ފިނިޕޭޖް

އައިޑޮލްގެ ޓްރޮފީއާ އެކު މާފުއްޓަށް އީދެއް

މޯލްޑިވިއަން އައިޑޮލް ދެވަނަ ސީޒަންގެ ތަށި ކ. މާފުއްޓަށް އުފަން މުހައްމަދު ތަސްނީމް (ބޮބް) އުފުލާލި ވަގުތަކީ މާފުށި ތާރީހުގެ ތެރެއަށް ވަދެގެން ދިޔަ ވަގުތުކޮޅެކެވެ. މުޅި މާފުށި އެއް އަޑަކުން ގުގުމައިގެން ދިޔަ ވަގުތުކޮޅެކެވެ. އެ ވަގުތުން ފެށިގެން ރައްޔިތުން ތިބީ ތަށި ހިފައިގެން ބޮބް ރަށަށް އަންނާނެ ވަގުތަކަށް އިންތިޒާރު ކޮށްކޮށެވެ.

މޯލްޑިވިއަން އައިޑޮލްގެ މާލޭ އޮޑިޝަނުން ގޯލްޑެން ޓިކެޓް ލިބުނު ހިސާބުން މުޅި ރަށް އޮތީ އެކަތި ގަނޑަކަށްވެ މި ސީޒަނުގެ ތަށި މާފުއްޓަށް ގެނައުމުގެ އަޒުމުގަ އެވެ. ބޮބްގެ ހުނަރާއި މެދު ރައްޔިތުން ސުވާލު އުފައްދާނެ ޖާގައެއް ނެތެވެ.

ކޮންމެއަކަސް ތަށި ހިފައިގެން މިއަދު ބޮބް ރަށަށް އެރި ވަގުތުކޮޅަކީ ރަށު ރައްޔިތުންނަށް އެފަދަ ދެވަނަ އެއް ނުވާ ވަރުގެ އުފަލެއް ލިބުނު ވަގުތުކޮޅަކަށެވެ. މުޅި ރަށް އޮތީ ބޮބް އަށް މަރުހަބާ ކިއުމަށް ބަނދަރު މައްޗަށް ނުކުމެ އެވެ. ބޮބް އަށް މަރުހަބާ ކީ ރަތް ދޫލައަކުންނެވެ. އެއަށްފަހު ސަގާފީ އެތައް ކުޅިވަރުތަކެއް ބޮބްގެ ޝަރަފުގައި ކުޅުނެވެ. ރައްޔިތުންގެ ފަރާތުން ހާއްސަ ހަވީރު ސައެއްވެސް ބޮބް އަށް ދިނެވެ.

މިހާ ހިސާބުން ރައްޔިތުން ނިންމާލީކީ ނޫނެވެ. އެތައް ލައްކަ ރުފިޔާގެ އަގުހުރި އިނާމް ބޮބް އަށް ރައްޔިތުންގެ ފަރާތުން ލިބުނެވެ. ރިސޯޓް ޗުއްޓީ ދަތުރު ތަކާއި ރާއްޖެއިން ބޭރުގެ ޗުއްޓީ ދަތުުރުތަކެވެ. ރަށުގެ އެކި ހޮޓެލްތަކުގައި ހުރެލުމުގެ ފުރުުސަތެވެ. އަދި ކެފޭތަކާއި ރެސްޓޯރެންޓުތަކުން އަހަރު ދުވަހުގެ ކެއުންވެސް ލިބުނެވެ. އަދިވެސް އިތުރު އެތައް އިނާމެއް ބޮބް އަށް ރައްޔިތުންގެ ފަރާތުން ލިބުނެވެ.

ސެލްފީ ނެގުމާއި ބޮބްގެ އޮޓޯގްރާފް ހޯދަން އައި ފޭނުންގެ އަދަދުވެސް އިންތިހާއަށް ގިނަ އެވެ. މާފުށީ ރައްޔިތުން އެކަންޏެއް ނޫނެވެ. އެރަށަށް ޒިޔާރަތްކޮށްގެން ތިބި ފަތުރުވެރިންވެސް ދިޔައީ ބޮބްގެ ފޮޓޯ ނަގަމުންނެވެ. އަދި ބޮބް އާ އެކު ސެލްފީވެސް ނަގަމުންނެވެ.

ރައްޔިތުންގެ ފަރާތުން ލިބުނު ލޯތްބާއި އިހުތިރާމް ވީ ހަމަގައިމުވެސް ބޮބް ބަސް ހުއްޓުވާލާ އުފަލުން ރޮއްވާލި ކަމަކަށެވެ. އެ ރައްޔިތުންގެ ފަރާތުން ލިބުނު ވޯޓާއި ތަރުހީބާ ނުލާ ބޮބް އެހާ ހިސާބަށް ނުދާނެ ކަމަށް ގަބޫލުކުރެ އެވެ.

"އަޅުގަނޑަށް މިހާ ހިސާބަކަށް ނާދެވުނީސް ތިބޭފުޅުންގެ ފަރާތުން ލިބުނު ލޯތްބާއި އިހުތިރާމް އަދި ވޯޓާއި ނުލާ. ހުރިހާ ބޭފުޅުންނަށްވެސް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްލަން ބޭނުންވޭ،" ރައްޔިތުންގެ ފަރާތުން ލިބިގެންދިޔަ ތރުހީބާއެކު ބޮބް އަށް ބުނެވުނީވެސް އެވަރަށެވެ. އުފަލުން ގޮސް ބޮބް ހުރީ ރޮވޭވަރުވެފަ އެވެ.
ލިބުނެވެ.