕޮންސާ ކޮށްލުމުގެ ބޭނުމުގައި ނޫން ކަމަށެވެ. އެ ޝޯ ދިރާގުން ސްޕޮންސާ ކުރަނީ ހުނަރުވެރި ފަންނާނުން މުޖުތަމައަށް ނެރެ ޒުވާނުންގެ ތަރައްގީއަށް މަސައްކަތް ކުރުމަކީ އެކުންފުނީގެ ސީއެސްއާރުގައި ހިމެނޭ ކަމަށްވާތީ ކަމަށެވެ. މޯލްޑިވިއަން އައިޑޮލްގެ ފުރަތަމަ ސީޒަން ސްޕޮންސާ ކުރިއިރުވެސް މިކަމުން ޒުވާނުންގެ ކުރިއެރުމަށް ބޮޑު ކޮންޓްރިބިއުޝަން ދެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށެވެ.

މޯލްޑިވިއަން އައިޑޮލް ސީޒަން އެކަކަށް ޖުމްލަ 17 މިލިއަން ރުފިޔާ ހަރަދުވެފައިވާ އިރު ދެވަނަ ސީޒަނަށް ސްޕޮންސާގެ ގޮތުގައި މިހާރު ވެސް ހަތް މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ހަލީލް މޯލްޑިވިއަން އައިޑޮލް ސީޒަންގެ އެކެއްގެ ގްރޭންޑް ފިނާލޭ ޝޯގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައިވެ އެވެ.