ފިނިޕޭޖް

ގަދަ ހިފުން ވަރަށް ފޯރިގަދަ، ދެން ގޮތް ނިންމާނީ ބެލުންތެރިން

މޯލްޑިވިއަން އައިޑޮލްގެ ސީޒަން ދެއެއްގެ ގަދަ ހިފުމުގައި ރޭ ތިން ބައިވެރިން ވެސް މިވަނީ ލަވަ ހުށަހަޅައިދީފަ އެވެ. މުހައްމަދު ތަސްނީމް (ބޮބް)، ހަމޫދު އަހުމަދު އަދި ޝަމްވީލް މުހައްމަދު ވަނީ އެމީހުންގެ އެންމެ ވަރުގަދަ، އެންމެ މޮޅު ހުށަހެޅުންތައް ރޭ ދައްކާލާފަ އެވެ. އެކަމަށް ދެބަހެއް ވެސް ވެވެން ނެތެވެ. ރޭގެ ހުށަހެޅުންތައް ހަމަ އެހާ ފުރިހަމަ އެވެ.

ރޭ ކޮންމެ ބައިވެރިޔަކު ވެސް ދެ ލަވަ ހުށަހަޅައިދިނެވެ. ރޭ އިވިގެން ދިޔަ ހަ ލަވަ ވެސް މިހާރު އެތައް ބަޔަކު ދަނީ އަޑުއަހަމުންނެވެ. އެ ލަވަތަކަކީ ޕްލޭ ލިސްޓްގެ އެންމެ ކުރީގައި މިހާރު އިވެމުން އަންނަ ލަވަތަކެވެ.

"ހިތްތައް ފުނޑުފުނޑު ވެއްޖެ"

ރޭ ބޮބް ފުރަތަމަ ލަވަ ހުށަހަޅައިދިނުމުން ޖަޖު އިއްބެ ބުނީ މިހެނެވެ. ބޮބް ފުރަތަމަ ހުށަހަޅައިދިނީ "އުއްމީދުގާ" މި ލަވަ އެވެ. ލަވަ ނިންމާލުމާއެކު އިއްބެ ބުނީ "ވާއު" ކަމަށެވެ. އައްފާން ވެސް ބުނީ ބޮބްގެ ހުށަހަޅައިދިން ވަރަށް ސަޅި ކަމަށެވެ. ނިންމާލުން އަދި ސަތޭކަ ކަމަށެވެ.

"ވަރަށް ބާރަބާރު ރިސްކެއް، ވަރަށް ރީތި ކީލެއް،" ވަރަށް ހިތްހަމަ ޖެހިފައި ހުރެ އުނޫޝާ ބުނީ މިހެނެވެ.

ދެވަނައަށް ބޮބް ހުށަހަޅައިދީފައިވަނީ ޒީރޯ ޑިގްރީގެ ވަރަށް ރީތި އަދި އެހާމެ އުނދަގޫ ލަވައެކެވެ. ނަމަވެސް ބޮބް ވަނީ އެ ލަވަ ވަރަށް މޮޅަށް ހުށަހަޅައިދީ، ޖަޖުން ހެއްވާލާފަ އެވެ. ލަވަ ނިމުނުއިރު ތިން ޖަޖުން ވެސް ތިބީ ކޮޅަށެވެ. ބޮބް ހުށަހަޅައިދިން "ފަލިވަޅު" ލަވަ ނިމުމާއެކު އުނޫޝާ ބުނީ "ޔޫ ރޮކްޑް އިޓް" ކަމަށެވެ. އަދި ފައިނަލް ކިޔާލަން އެއީ އެންމެ ރަނގަޅު ލަވަ ކަމަށެވެ. އައްފާން ވެސް ވަނީ ވަރަށް ބޮޑަށް ބޮބްއަށް ތައުރީފްކޮށްފަ އެވެ. އިއްބެ ބުނީ، "އައްސަރި ބަހާ ސާބަސް" ކަމަށެވެ.

"ހާދަ ހާދަ ރީއްޗޭ"

ހަމޫދުގެ ލަވަ ނިމުމާއެކު އިއްބެ ބުނީ މިހެނެވެ. ހަމޫދު ރޭ އެންމެ ފުރަތަމަ ހުށަހަޅައިދިނީ "ލޯބީގާ ލޯބީގަ" އެވެ. އައްފާން ވަނީ ހަމޫދޫ އެހާ ކޮންފިޑެންސް ހޯދަނީ ކޮންތާކުންތޯ އަހާ ވެސް އަހާފަ އެވެ. އައްފާނަށް ހަމޫދުގެ ކޮންފިޑެންސް ވަރަށް ކަމުދިޔަ އެވެ.

"އުނދަގު ލަވައެއް ވަރަށް ހަމަޖެހިލައިގެން ތި ކިޔާލީ،" އައްފާން ބުންޏެވެ. އުނޫޝާ ބުނީ، ހަމޫދުގެ ޕާފޯމެންސަކީ "ފްލޯ ލެސް" ޕާފޯމެންސްއެއް ކަމަށެވެ.

