ފިނިޕޭޖް

ޓައިޓަލްއާއެކު ބޮބް ފޮނި އިހުސާސްތަކެއްގައި

"އާހް... އިހުސާސްތައް ދޯ، ބުނަން ވެސް ނޭނގޭ،" ދެވަނަ މޯލްޑިވިއަން އައިޑޮލް ލިބުމާއެކު "އަވަސް"ގެ މައިކް ދިއްކޮށްލައި އިހުސާސްތައް އަހާލުމުން މުހައްމަދު ތަސްނީމް (ބޮބް) ބުނީ މިހެނެވެ.

ބޮބް ހުރީ އޭނާގެ ތާރީހީ ކާމިޔާބާއެކު ބަަސް ހުއްޓިފަ އެވެ. އުފާވެރިކަން ވަނީ އޭނާ ވަށާލާފަ އެވެ. ރޭ ބޮބްގެ ހިނިތުންވުން އެންމެ ވަގުތުކޮޅަކަށް ވެސް ގެއްލިގެން ނުދެ އެވެ. ގަޑިއިރެއްހާއިރު ސަޕޯޓަރުންނާއެކު ހިނިތުންވެ ސެލްފީ ނަގާލަ ނަގާލަ ބޮބް ހުއްޓެވެ. އޭނާގެ އުފަލުގައި މުޅި އާއިލާ އާއި ސަޕޯޓަރުން ބައިވެރިކުރި އެވެ.

"ބުނަން ނޭނގޭހާ އުފާވެފަ، ވަރަށް ވަރަށް އުފާވެފަ މިހުރީ،" އަވަސްއަށް ރޭ ދިން އިންޓަވިއުގައި ބޮބް ބުންޏެވެ.

ވަރަށް ވާދަވެރި ކުރިމަތިލުމަކަށްފަހު ބޮބްއަށް މި ރަންވަނަ ލިބިފައިވާއިރު މިއީ ހަގީގަތުގައި ވެސް ވަރަށް ބޮޑު ކާމިޔާބީއެކެވެ. އޭނާއާ ވާދަކުރި ހަމޫދާއި ޝަމްވީލަކީ ވެސް ހަމަ އެހާ މޮޅު ދެ ބައިވެރިން ކަމަށްވާއިރު އައިޑޮލް އޭނާއަށް ލިބުނީ އާއިލާ އާއި ސަޕޯޓަރުންގެ ބުރަ މަސައްކަތުން ކަމަށް ބޮބް ދެކެ އެވެ. އެހެންވެ ބޮބްގެ ޝުކުރު ލިސްޓް ދިގެވެ.

"އަޅުގަނޑު ބޭނުން ޝުކުރު އަދާކޮށްލަން އެންމެ ފުރަތަމަ ވެސް މާފުށީ ރައްޔިތުންނަށް، ދެން ދ. ކުޑަހުވަދޫގެ ހުރިހާ ރައްޔިތުން، އަޅުގަނޑުގެ އާއިލާ، އަޅުގަނޑުގެ ފޭނުން، ދެން ހަމަ އަޅުގަނޑަށް ސަޕޯޓްކުރި އެންމެހާ ބޭފުޅުންނަށް އަޅުގަނޑުމެން ބޭނުން ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކޮށްލަން، އެ ބޭފުޅުންނާ ނުލާ އަޅުގަނޑު މިއަދު މިތާ މި ހިފައިގެން ނުހުންނާނެ، އެ ބޭފުޅުންގެ މަސައްކަތުން އަޅުގަނޑު މިއަދު މިތާ މިހުރީ،" ބޮބް ބުންޏެވެ.

ބޮބް ބުނީ، އޭނާގެ އަޑަކީ ސަޕޯޓަރުން ކަމަށެވެ. އެ އަޑާއެކު ސަޕޯޓަރުން ތިބިހާ ދުވަހަކު ސަޕޯޓަރުންނަށް އޭނާ ގެއްލިގެން ނުދާނެ ކަމަށް ބޮބް ވައުދުވެ އެވެ. މިޔުޒިކީ ދާއިރާ ނޫން އެހެން ދާއިރާއަކަށް ދިޔުމުގެ ވިސްނުމެއް ދެވަނަ މޯލްޑިވިއަން އައިޑޮލްގެ ނެތެވެ.

"އަޅުގަނޑު އަބަދުވެސް ބުނާހެން އަޅުގަނޑުގެ ސަޕޯޓަރުންނަކީ އަޅުގަނޑުގެ އަޑު، ކުރިއަށް އޮތްތާ ބޮބްގެ އެއްޗެހި ނުކުންނާނެ، ކުރިއަށް ދާނީ މިކަމުގަ، ކުރިއަށް ދާނީ މިޔުޒިކީ ދާއިރާއިން، އެ ނޫން ދާއިރާއަކުން އަޅުގަނޑު ކުރިއަށް ނުދާނަން، އަމިއްލަ ލަވަތައް ވެސް ނެރެ، ރިސޯޓް ގިގްތައް ވެސް ދޭނަން،" ބޮބް ބުންޏެވެ.

ވަރުގަދަ ދެ ބައިވެރިންނާ ވާދަކޮށް، ބޮބްއަށް ޓައިޓަލް ލިބުމަކީ ބައެއް މީހުން ގަބޫލުނުކޮށްފާނެ ކަމެކެވެ. ނަމަވެސް މިއީ މުބާރާތެއް ކަމުން އެއްވަނައަށް ދަނީ އެއް ބައިވެރިޔާ އެވެ. އެ ބައިވެރިޔަކީ އެކަމަށް "ޑިޒާވް" ބައިވެރިޔާ އެވެ. ދެވަނަ އައިޑޮލަށް ބޮބް ޑިޒާވް ނޫން ކަމަށް ބުނެދާނެ މީހުންނަށް ބޮބް ދިނީ ވަރަށް ފުރިހަމަ ޖަވާބެކެވެ.

"މީތި ހޮވާފަ މިއިންނަނީ އަޅުގަނޑެއް ނޫން ދެއްތޯ؟ މީތި ހޮވާފަ މިއިންނަނީ ޖަޖުންނާއި ރައްޔިތުން ގައުމުގެ، އަޅުގަނޑު މިއަދު މިތާ މި ހިފައިގެން ހުންނައިރު އަޅުގަނޑަކަށް ނުބުނެވޭނެ އަޅުގަނޑަށް މި ޑިޒާވް ނޫނެކޭ، ކޮންމެ ގޮތެއްގައި ވެސް އަޅުގަނޑަށް ޑިޒާވްވޭ އިރާދަކުރެއްވިއްޔާ، އެއީ ރައްޔިތުންގެ ނިންމުން،" ބޮބް ބުންޏެވެ.

ބޮބްއަށް އޭނާގެ ހައްގު މަގާމު ލިބިފައިވާއިރު "އަވަސް"އިން ވެސް އެދެނީ ބޮބްއަށް މިޔުޒިކީ ދާއިރާގައި އިތުރު ކުރިއެރުންތައް ލިބުމެވެ.