ހުރިހާ ކަމެއް ހަނދާން ނައްތާލާފައި، އެއް ކަމަކަށް އެއްބަސްވަމާ ހިނގާށެވެ. މޯލްޑިވިއަން އައިޑޮލްގެ އަލަތު ސީޒަނުގައި ޖަޖުންގެ ޕެނަލް ގުޑުވާލި ކުޅަދާނަ ލަވަކިޔުންތެރިޔާ އަހުމަދު އިބްރާހިމް ނުވަތަ އައްމަޑޭ އަކީ އެފަހަރުގެ ސީޒަނުގެ ލޮޅުންތަކެއް މުޅި ރާއްޖެ އަށް ގެނައުމުގައި ދެކޮޅުނެހެދޭވަރުގެ ފުރިހަމަ ރޯލެއް އަދާކުރި ޖަޖެކެވެ.
ޖަޖުންގެ އެ ޕެނަލަށް ބަލަނީ ނަމަ "ފޭން ފެވަރިޓަކީ" ވެސް އައްމަޑޭ އެވެ. ނަމަވެސް މޯލްޑިވިއަން އައިޑޮލްގެ ސީޒަން ދޭއްގެ ޖަޖުން އިއުލާނުކުރިއިރު، އެންމެ ފުރަތަމަ މިފަހަރުގެ ޝޯއިން ކަޓައިގެން ދިޔަ ނަމަކަށް މިވީ އައްމަޑޭ އެވެ. އައްމަޑޭ އަށް ވެސް ކުރެވެނީ، އައިޑޮލްގެ އޮޑިޝަނުން ނުހޮވި ކަޓައިގެން ދިޔަ މޮޅު ލަވަކިޔުންތެރިއެއްގެ އިހްސާސެވެ.
ނަމަވެސް އޭނާގެ އެއްވެސް ޝަކުވާއެއް ނެތެވެ. އެކަމަކު ސުވާލަކީ މިއީ އެވެ. ޝޯގެ އެންމެ މަގްބޫލު ޖަޖަށް މިފަހަރު ފުރުސަތު ނުލިބުނީ ކީއްވެގެން ހެއްޔެވެ؟ މި ސުވާލެއްގެ ޖަވާބު ހޯދުމުގެ ކުރިން އެންމެ ފުރަތަމަ، އައްމަޑޭ ޖަޖަކަށް ނުހޮވުމުނ އޭނާގެ އިހުސާސަކީ ކޮބައިތޯ ބަލައިލުން ކިހިނެތްވާނެތޯ އެވެ؟
"ހީއެއް ނުވޭ މިފަހަރު ޖަޖަކަށް ހޮވޭނެހެން،" ޖަޖުން އިއުލާނުކުރުމުގެ ކުރިން އަވަސް އިން ގުޅާލުމުން އޭނާ ބުނީ މިހެންނެވެ. "ޝައުގުވެރިކަން ނެތީކީއެއް ނޫން. އެކަމަކު މިފަހަރު ނަސީބު ލައްވާނުލީ ކަމަށް ވަނީ"
"ޖަޖެއްގެ ފުރުސަތު މިފަހަރު ނުލިބުނީމަ ވަރަށް ދެރަ. އެކަމަކު އޭގައި ޖަޖުކަން ކޮށްލަން ކޮންމެ މީހަކަށް ލިބުނަސް ވަރަށް ހެޕީވާނެ. އެއީ ކޮންމެ މީހަކު ވެސް އެކްސްޕީރިއަންސްކޮށްލަން ބޭނުންވާނެ ކަމެއް. ވަރަށް ސަޅި ކަމެއް. ނުލިބުނީމަ ދެރަވޭ. އެކަމަކު ވަކި އެހެން މީހަކަށް ލިބިގެންނެއް ދެރަވަނީކީއެއް ނޫން. ނޫނީ ހޭޓެއް އިނީކީއެއް ނޫން."
މޯލްޑިވިއަން އައިޑޮލް "ފަޅާލި" އައްމަޑޭގެ ބަދަލުގައި ސީޒަން ދޭއްގައި އެ ގޮނޑިފުރާނީ ހަމައެވަރަށް މަޝްހޫރު އަދި ކުޅަދާނަ ލަވަކިޔުންތެރިޔާ އިސްމާއިލް އައްފާން އެވެ. އެ ޖަޖުގެ ހުނަރާ މެދު ސުވާލު އުފައްދާނެ ޖާގައެއް ނެތެވެ.
