ފިނިޕޭޖް

އެންމެ ފަހުން ނަހޫ އަށް މޫސަގެ ނަމްބަރު ލިބިއްޖެ

މޯލްޑިވިއަން އައިޑޮލްގެ ހޯސްޓު މޫސާ ވަސީމަށްވުރެ އެންމެ ތަންކޮޅެއްވެސް އެލައިޑް އިޝްތިހާރުތަކުން މި ސީޒަންގައި ފެނިގެން ދިޔަ ނަހުޒާން އަހުމަދު ހުސެއިން (ނަހޫ)ގެ މަގުބޫލުކަން ކުޑައެއް ނޫނެވެ. ކިތަންމެ ވަރަކަށް މޫސާ ވަސީމްގެ ވާހަކަ ދެއްކިއަސް ނަހޫ އަކަށް މޫސާ ވަސީމް އާ ބައްދަލުކޮށްލުމުގެ ފުރުސަތެއް މީގެ ކުރިއަކުން ނުލިބެ އެވެ. މޫސަ އަކީ ކާކުކަން އޭނާ އަށް އެނގުނީވެސް ދާދި ފަހުންނެވެ.

މޫސާ ވަސީމް އެނގުނު ފަހުން މޫސަ އާއި ބައްދަލުކޮށްލަން ނަހޫ ހުރީ ވަރަށް ބޮޑަށް ބޭނުންވެފަ އެވެ. މޫސާ ވަސީމްވެސް ހުރީ ނިކަން ބޮޑަށް ނަހޫ އާ ބައްދަލުކޮށްލަން ބޭނުންވެފަ އެވެ. އެ ފުރުސަތު ރޭގެ ޝޯއިން މިވަނީ ލިބިފަ އެވެ. އެ ފުރުސަތު ލިބުނުން ނަހޫ ހުރީ ނިކަން އުފަލުންނެވެ.

"ވަރަށް އުފާވި މޫސަ އާއި ބައްދަލުވީމަ. އަލަށް އަދި މިދިމާވީ. ހިއެއް ނުކުރަން އެހާ އަވަހަށް ބައްދަލުވެދާނެ ކަމަކަަށްވެސް،" ޝޯ ނިންމާލުމަށްފަހު އަވަސް އާ ވާހަކަ ދައްކަމުން ނަހޫ ބުންޏެވެ.

"މީހުން ގޮވާ ޒުބޭދާ އޭ، މޫސާ ވަސީމޭ ކިޔާފައި. އާދޭ ފޮޓޯ ނަގަންވެސް. ވަރަށް ފޭމަސް ވެއްޖެ މިހާރު،"

މޫސަވެސް ހުރީ ނަހޫ އާ ދިމާވީމަ ވަރަށް އުފަލުންނެވެ. މޫސަ ވަނީ އޭނާގެ ނަމްބަރުވެސް ނަހޫއަށް ދީފަ އެވެ. އޭގެ ބަދަލަށް ނަހޫ ވަނީ މޫސަ އާއެކު ޝޯގައި ނަށާލާފަ އެވެ. އަދި ނަހޫ އާ އެކު މޫސަ ވަނީ ސެލްފީވެސް ނަގާފަ އެވެ.

ޝޯ އިން ފައިބައިގެން ދަމުން ނަހޫ ވަނީ ޗުއްޓީ ހޭދަކޮށްލަން ނަހޫގެ އުފަން ރަށް ކެޔޮދޫއަށް ދާން މޫސާ ވަސީމް އަދި ލަމްހާ އަށް ދައުވަތުވެސް ދީފަ އެވެ.

ގިނަ ބަޔަކު މިރޭވެސް ނަހޫ އަށް ތައުރީފްކޮށް ޓުވިޓާ އަދި ފޭސްބުކްގައި ގިނަ ޕޯސްޓުތަކެއް ކުރަމުންނެވެ. ޝޯ ނިންމާލާފައި ގިނަ ބަޔަކު އޭނައާއެކު ސެލްފީވެސް ނަގާފަ އެވެ.

ނަހޫއަކީ ތިން ކުދިން ތިބޭ އާއިލާއެއްގައި ދެވަނަ އަށް އެންމެ ބޮޑު ކުއްޖާ އެވެ. އެލައިޑުގެ އިޝްތިހާރު ތަކުން އޭނާ ފެނުން ވެގެން ދަނީ އޭނާގެ އާއިލާ އަށް ވެސް ލިބޭ ވަރަށް ބޮޑު އުފަލަކަށެވެ. ވަރަށް ހާއްސަ ކަމަށެވެ. އެކަމާ މުޅި އާއިލާ ވެސް އަދި ނަހޫ ވެސް އުފާވެ އެވެ. އެކަމަކު ނަހޫ ބުނާ ގޮތުގައި ބައެއް ފަހަރު ފާޑަކަށް ލަދެެއް ގަނެ އެވެ.