ހަބަރު

އަލީ ރަމީޒާއި އިޝާން އެކުގައި: ކާމިޔާބު އޮތީ މިޔުޒިކާ ދުރުވެގެން!

May 5, 2020
5

އަލީ ރަމީޒަށްފަހު އޭނާގެ އަޑާއި އެ ސްޓައިލާއި އެ ލަވަތަކާއެކު އާންމުންނަށް އެންމެ ކަމުދިޔަ ލަވަކިޔުންތެރިޔަކީ މުހައްމަދު އިޝާން އެވެ. މޯލްޑިވިއަން އައިޑޮލްއިން ވިދާލި އިޝާން، ލަވަކިޔުމުގައި ރޯލްމޮޑެލްއެއް ގޮތަށް ވެސް ދެކެމުން ދިޔައީ އަލީ ރަމީޒަށެވެ. ނަމަވެސް މިއަދު ލަވަކިޔުން ހުއްޓާލައި އިޝާން ވަނީ ދިރިއުޅުމުގައި ވެސް ރޯލްމޮޑެލްއަކީ އަލީ ރަމީޒު ކަމަށް ބަލާފަ އެވެ.

ރަނގަޅު، ތެދު މަގު ލިބިއްޖެ ކަމަށް ބުނެ އިޝާން ލަވަކިޔުން ހުއްޓާލިކަން އިއުލާންކުރީ މިއަދު އޭނާގެ ފޭސްބުކް ފޭޖްގައި ކުރި ޕޯސްޓަކުންނެވެ. ގިނަ ސަޕޯޓަރުންތަކެއް އޮންނަ އިޝާންގެ މި ޕޯސްޓާއެކު އެންމެ ފުރަތަމަ ވެސް އުފަލާއެކު އެކަން ފާހަގަކުރި މީހަކީ އަލީ ރަމީޒެވެ. އަލީ ރަމީޒު، ޓްވީޓަކުން ހަމައެކަނި ނިންމާލީއެއް ވެސް ނޫނެވެ. އިޝާންއަށް ގުޅައި ވާހަކަ ވެސް ދެއްކި އެވެ.

އިޝާންއާ ދެމެދު ދެކެވުނު ވާހަކަތައް މިހާރު އަލީ ރަމީޒު ވަނީ އާންމުންނާ ހިއްސާކޮށްފަ އެވެ. އަލީ ރަމީޒު، އިޝާންއާ އެންމެ ފުރަތަމަ ވެސް ކުރީ އެންމެ ގިނައިން އޭނާއާ ވެސް އަމާޒުވާ ސުވާލެވެ. އަލީ ރަމީޒު ބުނި ގޮތުގައި ކޮންމެ ތަނަކުން ވެސް އޭނާއަށް އަމާޒުވާ ސުވާލަކީ އެއީ އެވެ.

"ކީއްވެގެންތޯ އިޝާން ލަވަކިޔުމާ ތިޔަ ދުރުވީ، ކޮބައިތޯ ސަބަބަކީ،"

އިޝާން އޭނާގެ ވާހަކަ ފެށި އެވެ. އިޝާން ބުނި ގޮތުގައި އޭނާ ލަވަކިޔުމައިގެން ކުރިއަށް ދިޔައީ އެކަން ހުއްޓާލާނެ ކަމުގެ ނިޔަތެއްގަ ނޫނެވެ. ނަމަވެސް ވޭތުވެދިޔަ ރޯދަ މަހެއްގައި މިސްކިތާ ގާތްވެވުނު ކަމާއި އޭރު ވެސް ވަރަށް ބޮޑަށް މިޔުޒިކް ވެސް ކުޅެމުންދިޔަ ކަމަށެވެ. ދެކަންތައް އެއް ފަހަރާ އެއް މިނެއްގައި ގެންދިޔައިރު ވެސް ހިތްހަމަޖެހުމެއް ލިބިފައި އުނދަގޫތަކެއްވަމުން ދިޔަ ކަމަށް އިޝާން ބުންޏެވެ.