އޮޑިޝަނުން މިފަހަރު ފާސްނުވީ އައްމަޑޭ!
އައިޑޮލްގެ އޮޑިޝަންތަކުގައި އެތައް ބަޔަކަށް "ނޯ" ބުނުމަށް ފަހު މިފަހަރުގެ އޮޑިޝަނުން ފާސްނުވި ނަމަކަށް މިވީ އައްމަޑޭ އެވެ. އެކަމަކު ކީއްވެގެން ހެއްޔެވެ؟
"މިފަހަރު ވެސް ގެންދިޔަ ސްކްރީނިންއަކަށް. ކުރިން އަހަރު ވެސް ހެދި ގޮތަށް ސުވާލުތަކެއް ކުރެވިގެން ދިޔަ. އެކަމަކު އައި ވޯޒް ނޮޓް ގުޑް އިނަފް ފުރަތަމަ ސީޒަނުގައި. އެހެންވީމަ ޖާގަނުލިބުނީ ކަމަށް މި ބަލަނީ،" އައްމަޑޭގެ އަތުގައި އޮތް ޖަވާބަކީ މިއީ އެވެ.
"ނޭނގޭ ކަޓައިގެން ދިޔައީ ކީއްވެގެން ކަމެއް. އައްމަޑޭ އަށް ވުރެން ރަނގަޅު ޖަޖެއް ލިބުނީއޭ އެމީހުންނަށް މި ބަލަނީ. ނޫނީ ފުރަތަމަ ސީޒަނުގެ ޕާފޯމެންސް އެހާ ރަނގަޅު ނުވީ."
"އެންމެ ގަޓުހުރި ޖަޖުގެ" ގެ ގޮތުގައި މުޅި އައިޑޮލް އަށް މަޝްހޫރުވި އައްމަޑޭ ބުނަނީ އޭނާގެ ރިޕްލޭސްމަންޓްގެ ޕާފޯމެންސް ބަލައިލުމަށް ޝައުގުވެރިވާ ކަމަށާއި ސީޒަން އެކެއްގެ ޖަޖުން އުފެއްދި ފޯރި މިފަހަރު އުފެއްދިދާނެތޯ ބަލަން ބޭނުންވާ ކަމަށެވެ.
"އަޅުގަނޑު ހިތަށް އަރަނީ މިދިޔަ ސީޒަނުގެ ޝޯގެ ޖަޖުންގެ ތެރެއިން (އައްމަޑޭގެ) އެހާ ޕޮޕިއުލާރިޓީ ރަނގަޅުވިއިރު މިފަހަރުގެ ސީޒަންގެ ޖަޖުންގެ ތެރެއިން ކޮން ކޮން ކަންތައްތަކެއްބާއޭ އެމީހުންގެ ފަރާތުން ފެންނާނީ،" އައްމަޑޭ ބުންޏެވެ.
"އަހަރެމެން ދިން އެފަޓްގެ ޑަބަލް އެފަޓް އެމީހުން ލާން ޖެހޭނެތާ ދެ ވަނަ ސީޒަންގެ ގޮތުގައި ކޮންސިޑާކުރަންޏާމު. ވީ ގޭވް އަވާ ބެސްޓް."
އައްމަޑޭ އަކީ ވަކިއަތަކަށް ޖެހިފައިވާ ޖަޖެއްތަ؟
މުޅި މޯލްޑިވިއަން އައިޑޮލްގެ ފުރަތަމަ ސީޒަނުގައި ވެސް އެންމެ ގިނަ ބަޔަކު އުފެއްދި ސުވާލަކީ މިއީ އެވެ. އަދި އެންމެ ފަސޭހައިން ގިނަ ބަޔަކަށް ޖަވާބު ދޭން އެނގުނު ސުވާލަކީ ވެސް މިއީ އެވެ. -- އެ ޖަވާބަކަށް އަބަދުވެސް ވެފައި އޮތީ އައްމަޑޭ އަކީ ވަކިފަރާތަކަށް ޖެހިފައިވާ "ބޭއިންސާފު" ފަނޑިޔާރެއް ކަމަށެވެ.
