މޯލްޑިވިއަން އައިޑޮލްގެ ދެވަނަ ސީޒަން ފެށުނީއްސުރެ އެންމެ އިންތިޒާރު ކުރަމުން އައި ވަގުތަކީ މި ސީޒަންގެ ޓައިޓަލް ނަގާ އެވޯޑު އުފުލާ ބައިވެރިއަކީ ކޮބައިތޯ ބެލުމެވެ. ވާދަވެރި އެތައް ހުށަހެޅުންތަކަކަށްފަހު މުހައްމަދު ތަސްނީމް (ބޮބް) ވަނީ އެ ލަގަބު ހޯދާފަ އެވެ. ދެވަނަ އަށް ދިޔައީ ހަމޫދު އަހްމަދެވެ. ތިން ވަނަ އަށް ޝަމްވީލް މުހައްމަދެވެ.
އެއް ވަނަ ނުލިބުނު ނަމަވެސް ހަމޫދާއި ޝަމްވީލަކީ ވެސް "ވިނާސް" ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. މިއީ މުބާރާތެކެވެ. އެއް ވަނަ ލިބޭނީ ކޮންމެވެސް އެއް ބައިވެރިއަކަށެވެ. ޝަމްވީލް އަދި ހަމޫދު ވެސް ބުނަނީ މިހެންނެވެ. ބޮބް އަށް މި އެވޯޑް "ޑިޒާވް" އެވެ.
ގަދަ ތިނަކާއި ހަމައަށް އަންނާނެ ކަމުގެ އެއްވެސް އުންމީދެއް ނެތި އެ ހިސާބަށް އައުމުން ހަމޫދު އަދި ޝަމްވީލް ވެސް ހުރީ އުފަލުންނެވެ. ރަނަރަޕް އަކީ ލިބުނު ކާމިޔާބީ އެކެވެ. އެއް ވަނަ ނުލިބުނަސް ލިބުނު "އެކްސްޕޯޝާ" އާ "ފޭން ބޭސް" އަށް ބަލާއިރު ދެރަވެ ހިތާމަ ކުރަންޖެހޭ ސަބަބެއް މި ދެބައިވެރިންނަށް ނެތް ކަމަށް ދެ ބައިވެރިންވެސް ގަބޫލު ކުރެ އެވެ.
"އަޅުގަނޑު އަސްލު ހީކުރީ ތިން ވަނަ ކަމަށް ލިބޭނީ. ދެވަނަ ލިބުނީމަވެސް އަޅުގަނޑު ވަރަށް ވަރަށް އުފާވެއްޖެ. މި ޓްރޮފީ ޑެޑިކޭޓް ކޮށްދޭން ފެމެލީ އަށާއި، ސްޕޯޓްކުރި އެންމެންނަށް އަދި ހުރިހާ އެންމެނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ." އައިޑޮލްގެ ވަނަތައް އިއުލާނު ކުރިފަހުން އަވަސް އަށް ދިން އިންޓަވިއުއެއްގައި ހަމޫދު ބުންޏެވެ.
ރޯދަމަސް ނިންމާލާފައި ދެ މަސް ފަހުން ހަމޫދުގެ އަމިއްލަ ލަވައެއް އަޑުއިވޭނެ އެވެ. ލަވަ ކިއުމުގެ ދާއިރާއަށް ނުކުންނަން ބޭނުންވާ ކުދިންނަށް ހަމޫދުގެ ނަސޭހަތެއް އެބަ އޮތެވެ.
"ލަވަ ކިޔަން ބޭނުންވާ ކުއްޖެއް ހުރެއްޖެޔާ މޯލްޑިވިއަން އައިޑޮލް ސީޒަން ތިނެއް އޮވެއްޖެއްޔާ ބައިވެރިވާށޭ ބުނެލަން ބޭނުން. އެއީ މިވަރުގެ އޮޕޮޗުނިޓީއެއް ނުލިބޭނެ. ތެންކިއު ޕީއެސްއެމް،" ހަމޫދު ބުންޏެވެ.
ހަމޫދު މޮޅީ ހަމައެކަނި ލަވަ ކިޔާކަށް ނޫނެވެ. އެއީ ވާހަކަ ލިޔުންތެރިއެއްވެސް މެއެވެ. މިހާތަނަށް ދެތިން ވާހަކަ ލިޔުނު ނަމަވެސް އެއްވެސް ވާހަކައެއް ޕަބްލިޝްކޮށް އާންމުންނަށް ދޫކޮށްލާފައެއް ނުވެ އެވެ. ނަމަވެސް އައިޑޮލް އަށް އައުމުގެ ކުރިން ހަމޫދުވަނީ ޕަބްލިޝް ކުރަން ވާހަކައެއް ލިޔަން ފަށާފަ އެވެ. މެދަކާ ހަމައަށް ލިޔެފައިވާއިރު އައިޑޮލް ނިންމާފަ އެންމެ ފުރަތަމަ އިސްކަން ދޭނީ އެވާހަކަ ފޮތް ނިންމާލާށެވެ. ވާހަކަ ލިޔުމަކީވެސް ހަމޫދުގެ ދިރިއުޅުމުގެ ބައެކެވެ.