ހަމޫދުގެ ދެވަނަ ހުށަހެޅުމުން އޭނާއަކީ ފައިނަލްގައި ހުންނަންޖެހޭ ބައިވެރިއެއް ކަން ސާބިތުކޮށްދީފި ކަމަށް ބުނެ އުނޫޝާ ވަނީ ހަމޫދަށް ތައުރީފް އޮއްސާފަ އެވެ. ހަމޫދު ދެވަނައަށް ހުށަހަޅައިދީފައިވަނީ ވަރަށް ތަފާތު ލަވައެއް ކަމަށްވާ "މާމެލާމެލި" އެ ލަވަ އެވެ. ލަވަ ނިމުނުއިރު ތިން ޖަޖުން ވެސް ތިބީ ކޮޅަށެވެ. އިއްބެ ބުނީ، ޖަޖުން ބުނި ހުރިހާ ކަމެއް ހަމޫދު ރަނގަޅުކޮށްފައިވާ ކަމަށެވެ. އަދި އައިޑޮލްގެ ސްޓޭޖް މަތިން އެވަރުގެ ހުށަހެޅުމެއް ނުފެންނަ ކަމަށް ވެސް ބުންޏެވެ. އައްފާން ބުނީ، ހުށަހެޅުން "ފްލޯ ލެސް" ކަމަށެވެ.

"ވަރަށް ރީތި، ވަރަށް ފުރިހަމަ"

ޝަމްވީލްގެ ލަވައިން އުފަލުން ފޮޅިފައި އިން އިއްބެ ބުނީ މިހެނެވެ. ޝަމްވީލް ދެވަނައަށް ހުށަހަޅައިދިން ތޭރަވާގެ "ހިތް ރޮނީ" އެ ލަވައަށްފަހު އައްފާން ވަނީ ޝަމްވީލަށް ވަރަށް ތައުރީފްކޮށްފަ އެވެ. ފުރަތަމަ އައްފާން "ސްޕީޗް ލެސް" ކޮށްލާފަ އެވެ. އެ ލަވައަށް ތިން ޖަޖުންގެ ސްޓޭންޑިން އޮވޭޝަން ލިބުނެވެ.

"ވަރަށް ރީތި، އައިއޭމް ސޯ ޕްރައުޑް އޮފް ޔޫ،" އުނޫޝާ ބުންޏެވެ.

ޝަމްވީލް ފުރަތަމަ ހުށަހަޅައިދިނީ ހުޒާމްގެ ވަރަށް ރީތި ލަވައެއް ކަމަށްވާ "ނިންޖޭ ނަގާލީ" އެވެ. އުނޫޝާ ބުނީ، ހުށަހެޅުން "ބިއުޓިފުލް" ކަމަށެވެ. އުނޫޝާ ބުނީ އެ ލަވަ ޝަމްވީލާ ވަރަށް ގުޅޭ ކަމަށެވެ. އަދި އިހުސާސްތައް ވަރަށް ބޮޑަށް ބަޔާންކޮށްދިން ކަމަށެވެ. އިއްބެ ބުނީ "ސްޕާބް" ކަމަށެވެ. އައްފާން ވެސް ބުނީ، ލަވަ ވަރަށް ރީއްޗަށް ހުށަހަޅައިދީފައިވާ ކަމަށެވެ.

ދެން ސަޕޯޓަރުންގެ ހިތްވަރެއް

ބައިވެރިން މިވަނީ އެ ބައިވެރިންނަށް ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްފަ އެވެ. ބައިވެރިންގެ އެންމެ މޮޅު ދައްކާފަ އެވެ. ޖަޖުންގެ އަތުން ހޯދެން އޮތް އެންމެ ގިނަ މާކުހެއް ހޯދާފަ އެވެ.

ޖަޖުން މިހާރު އެވަނީ މާކްސް ދީފަ އެވެ. މިހާރު ބޯޅަ ބޯޅަ އޮތީ ބެލުންތެރިންގެ ކޮޅުގަ އެވެ. ހުރިހާ ބާރެއް ބެލުންތެރިނަށެވެ. އަނެއް 50 ޕަސެންޓް މާކުހަކީ ބެލުންތެރިންގެ ވޯޓު ނެރޭ މާކުހެވެ. ބެލުންތެރިންގެ ވޯޓަކީ ޖަޖުންގެ ނަތީޖާ އެފުށް މިފުށަށް ޖަހާލެވޭހާ ވެސް ބާރުގަދަ ވޯޓެކެވެ. އެހެންކަމުން ވޯޓު ފޮނުވުމަށް ކޮންމެހެން ވެސް ހަނދާން ބަހައްޓާށެވެ.

ދެވަނަ މޯލްޑިވިއަން އައިޑޮލް ހޮވުމަށް މިއަދު އިރުއޮއްސި 6:00 އާ ހަމައަށް ވޯޓު ފޮނުވޭނެ އެވެ. ކޮންމެ ނަންބަރަކު ވެސް 50 އެސްއެމްއެސް ކުރެވޭނެއިރު އެސްއެމްއެސްއަކަށް ތިން ރުފިޔާ ޗާޖުކުރާނެ އެވެ.