ދީނީ އިލްމުވެރިން

މިއުޒިކް ގާރާރާ ގުޅިގެން އިލްމުވެރިންގެ ސިޓީއެއް މަޖިލީހަށް

"މާލޭގައި މިއުޒިކް ކުޅެ އަޑު އަހައި މަޖާ ކުރާނެ ތަނެއް" ހަދަން ގޮވާލާ މަޖިލީހަށް ހުށަހެޅި ގަރާރާއި ގުޅިގެން ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުން މަޖިލީހުގައި ދެއްކެވި ވާހަކަތަކާ ގުޅިގެން އިލްމުވެރިންގެ ފަރާތުން މަޖިލީހަށް ސިޓީއެއް ފޮނުވައިފި އެވެ.

އެ ބަހުސް އައީ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހުށަހަޅުއްވާފައިވާ ގަރާރެއްގައި މިއުޒިކްގެ ފަންނު އިތުރަށް ތަރައްގީކޮށް ޒުވާނުން މިއުޒިކް އަޑު އަހާލައި ރައްޓެހިންނާ ބައްދަލުކޮށް ސަމާސާ ކޮށްލާ ހަދާނެ މަރުކަޒެއް ގާއިމް ކޮށްދޭން ގޮވާލެއްވުމުންނެވެ.

އިލްމުވެރިންގެ ފަރާތުން ރާއްޖޭގެ ފަސް އިލްމުރިޔަކު ސޮއި ކުރެއްވުމަށް ފަހު މަޖިލީހަށް ފޮނުވި ސިޓީގައި ވަނީ، މުސްލިމް އުއްމަތެއްގެ ކަންކަން ހިންގާނެ ގޮތްތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތާއި ހަވާލު ވެގެން ތިބޭ މީހުން ވާން ޖެހޭނީ އިސްލާމީ އުސޫލުތައް ދެމެހެއްޓުމުގެ ޒިންމާއާއި ވެސް ހަވާލުވެގެން ތިބޭ މީހުންނަށް ކަމަށެވެ. އެހެންކަމުން އެ ޒިންމާ އަދާކުރުމުގެ އެންމެ އިސްސަފުގައި ތިބެން ޖެހޭނީ މަޖިލިސް މެމްބަރުން ކަމަށެވެ.

ކަންމިހެން އޮއްވައި "ޒުވާނުން މަޖާކޮށް އެއްވެ ތިބެވޭނެ މަރުކަޒެއް ގާއިމުކުރަން" މަޖިލީހަށް ހުށަހެޅި ގަރާރާއި ގުޅިގެން ބައެއް މެމްބަރުން ދެއްކި ވާހަކަތަކަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

"... އިސްލާމީ އުސޫލުތަކާއި މުޖުތަމުގައި އަހްލާގިއްޔަތު ފުނޑުފުނޑުވެ، ޒުވާނުންނަކީ ހަރުދަނާ ވިސްނުމެއްނެތި މުނިފޫހިފިލުމުގެ ނަމުގައި މަޖަލުގެ ތެރޭގައި ހިޔާލެއް ފިކުރެއް ނެތި ވިއްސިވިހާލި ވެގެންދާ ކުނިބުނިތަކެއް ފަދަ ބައެއް ކަމުގައި ވެގެންދިޔުމަކީ ގައުމަށް ހެވެއް އެދޭ އެއްވެސް ފަރާތަކުން ބޭނުންވާނެ ކަމެއް ނޫނެވެ." އެ ސިޓީގައި ބަޔާން ކޮށްފައި ވެއެވެ.

އެސިޓީގައި ވާ ގޮތުގައި ޒުވާނުންނަކީ ގައުމުގެ ކުރިމަގަށް ވާއިރު އެކަން ބޮއްސުންލައިގެން ގޮސްފިނަމަ ގައުމު ހަލާކު ވެގެން ދާނެ ކަމަށް ހަމަބުއްދި ހުރި ކޮންމެ މީހަކަށް ވެސް އެނގޭނެ އެވެ.

މީގެއިތުރުން އިސްލާމް ދީނުގެ ބޭރުން މުނިފޫހިފިލުވުމުގެ ނަމުގައި ގައުމުގައި ފާހިޝް ކަންކަން ފެތުރި، ބޮޑެތި މުންކަރާތްތަކަށް އަރައިގަތުމަށް ފުރުސަތު ލިބޭ ގޮތަށް މެމްބަރުން ދެއްކެވި ވާހަކައަކީ ކުރި ކުށެއް ކަމަށް ވެސް ފާހަގަ ކޮށްފައި ވެއެވެ.

މިއުޒިކް ގަރާރާއި ގުޅިގެން މަޖިލިސް ތަޅުމަށް ފޮނުވި މި ސިޓީގައި ސޮއި ކުރައްވާފައި ވަނީ ޑރ. މުހައްމަދު އިޔާޒާއި ޝެއިހް އަލީ ޒާހިރާއި، ޝެއިހް އަބްދުﷲ މުހައްމަދާއި، ޝެއިހް ނިމާލް މުހައްމަދުގެ އިތުރުން ޝެއިހް އިބްރާހިމް ފަރީދެވެ.