ފިނިޕޭޖް

ލިބުނު ޝޮކަށްވުރެން ބޮޑު އުއްމީދެއްގައި

މޯލްޑިވިއަން އައިޑޮލްގެ ޕިއާނޯ ރައުންޑުން ކަޓައިގެން ދިއުމަކީ އަހުމަދު ސައްޔާހަށް ލިބުނު ޝޮކެކެވެ. ދަތުރުގެ މިހިސާބުން މޯލްޑިވިއަން އައިޑޮލްގެ އޮޑިން ފުންމާލަން ޖެހިދާނެ ކަމަކަށް އޭނާ އެއްވެސް އުއްމީދެއް ނުކުރެ އެވެ. ނަމަވެސް ލަވަކިޔުންތެރިޔަކަށް ފުރިހަމަވުމަށް ފެށި ދަތުރުގެ މެދަކާ ހިސާބުން މިއުޒިކްގެ ކަނޑަކަށް ފުންމާލަން ޖެހުނަސް 18 އަހަރުގެ މި ޒުވާނާގެ ހިތުގައި އެއްވެސް ޖެހިލުމެއް ނެތެވެ.

މި ފޯރިއެއްގައި އޭނާ ވަނީ މިހާރު ވެސް އެނބުރި އައުމަކަށް ދަތުރު ފަށައިފަ އެވެ.

"އަޅުގަނޑު ވެސް އެކްސްޕެކްޓެއް ނުކުރަން މިހައި ހިސާބުން ކަޓާނެ ކަމަކަށް. އެކަމަކު ނިމުނީއެއް ނޫން މިހިސާބަކުން އަދި. ލަވަ ވެސް ފެންނާނެ އިރާދަކުރެއްވިޔާމު،" ސައްޔުގެ ނަމުން މަޝްހޫރުވެފައިވާ އުއްމީދީ ލަވަކިޔުންތެރިޔާ ބުންޏެވެ.

"މިހާރު އެންމެ ބޮޑަށް މަސައްކަތްމިކުރަނީ ވީހާ ވެސް އަވަހަކަށް އަމިއްލަ ލަވައެއް ނެރުމަށް."

މި ލަވައެއް ނެރުމަށް އޭނާ މަސައްކަތް ފަށާފައިވާއިރު މިއުޒިކުގެ ރޮނގުން ކުރިއަށް ދިއުމަށް ވަނީ ގިނަ ފުރުސަތުތަކެއް ވެސް ހުޅުވިފަ އެވެ. އެގޮތުން ބަލާއިރު އައިޑޮލްގެ މި އަހަރުގެ ގަދަ 16 އަށް ޕީއެސްއެމުން ދޭ ކޮންޓްރެކްޓްގެ ނަސީބުގައި އޭނާ ލައްވާލާފައިވާއިރު މަޝްހޫރު ބޮޑުބެރު ގްރޫޕު ހަބޭސް އިން އަލަށް އުފައްދާފައިވާ މިއުޒިކް ބޭންޑް، ފިއުޝަންގެ ލީޑް ވޯކަލިސްޓަކީ ވެސް ސައްޔާހެވެ.

ހަބޭސް އިން މި ފުރުސަތު ލިބިފައިވާއިރު އޭނާ އަކީ މޯލްޑިވިއަން އައިޑޮލްގެ ދަތުރަކަށް ރިޔާކޮށުމުގެ ކުރިން ވެސް ހަބޭސްގެ މެމްބަރެއްކަން ފާހަގަކޮށްލެވެ އެވެ. ނަމަވެސް ސައްޔާހު ބުނީ އައިޑޮލްގައި ތަޖުރިބާކޮށްލަން ލިބުނު މަދު ދުވަސްކޮޅުގެ ތެރޭގައި މުޅިން އާ ކަންތައްތަކެއް ދަސްވެ ބަދަލުތަކަކަށް ފުރުސަތު ލިބިގެން ދިޔަ ކަމަށެވެ.