އައިޑޮލް ނިމިގެންދިޔައިރު އައްމަޑޭގެ މައްޗަށް ކުރެވުނު ތުހުމަތުތައް އިތުރަށް މުޑުދާރުވެގެން ދިޔައީ މޯލްޑިވިއަން އައިޑޮލް ޝަލަބީ އިބްރާހިމް އަށް ނުލިބިގެން ޝޯގެ "ފަހު ތަޅާލުންގަނޑާ" ގުޅިގެންނެވެ. ގިނަ ބަޔަކަށް ގަބޫލުކުރެވިފައި ވަނީ އައްމަޑޭ އަކީ ޝަލަބީގެ ފޭނެއް ކަމަށާއި ސީދާ މުޅި ޝޯގައި ޝަލަބީ އަށް ފޭވާކުރަމުން ދިޔަ ޖަޖެއް ކަމަށެވެ. އަދި އައްމަޑޭ އަށް އެރޭ ސިއްހީ މައްސަލަތަކެއް ކުއްލިއަކަށް ދިމާވީ ޝަލަބީ އަށް އައިޑޮލް ނުލިބިގެންނޭ ކިޔައި އަޑުފެތުރި ބަޔަކު ވެސް އުޅުނެވެ.
އެކަމަކު ޝޯގައި އެފަދަ ގޮތަކަށް ފަނޑިޔާރުކަންކުރި ކަމަށް އައްމަޑޭ އަބަދުވެސް ދެކޮޅުހަދަ އެވެ.
އެހެން ނަމަވެސް ސީޒަނުން ދޭކުން އައްމަޑޭ އަށް ފުރުސަތު ނުލިބުނު މައިގަނޑު ސަބަބަކަށް "މި ނެގެޓިވް ވައިބް" ވެސް ވެދާނެ އެވެ.
އައްމަޑޭ ކަހަލަ ޖަޖެއް އައިޑޮލް އަށް މުހިންމުވަނީ ކީއްވެ؟
މޯލްޑިވިއަން އައިޑޮލްގެ ސީޒަން އެކެއް ބެލި އެންމެން ވެސް އިއްތިފާގުވާނެ އެއް ކަމެއް އެބައޮތެވެ. ޖަޖުންގެ ޕެނަލުން ނެގެން ހުރި އެންމެ ކުޅަދާނަ އަދި އެންމެ މަގްބޫލު ޖަޖަކީ އެފަހަރު އައްމަޑޭ އެވެ. ފަހަރެއްގައި މި ވާހަކައެއް ތަކުރާރުކޮށް އެކި އިންޓަވިއުތަކުގައި ބުނަން އައްމަޑޭ އަށް ކެރުނީ ވެސް މި ސާފު ސަބަބު މިހެން އޮތުމުން ކަމަށް ވެދާނެ އެވެ.
އެހެންވީމަ އައްމަޑޭގެ ކުޅަދާނަކަމާ މެދަކު އުފައްދާނެ ސުވާލެއް ހަގީގަތުގައި ނެތެވެ. އެކަމަކު ސީޒަން ދޭކުން އޭނާއެއް ނުފެންނާނެ އެވެ. ފަހަރެއްގައި މިކަން ޗެލެންޖަކަށް ވެދާނެ އެވެ.
އައްމަޑޭ އަކީ މޯލްޑިވިއަން އައިޑޮލްގެ ކޮންޓްރަވާސީ އާއި އޭގެ ޕޮޕިއުލާރިޓީ އާންމުންގެ މެދުގައި ކައްކުވާލި ވަރަށް ނުފޫޒުގަދަ އާޓިސްޓެކެވެ. އައްމަޑޭ ކަހަލަ އެހެން ޖަޖެއް އައިޑޮލް އަށް މުހިންމު ވަނީ އެ ކޮންޓްރޮވަސީ އާއި ޕޮޕިއުލާރިޓީ ސީޒަން ދޭއް ނިމެންދެން ވެސް ދެމެހެއްޓުމަށެވެ. އައްފާން އަކީ މިފަހަރު އެ ޓެލެންޓް ދައްކަން ހުރި ޖަޖެވެ. ހަމަ ގައިމު ވެސް އެ ޖަޖްގެ ހުނަރާއި ގާބިލްކަން އަދި ފެންވަރާ މެދު ޝައްކެނެތެވެ.