މޯލްޑިވިއަން އައިޑޮލްގައި އެންމެ މުހިންމު އެއް ބަޔަކީ ބައިވެރިންގެ ސަޕޯޓަރުންގެ ޓީމުތަކެވެ. ޝޯގެ ބޮޑު ކޮންޓްރޯލެއް އޮންނަނީ އެ ޓީމުތަކުން ކުރާ މަސައްކަތުގެ މައްޗަށެވެ. ޝޯގެ ފޯރި ވެސް އޮންނާނީ ޓީމުތަކުގެ އަތް މަތީގަ އެވެ. މިރެއަކީ ދެވަނަ މޯލްޑިވިއަން އައިޑޮލްއަކީ ކާކުކަން އެނގިގެންދާނެ ރެ އެވެ.
އައިޑޮލްގެ ފައިނަލިސްޓުން ކަމަށްވާ މުހައްމަދު ތަސްނީމް (ބޮބް) އާއި ހަމޫދު އަހްމަދާއި ޝަމްވީލް މުހައްމަދު (ބަރޯ)ގެ ޓީމުތައް އޮތީ މިރެއަށް ވަރަށް ރެޑީވެފަ އެވެ. ވެވެން ހުރި ތައްޔާރީއެއް ވަނީ ވެފަ އެވެ.
ޓީމް ބޮބްގެ މެނޭޖަރު އިސްމާއިލް ޒަރީރު ބުނީ، މިރޭ ޓީވީއެމް ކައިރިއަށް މުޅި ޓީމު ދާނެ ކަމަށެވެ. އަދި ބޮބްއަށް ވަރަށް ފުރިހަމަ ސަޕޯޓެއް ދޭނެ ކަމަށެވެ. ބޮބްއަށް އެންމެ ގިނަ ވޯޓު ހޯދުމަށް އެ ޓީމުން ވަނީ ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްފަ އެވެ. އެކަމުގައި ޓީމު މިއަދު އުޅުނީ ވަރަށް ބުރަކޮށެވެ.
"އުއްމީދަކީ އައިޑޮލް ހިފައިގެން ބޮބް ފޭބުން، އައިޑޮލް ލިބިއްޖެނަމަ ވަރަށް ބޮޑެތި ސެލްބްރޭޝަންތައް އޮންނާނެ، މި ފުރުސަތުގައި ސަޕޯޓް ކުރާ ފަރާތަކަށް ވަރަށް ޝުކުރު ވެސް އަދާކޮށްލަން،" އިސްމާއިލް ޒަރީރު ބުންޏެވެ.
ޓީމުގެ ބޮބަށް ދޫނުކުރާވަރުގެ ފޯރިއެއްގައި ޓީމު ބަރޯ ވެސް އެބަ ތިއްބެވެ. މިރޭ އެ ޓީމު ވެސް އެއްކޮށް ޓީވީއެމް ކައިރިއަށް ދާނެ އެވެ. އެ ޓީމުގެ މެނޭޖަރު މުހައްމަދު ސުހެއިލް ވަނީ ޝަމްވީލަށް ސަޕޯޓަރުންދެމުން ގެންދާ ވޯޓާއި އެއްބާރުލުމަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފަ އެވެ. ޝަމްވީލް އައިޑޮލް ކާމިޔާބުކޮށްފިނަމަ އެކަން ފާހަގަކުރަން އެ ޓީމުގެ ޕްލޭންސްތަކެއް އެބަ ހުއްޓެވެ.
ޓީމު ހަމޫދު ވެސް ހަމަ ތިބީ މިހެނެވެ. އެ ޓީމުގެ ހުރިހާ މެންބަރުން ވެސް ހަމޫދަށް ސަޕޯޓުކުރުމަށް މިރޭ ޓީވީއެމް ކައިރިއަށް ދާނެ އެވެ. އަދި ހަމޫދަށް ވަރުގަދަ ސަޕޯޓެއް ދޭނެ ކަމަށް އެ ޓީމުން ބުންޏެވެ.
މިރޭގެ ޝޯއަށް ބައިވެރިންނާއި ޓީމުތައް ފުރިހަމައަށް ތައްޔާރުވެފައިވާއިރު 8:15 ގައި ރެޑް ކާޕެޓް ފެށޭނެ އެވެ. ޝޯ ފެށޭނީ 9:00ގަ އެވެ. މިރޭގެ ޝޯއިން ރާއްޖޭގެ ވަރަށް މަޝްހޫރު އާޓިސްޓުންތައް ފެނިގެންދާނެ އެވެ. އަދި ތަފާތު ހުށަހެޅުންތައް ވެސް ފެނިގެންދާނެ އެވެ.