"އައިޑޮލްގެ ސަބަބުން ބަދަލު އަންނަ ވާހަކަ އަކީ ވަރަށް ރަނގަޅު ވާހަކައެއް. ކުރިން ނަމަ (އަހަރެމެން) މަގުމަތީގައި ކޮންމެ ގޮތަކަށް އުޅެ ކޮންމެ އެއްޗެއް ކިޔަސް އެކަމާ އަޅާލާނެ ބަޔަކު ނުތިބޭނެ. އެކަމަކު މިހާރު ނަމަ ފޭން ބޭސްއެއް އެބައޮތް. އޮތީމަ އެމީހުންނަށް ނަމޫނާއަކަށް ވާން އެބަޖެހޭ. ރޯލް މޮޑެލްއަކަށްވީމަ ޑިސިޕްލިން ހިފަހައްޓައި ނަމޫނާ ދައްކަން ޖެހޭނެއޭ،" ސައްޔާހު ބުންޏެވެ.

އޭނާ ބުނީ ރަނގަޅު އަހުލާގެއްގެ ލަވަކިޔުންތެރިންތަކެއް އުފެއްދުމަށް ޕީއެސްއެމުން ގަދައަޅައި މަސައްކަތްކުރާ ކަމަށާއި ގަދަ 16 އިން ފުރުސަތު ދިނުމަކީ ވެސް އެގޮތަށް ފަހިކޮށްދިން އިތުރު ފުރުސަތެއް ކަމަށެވެ.

"ވަރަށް ބޮޑު ފުރުސަތެއް ޕީއެސްއެމުން ގަދަ 16 އަށް ކޮންޓްރެކްޓް ދިނުމަކީ. ކުރިއަށް ދިއުމަށް އަނެއްކާވެސް އިތުރު ފުރުސަތެއް ހުޅުވިގެން އެ ދިޔައީ. އެ ކޮންޓްރެކްޓް ދިނީމަ އެނގިގެން ދަނީ މިދިޔަ އަހަރުގެ ޓޮޕް 16 އަށް ވުރެން ހުރިހާ ގޮތަކުން ވެސް މިފަހަރުގެ ޓޮޕް 16 ރަނގަޅުވީމައޭ މި ފުރުސަތު ދޭނީ،" ސައްޔާހު ބުންޏެވެ.

"މޯލްޑިވިއަން އައިޑޮލްގެ މި ޖާނީ އަކީ ވަރަށް ސަޅި ޖާނީއެއް. ވަރަށް ބައިވަރު އެއްޗެހިތަކެއް އެނގިގެން ވެސް ގޮސްފި. ދެން ބައިވަރު، އެކި ކަހަލަ އެކުވެރިންތަކެއް ވެސް ލިބިއްޖެ މީގެ ސަބަބުން. އާއިލާއެއްގެ ގޮތުގައި އުޅެފައި ވަކިވާން ޖެހުނީމަ ވެސް ވަރަށް ދެރަވި."

ދެން މި އޮތީ ސައްޔާހުގެ ފެވަރިޓުންގެ ލިސްޓެކެވެ. އޭނާ ބުނީ ވާދަވެރިކަމަށް ބަލާއިރު މިފަދަ ލިސްޓެއް އެކުލަވައިލުމަކީ އެއްގޮތަކަށް ވެސް ފަސޭހަ ކަމެއް ނޫން ކަމަށެވެ. ނަމަވެސް އޭނާގެ ލިސްޓަށް ވެސް "ބޮބް" އެރީ ވަރަށް ފަސޭހައިންނެވެ.

"ބޮބް އިންނަން ޖެހޭނެ. މިފަހަރުގެ އެންމެ ވަރުގަދަ އެއް ޓޯން އެއީ. އެއީ އަޅުގަނޑު ދެކޭގޮތް. އެކްސްޕީރިއަސް ވައިސްކޮށް ވެސް ވަރަށް ވަރުގަދަ އަޑެއް އެއީ. އަޅުގަނޑަށް ވެސް ވަރަށް ކަމުދާ ރީތި އަޑެއް އެއީ. އެތަނުގައި ތިބި ކުދިންނަށް ބަލާއިރު އެންމެ ރީތި އަޑު އެއީ،" ސައްޔާހު ބުންޏެވެ.

"ދެން ޝަމްވީލް ނުވަތަ ނަބީލް. މިއީ އަޅުގަނޑަށް ހީވާ ކުދިންނަކީ."