މޯލްޑިވިއަން އައިޑޮލް ސީޒަން އެކެއްގެ ފުރަތަމަ ރަނަ ރަޕަށް ޝަލަބީ އިބްރާހިމް ވި ނަމަވެސް އޭނާ އަކީ ގިނަ ހިތްތަކެއްގެ އައިޑޮލް އެވެ. މޯލްޑިވިއަން އައިޑޮލްގެ ދެ ވަނަ ސީޒަން ފެށިގެން އައިސް ގަދަ ފަހެއް ކަށަވަރުވެފައިވާއިރު އައިޑޮލް އާ ބެހޭގޮތުން ޝަލަބީގެ ހިޔާލެއް އަދި ނުލިބެ އެވެ. ޓުވިޓާ ތެރޭގައިވެސް ޝަލަބީ އާ ގިނަ ސުވާލުތަކެއް ވަނީ ކޮށްފަ އެވެ. މޯލްޑިވިއަން އައިޑޮލްގެ މި ސީޒަންގައި ބައެއް ބައިވެރިން ހުށަހަޅައިދިން ލަވަތައް ޝަލަބީގެ އަޑުން އަޑުއަހާލަން ބޭނުންވެގެންވެސް ހުށަހެޅުންތައް އައެވެ.
މިކަމާ ބެހޭގޮތުން ޝަލަބީގެ ބަހެއް ހޯދާލަން ގުޅާލުމުން ޝަލަބީ ބުނީ ޝަލަބީގެ ފޭނުން އެ ކުރާ ރިކުއެސްޓުތައް ބަލައިގަންނަ ކަމަށާއި ނަމަވެސް މިފަހަރު އައިޑޮލްގެ ބައިވެރިން ކިޔާފައިވާ އެއްވެސް ލަވައެއް އޭނާ ނުކިޔާނެ ކަމަށެވެ.
"މިފަހަރުގައި އައިޑޮލްގައި މި ތިބި ހުރިހާ ކުދިންވެސް ވަރަށް މޮޅު. ޝަލަބީ ރެސްޕެކްޓް ކުރަން އެ ހުރިހާ ކުދިންނަށް. އެކުދިންނަށް ކުރާ ރެސްޕެކްޓެއްގެ ގޮތުން ޝަލަބީ އެ ކުދިން ކިޔާފައިވާ އެއްވެސް ލަވައެއް ނުކިޔަން ނިންމީ." ޝަލަބީ ބުންޏެވެ.
މިފަހަރު އައިޑޮލްގައި ޝަލަބީގެ އެންމެ ފެވަރިޓެއް ނެތެވެ. ހުރިހާ ކުދިންނަކީވެސް ޝަލަބީގެ ފެވަރިޓުންނެވެ. ވަކި ކުއްޖަކަށް ސަޕޯޓު ކުރާކަށް އޭނާ ބޭނުމެއް ނޫނެވެ.
"ހުރިހާ ކުދިންވެސް ވަރަށް މޮޅު. އެކުދިންނަށް ބޭނުންވަނީ ސަޕޯޓު. ޝަލަބީގެ ފަރާތުން ދެވެން އޮތް އެހީއެއް ވެއްޖެޔާ ދޭނަން." ޝަލަބީ ބުންޏެވެ.
މި ސީޒަން ފެށިގެން އައި ފުރަތަމަ ދުވަސްކޮޅު ޝޯތައް ގަވާއިދުން ނުބެލުނު ނަމަވެސް މިހާރު އެންމެ ޝޯއެއްވެސް ދޫނުކޮށްލާ ޝަލަބީ ބަލަ އެވެ. ފުރަތަމަ ދުވަސްކޮޅު ޝޯ ނުބެލުނީ އޭނާގެ މަސައްކަތް ހުރި ގޮތުންނެވެ. އަދި މިހާރު ޝަލަބީ ދަނީ އޭނާގެ ފޭނުންނަށް ހާއްސަ ސަޕްރައިޒެއް ދިނުމުގެ މަސައްކަތް ކުރަމުންނެވެ. އެވާހަކަ ފަހުން ގެނެސްދޭނަމެވެ. އަދި އެވާހަކަ ދައްކަން ޝަލަބީ ބޭނުން ނޫނީ އެވެ.
މޯލްޑިވިއަން އައިޑޮލްގެ މިދިޔަ ސީޒަންގެ އެހެން ބައިވެރިންގެ ހިޔާލުތައްވެސް ދަނީ އޮއްސަމުންނެވެ. އޭގެތެރެއިން މިދިޔަ ސީޒަނުގެ ދެ ވަނަ ރަނަރަޕް މުހައްމަދު އިޝާންގެ އެންމެ ފޭވަރިޓަކަށް ވެގެން ދިޔައީ ކޮއްކޮ އަބްދުﷲ ހިޝާން އެވެ. އެހެން ބައިވެރިންނަށްވެސް ސަޕޯޓް އެބަ ކުރެ އެވެ. ހިތްވަރުވެސް ދެ އެވެ. އެކަމަކު އެންމެ ބޮޑު ސަޕޯޓެއް އޮތީ ހިޝާން އަށެވެ.
ކުރީގެ ސީޒަންގެ އެހެން ބައިވެރިންވެސް ޝޯތައް ބެލުމަށްފަހު ބައިވެރިންނަށް ކޮމެންޓުވެސް ކުރެ އެވެ. ބައިވެރިންނަށް ހިތްވަރު ދީ އެހީތެރިވެދިނުމަށް ތިބީ ތައްޔާރަށެވެ.