"ދެ ކަންތައް ބެލެންސްކޮށް ގެންގުޅެން ފެށީމަ އެނގުނީ އަސްލު ހިތްނުތަނަވަސް މިވަނީ ޝޯ ކުޅިފަ އަންނަ ގަޑީގައިކަން، ހެނދުނު ހޭލާއިރު އަދި ރޯދަ ވިއްލަންދެން ވަރަށް ހިތްހަމަޖެހުމެއްގެ ތެރޭގައި މި ހުންނަނީ، އެކަމަކު ރޭގަނޑު ޝޯ ނިންމާފައި އެބަ އާދޭ ހިތްނުތަނަވަސްކަމެއް، އެންމެން ވެސް ބުނޭ މިޔުޒިކު ކުޅުމަކީ ހިތްނުތަނަވަސްކަމެކޭ،" އިޝާން ބުންޏެވެ.

އިޝާން ބުނީ ދެން ވެސް މިޔުޒިކަށް ވަރަށް ބޮޑު އަހަމިއްޔަތު ކަމެއް ދިނުމާއެކު ދީން ރަނގަޅަށް ދަސްކުރަން ފެށީ ކަމަށެވެ. ދަސްކުރަން ފެށުމާއެކު މިއީ އާދައިގެ ކަމެއް ނޫންކަން އެނގުނު ކަމަށާއި ބޭނުންހާ ގޮތަކަށް އުޅިފައި ދާން އޮތް ތަނެއް ނޫންކަން ވެސް އެނގުނު ކަމަށެވެ. އެހާ ހިސާބުން މިޔުޒިކް ދޫކޮށްލުން މާބޮޑު ތަކްލީފަކަށް ނުވި ކަމަށް އިޝާން ބުންޏެވެ.

"ހަގީގީ ހިތްހަމަޖެހުން ތަޖުރިބާ ނުކުރެވޭތީ މިޔުޒިކަކީ ހިތްހަމަޖެހުން ލިބޭ އެއްޗެއް ކަމަށް ބުނެވެނީ، ހަގީގީ ހިތްހަމަޖެހުން ތަޖުރިބާ ކުރެވިއްޖެނަމަ މިޔުޒިކް ވާނެ ވަރަށް ބޮޑު ހިތްނުތަނަވަސްކަމަކަށް،" އިޝާން ބުންޏެވެ. "މިޔުޒިކަށް ހިތް އިންނާނެ އެކަމަކު އެމީހަކު ޖެހޭނީ ﷲއަށްޓަކައި އެކަން ދޫކޮށްލަން، އެއީ ދޯ އިމްތިހާނަކީ،"

"މިޔުޒިކަކީ އަސްލު ވަރަށް ފޮނި އުއްމީދުތަކެއް ކުރެވޭ އެއްޗެއް، ވަރަށް ގިނަ ބައެއްގެ ކުރިމަތީގައި ހުނަރު ދައްކާލައި، ވަރަށް ގިނަ ބަޔަކު ހިތްއެދޭނެ، ދެން އޮތް ދުނިޔޭގައި އަހަރެމެންނަށް އުޅެވެން އޮތް ފޮނިކަން ނޭނގޭހާ ހިނދެއްގައި މިޔުޒިކް މަތިން ފޫއްސެއް ނުވާނެ، ރަނގަޅު މައުލޫމާތު ލިބިގެން ނޫނީ ވަރަށް އުނދަގޫވާނެ ސައިތާނާގެ މަޅިން މިންޖުވާން،" އިޝާން ދިން މެސެޖަކީ މިއީ އެވެ. "ހަގީގީ ފޮނިކަމާއި ކާމިޔާބު ލިބެން އޮތީ މިޔުޒިކް ދޫކޮށްލައިގެން،"

ރާއްޖެ ދުށް އެންމެ ކާމިޔާބު ލަވަކިޔުންތެރިޔާ، އަލީ ރަމީޒު ވެސް ވަނީ އޭނާ މިޔުޒިކާ ދުރުވެ ކުރި ތަޖުރިބާ ކޮންމެ ވެސް ވަރަކަށް ހިއްސާކޮށްފަ އެވެ. އަލީ ރަމީޒު ބުނި ގޮތުގައި އެގޮތުގައި ސާބިތުވެ ހުރުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ. ނަމަވެސް ދީނީ އިލްމްވެރިންނަކީ އެންމެ ގާތް މީހުންގެ ގޮތުގައި ދެކުމަކީ ސާބިތުވެ ހުރުމަށް ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.