ހަބަރު

"އާތު ޑޭ ނެޓްވޯކް"ގެ ރާއްޖޭގެ އެމްބެސެޑާއަކަށް މައީ

ދުނިޔޭގެ ތިމަވެށީގެ ޖަމިއްޔާއެއް ކަމަށްވާ "އާތު ޑޭ ނެޓްވޯކް"ގެ ރާއްޖޭގެ އެމްބެސެޑާއަކަށް ލަވަކިޔުންތެރިޔާ މަރިޔަމް މައީޝާ (މައީ) ހަމަޖައްސައިފި އެވެ.

މި ޖަމިއްޔާއަކީ މިހާރު ފުޅާ ދާއިރާއެއްގައި ފާހަގަކުރާ އާތު ޑޭ ވުޖޫދުކޮށް އެ ދުވަހުގެ ހަރަކާތްތައް އިންތިޒާމްކިރާ ޖަމިއްޔާ އެވެ. އޭގެ އިތުރުން ވެސް ތިމަވެށީގެ ގިނަ ކަންކަމުގައި ވަކާލާތު ކުރާ މި ޖަމިއްޔާގެ 10،000 އަށްވުރެ ގިނަ ޕާޓްނަރުން 192 ގައުމެއްގައި އެބަ ތިއްބެވެ.

"ދުނިޔެ ހުނުވުން ކުޑަކުރުމަށް އާތު ޑޭ ނެޓްވޯކްއިން ކުރާ ހިތްވަރާއި މަސައްކަތްތައް ފެނިފައި ވަރަށް އުފާވޭ، މިއީ މި ކުޑަކުޑަ ދިވެހިރާއްޖެއަށް ވަރަށް މުހިންމު މަސައްކަތަކެއް، ކަނޑުގެ ދިޔަވަރު އުފުލުމުގެ ބޮޑު ބިރެއް ރާއްޖެއަށް އެބަ އޮތް،" މައީ ބުންޏެވެ.

މައީ ބުނީ ލަވަކިޔުންތެރިއެއްގެ ހައިސިއްޔަތުން ތިމާވެށީގެ ފެހިކަމާއި ވެށި ތަގައްޔަރު ކުރުމުގެ ގޯސްކަން މީހުންނަށް އިތުރަށް ހޭލުންތެރިކޮށް ކަމުގެ މުހިންމުކަން ބުނެދިނުމުގައި މަސައްކަތް ކުރާނެ ކަމަށެވެ. އުއްމީދަކީ ކަނޑުތަކަކީ ޕްލާސްޓިކް ނެތް ތަނަކަށް ހެދުންކަން ވެސް މައީ ފާހަގަކުރި އެވެ.

އާތު ޑޭ ނެޓްވޯކްގެ ރައީސް ކެތްލީން ރޮގާސް ބުނީ އެމްބެސެޑަރެއްގެ ގޮތުގައި މައީ ހަމަޖެހިގެން ދިޔުމަކީ ފަހުރެއް ކަމަށެވެ. މައީގެ ހުނަރުވެރިކަމާއެކު ޖަމިއްޔާގެ ހަރަކާތްތަކަށް އިތުރު ފުރިހަމަކަން ލިބިގެންދާނެ ކަމަށް ރޮގާސް ބުންޏެވެ. ޖަމިއްޔާގެ ރީޖަނަލް ޑިރެކްޓަރު އޮފް އޭޝިއާ ކަރުނާ ސިންހް ބުނީ މައީއާއެކު ކުރެވުނު މުއާމަލާތްތަކުން އޭނާއަކީ އެތައް ޒުވާނުންނެއް އިންސްޕަޔާ ކުރެވޭ ފަދަ އާޓިސްޓެއްކަން އެނގިގެންދިޔަ ކަމަށާއި އެކަމުގެ ޔަގީންކަން ވެސް އެބަ އޮތް ކަމަށެވެ.

މައީއަކީ މޯލްޑިވިއަން އައިޑޮލްގެ ތިންވަނަ ސީޒަންއިން އެންމެ ވިދާލި ލަވަކިޔުންތެރިޔާ އެވެ. އައިޑޮލްގެ ތިންވަނަ މަގާމު ހޯދުމަށްފަހު، އޭނާ ވަނީ އަމިއްލަ ބޭންޑެއް ހަދައި ދާއިރާއިން ކުރިއަށް ގޮސްފަ އެވެ. "މިއުސިގަރުން" ބޭންޑްގެ ލީޑް ލަވަކިޔުންތެރިޔާއަކީ މައީ އެވެ. ރާޅު މަރިޔަބު ނަމުން މަޝްހޫރު، މައީއަކީ ޑަބްލިއުއެޗްއޯގެ ރާއްޖޭގެ ގުޑްވިލް އެމްބެސެޑާ ވެސްމެ އެވެ. މަންތާ އަދި ދިރާގުގެ އެމްބެސެޑާއަކީ ވެސް މައީ އެވެ.