ފިނިޕޭޖް

އައިޑަލް ސީޒަން 3 އަންނަ މަހު!

ރާއްޖޭގައި ބާއްވަމުން އަންނަ ފުރަތަމަ އަދި އެންމެ ބޮޑު ފްރެންޗައިޒް ޝޯ، މޯލްޑިވިއަން އައިޑަލްގެ ސީޒަން ތިނެއް ބެލުންތެރިންނާއި ހަމައަށް އަންނާނީ އަންނަ މަހު އެވެ. މިކަން އިއުލާނުކޮށްފައި ވަނީ ކުޑަ ވަގުތުކޮޅެއް ކުރިން މޯލްޑިވިއަން އައިޑަލްގެ އޮފިޝަލް ފޭސް ބުކް ޕޭޖުގަ އެވެ.

އައިޑަލް މި ސީޒަންގެ ފޯރި ކުޑަވެފައިވާ އިރު، މި ފަހަރުގެ ސީޒަން ފަަށާ ތާރީހުވެސް ކުރީ ދެ ސީޒަނަށްވުރެ މި ވަނީ ލަސްވެފަ އެވެ. އޮޑިޝަންތައް ބޭއްވި ރަށްތައް މަދުވުމާއި، އެހެން ސީޒަންތަކުގައި އޮޑިޝަންތަކަށް ދިޔަ ވަގުތައްވުރެ ގިނަ ވަގުތު ދާކަމަށް ބުނެ ޝޯޝަލް މީޑިއާގައި މިހާރުވެސް ވާހަކަދެކެވެމުންދެ އެވެ. މި ސީޒަންގެ ތިއޭޓާ ރައުންޑުގެ އޮޑިޝަން އަދި ޝޫޓުކުރަން ވެސް ނުފަށަ އެވެ.

މި ފަހަރުގެ ސީޒަން އެހެން ސީޒަންތަކަށް ވުރެ ވަރުގަދަ ވާނެކަމަށާއި، ބެލުންތެރިންނާއި ހަމައަށް ފުރިހަމަ ޝޯއެއް ގެނެސްދޭނެ ކަމަށް އައިޑަލް ޕްރޮޖެކްޓް ހެޑް އައިމިނަތް ޝާޔާން ޝާހިދް ވަނީ ސީޒަން ތިނެއް ލޯންޗުކުރި ރޭ ވިދާޅުވެފަ އެވެ.

މި ސީޒަން ހޮސްޓުކުރާނީ ކުރީގެ ދެ ސީޒަންވެސް ހޮސްޓުކުރި މުސާ ވަސީމް އަދި އަލަށް ގުޅުނު މަޝްހޫރު ރޭޑިއޯ ޕްރެޒެންޓާ ޝައިނާ އެވެ. އެހެން ނަމަވެސް މޫސާ ވަސީމު ކުއްލިއަކަށް ޓީވީއެމް އިން އިސްތިއުފާ ދިނުމުން ދެން އައިޑަލްގެ ޕްރެޒެންޓަރެއްގެ ގޮތުގައި ފެންނާނެ ކަމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. ޖަޖުންގެ ޕެނަލުން މި ފަހަރު ހަތަރު ޖަޖުން ފެނިގެންދާނެ އެވެ. އެއީ ކުރީގެ ދެ ސީޒަންގައިވެސް ޖަޖަކަށް ހުރި މަރިޔަމް އުނޫޝާ(ކިޑީ)، ފުރަތަމަ ސީޒަންގައި ޖަޖުކުރި އަހުމަދު އަލީ (އައްމަޑޭ)، އަދި ދެ ވަނަ ސީޒަންގައި ޖަޖުކުރި އަލީ އައްފާން އެވެ. ޖަޖުންގެ ޕެންލްއާ އަލަށް ގުޅިފައިވާނީ ޒާރާ އެވެ.

މޯލްޑިވިއަން އައިޑޮލްގެ ސީޒަން ދެއެއް ކާމިޔާބުކޮށްފައިވަނީ މުހައްމަދު ތަސްނީމް (ބޮބް) އެވެ. އަދި ފުރަތަމަ ސީޒަން ކާމިޔާބުކޮށްފައިވަނީ ލައިޝާ ޖުނައިދު އެވެ.