ހަމޫދު މޮޅީ ހަމައެކަނި ލަވަ ކިޔާކަށް ނޫނެވެ. އެއީ ވާހަކަ ލިޔުންތެރިއެއްވެސްމެ އެވެ. މިހާތަނަށް ދެތިން ވާހަކަ ލިޔުނު ނަމަވެސް އެއްވެސް ވާހަކައެއް ޕަބްލިޝްކޮށް އާންމުންނަށް ދޫކޮށްލާފައެއް ނުވެ އެވެ. ނަމަވެސް އައިޑޮލް އަށް އައުމުގެ ކުރިން ހަމޫދުވަނީ ޕަބްލިޝް ކުރަން ވާހަކައެއް ލިޔަން ފަށާފަ އެވެ. ވާހަކަ ލިޔުމަކީވެސް ހަމޫދުގެ ދިރިއުޅުމުގެ ބައެކެވެ.
"މިވެސް ހަމަ ވިން އެއް. ކޮން ވަނައަކަށް ދިޔަ ނަމަވެސް ޝަމްވީލް މިހިރީ ހަމަ ވަރަށް ވަރަށް ވަރަށް އުފަލުން. އެހެންވެ ބުނާނީ އަދި ކެރިއާ ނިމުނީކީ ނޫން،" އައިޑޮލްގެ ވަނަތައް އިއުލާނު ކުރިފަހުން އަވަސް އަށް ދިން އިންޓަވިއުއެއްގައި ޝަމްވީލް ބުންޏެވެ.
މިއީވެސް ވަނައެއް ކަމަށް ގަބޫލުކޮށް ޝަމްވީލް ދަނީ ދާއިރާއިން ކުރިއަށް ދާން އަތުކުރި އޮޅާލައިގެންނެވެ. ދެތިން ލަވައެއް މިހާރުވެސް ރެޑީވެފައި އެބަ އިނެވެ. ރޯދައަށް ފަހު ޝަމްވީލްގެ އަމިއްލަ ރާގުތަކާއި އަމިއްލަ ލަވަތައް ފެންނާނެ އެވެ. އޭގެ ކުރިން ޝަމްވީލްގެ ކަވާ ލަވަތައްވެސް އިވޭނެ އެވެ.
ޝަމްވީލަކީ މިއުޒިކީ އާއިލާއެއްގެ ތެރެއަށް އުފަންވި ކުއްޖެކެވެ. ބޮޑުވެގެން އައިއިރު ލަވައަކީ އާންމުކޮށް ކޮންމެ ދުވަހަކު އިވޭ އެއްޗަކަށްވެ ޝަމްވީލްގެ ޝައުގުވެރިކަން އެކަމަށް ދަމައިގަތީ އެވެ.
ހޮޓެލް އެންޑް ޓުއަރިޒަމް މެނޭޖްމަންޓް ދާއިރާއިން ޑިގްރީ ހާސިލްކޮށްފައިވީ ނަމަވެސް މުސްތަގުބަލުގައި ޝަމްވީލް މި ދާއިރާއިން ފެންނާނެ އެވެ.
"ޝަމްވީލް ފެނިގެންދާނެ. ވަކިވެގެން ނުދާނެ. މިވެސް ހަމަ ވިން އެއް." ޝަމްވީލް ބުންޏެވެ.
"ފުރަތަމަ ޝަމްވީލް ޝުކުރު އަދާކޮށްލަން ބޭނުންވަނީ ހެއްދެވި ފަރާތަށް، ދެން މަންމަ އާއި ބައްޕަ ކޮށްދެއްވާ ސަޕޯޓަށް. މާމަމެން ކޮށްދެއްވާ ކަންތައްތަކަށް. ޝަމްވީލް އަންހެނުން ދެން ވައިފް ފެމިލީން، ވައިފްގެ މަންމަ އެ ހަމަ ފަހުލަވާނެއް. ދެން ޝަމްވީލް މަންމަ ފެމެލީއަށް، ދެން ޝަމްވީލްގެ ޓީމަށް ވަރަށް ވަރަށް ބޮޑަށް ޝުކުުރ އަދާ ކުރަން. ޓީމަށާ ވައިބަ ގްރޫޕަށް. އެމީހުން ކޮށްދިން ކަންތައްތަކުން ޝަމްވީލް މިހާހިސާބަށް މި އާދެވުނީ. ދެން ނ. އަތޮޅު. ހާއްސަކޮށް ހޮޅުދޫ މީހުންނަށް. ދެން ޝަމްވީލަށް ސަޕޯޓްކޮށް އެސްއެމްއެސް ކުރި އެންމެނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ."
"ޝަފީގް ސާ އަށާއި ސަމީއު ސާ އަށްވެސް ޝުކުރު އަދާކުރަން. ޕީއެސްއެމްއަށްވެސް ޝުކުރު އަދާކޮށްލަން ބޭނުން ވަރަށް ބޮޑަށް މިފަދަ ފުރުސަތެއް ދެއްވީތީ. ތައުބެއަށްވެސް." ޝަމްވީލްގެ ޝުކުރުގެ ލިސްޓު ނިންމާލީ މިހިސާބުންނެވެ.