ދީނީ އިލްމުވެރިން

މިއުޒިކް ގަރާރަށް ދަންނަބޭކަލުންގެ ރާގު ތަފާތު

Feb 8, 2021
20

"މިއުޒިކް ކުޅެ އަޑު އަހައި މަޖާ ކުރާނެ ތަނެ" އް ހަދަން ގޮވާލާ ގަރާރަކަށް ރައްޔިތުންގެ މަޖިލީހުގައި މިއަދު މެންބަރު ދެއްކެވި ވާހަތަކާ ގުޅިގެން ރާއްޖޭގައި ތިއްބެވި ދީނީ ދަންނަ ބޭކަލުންގެ ތެރެއިން މަޝްހޫރު ގިނަ ބޭފުޅުން ކަންބޮޑުވެ ވަޑައިގެން އެ މައްޗަށް ވާހަކަފުޅު ދައްކަވަން ފައްޓަވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށް ގެންދިޔަ މިއުޒިކާ ގުޅޭ ބަހުސް ދެ އަތަށް ކިރި، އިސްލާމް ދީނުގައި ކަން އޮތް ކަމަށް ސިފަކޮށް ތަފާތު ސްޓޭޓްމަންޓްތައް ދެއްވައި ހޫނުކޮށް ބަހުސް ކުރިއަށް ގެންގޮސްފައި ވެއެވެ.

އެ ބަހުސް އައީ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހުށަހަޅުއްވާފައިވާ ގަރާރެއްގައި މިއުޒިކްގެ ފަންނު އިތުރަށް ތަރައްގީކޮށް ޒުވާނުން މިއުޒިކް އަޑުއަހާލައި ރައްޓެހިންނާ ބައްދަލުކޮށް ސަމާސާ ކޮށްލާ ހަދާނެ މަރުކަޒެއް ގާއިމް ކޮށްދޭން ގޮވާލެއްވުމުންނެވެ. އެމްޑީޕީގެ ޗެއާޕާސަން އެ ގަރާރު ހުށަހަޅުއްވައި ވިދާޅުވީ މާލެއަށް ކުރިމަތިވެފައިވާ ތޮއްޖެހުމާއި ކާރުބާރު ބޮޑުކަމާއި ގެދޮރުގެ ދަތިކަމުން ކުރިމަތިވެފައިވާ ހާސް ކަމުން އަރައިގަތުމަށް އެފަދަ މަރުކަޒެއް ވަރަށް މުހިންމުވެއް ކަމަށެވެ.

އެކަމާ ގުޅުވައި އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު ކަމާއި އޯއައިސީ ދީނީ އަދި ފިކުރީ ގޮފީގެ ވެރިޔާ ކަމާއި ރާއްޖޭގެ އިސްލާމިކް މިނިސްޓަރުކަން ކުރެއްވެވި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ "ނާޗަރަންގީ ޖަގަހަ" ތަކަށް ވުރެ ރާއްޖޭގެ ޒުވާނުންނަށް ބޭނުން ވަނީ އެކަށީގެންވާ ވަޒީފާގެ ފުރުސަތުތަކާއި ހިތް ފަސޭހަ ދިރިއުޅުމާއި ބޯ ހިޔާވަހިކަމާއި ހަރުދަނާ އާއިލާއެއް ބިނާ ކުރުމާއި އަބުރުވެރި ދިރިއުޅުން ކަމަށެވެ.

އޭނާ ވިދާޅުވީ ސިޔާސީ ލީޑަރުން އަމާޒު ހިފަންވީ ޒުވާނުންގެ މުސްތަގުބަލު އުޖާލާކުރުމުގެ މައްޗަށް ކަމަށާއި ނާޗަރަންގީ ޖަގަހަ ތަކާއި ނައިޓް ކްލަބްތަކުގެ ޝިކާރަ އަކަށް ޒުވާނުން ވިޔަ ނުދީ ގައުމުގެ މުސްތަގުބަލަށްޓަކައި ޒުވާނުންގެ ޝަހުސިއްޔަތު ބިނާ ކުރުމަކީ ސިޔާސީ ލީޑަރުންނަށް ގައުމަށް ކޮށްދެވޭނެ އެންމެ އަގުހުރި ހިދުމަތް ކަމަށެވެ.

"ނިކަން ބައްލަވާށެވެ! ޑިގްރީއާއި މަސްޓާ ހަދާފަ ވަޒީފާ އެއް ނެތިގެން އާއިލާއާއި މައިންނަފައިންނަށް ދޭންޖެހޭ އެހީތެރިކަން ދެވޭނޭ ގޮތެއް ނުފެނި އެތައް ޒުވާނުން މަގުމަތިވެފައި އެބަތިބި. ވަޒީފާއަށްޓަކައި ސަލާން ޖަހަަންޖެހޭ ޙާލަތު ނެތިކޮށް ޒުވާނުންގެ އަތުގައި ހިފަންޖެހޭ،" ދީނުގައި ކަމެއް އޮތް ގޮތަކަށްވުރެ ސިޔާސީ ވާހަކައަކަށް ފުދޭ އިޖުތިމާއީ ވާހަކަތަކެއް ޝަހީމް ލިޔުއްވާފައި ވެއެވެ.

މަޖިލީހުގައި މިއަދު މެންބަރު ދެއްކެވި ވާހަކަތަކާ ގުޅުވައި އިސްލާމް ދީނުގެ ދަންނަބޭކަލުން ވެސް ކުރައްވަނީ ޓްވީޓެވެ.

އާންމުކޮށް މި ބާވަތުގެ ހުރިހާ ކަމެއްގައި ޓްވިޓް ކުރައްވައިގެން ފުއްދަވާ ޝައިހު އަލީ ޒައިދު ވެސް ވަނީ ޑރ. ޝަހީމްގެ ފަހަތްޕުޅުން ޓްވީޓްތައް ކުރައްވާފަ އެވެ. އޭނާ މިއަދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ނަމަވެސް އިސްލާމް ދީން ރަނގަޅަށް ނޭނގި ދީނުގައި އޮންނަނީ މިވެނި ހެނޭ ވިދާޅުވެ އަޑު ހަރު ކުރެއްވުމަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށެވެ.

"ދީނޭ ކިޔައިގެން ތިމާއަށް ނޭނގޭ ވާހަކަ ނުދައްކަވާ ތިއްބެވުމަކީ އެންމެ ރައްކާތެރި ގޮތް އަދި ފަތަށް ވެސް އެންމެ ލުއިވާނެ ގޮތް،" ޒައިދު ވިދާޅުވި އެވެ.

ޒައިދުގެ އެކުވެރި އަދި "ދުއްތޫރު" ގެ ނަމުން އޭނާ މުހާތަބު ކުރައްވާ ޑރ. މުހައްމަދު އިޔާޒު މިއަދު ވިދާޅުވީ ކީރިތި ރަސޫލާގެ ހަދީސްގެ ބަސްފުޅެއްގެ މާނާގައިވާ ގޮތުން ގަސްދުގައި އެކަލޭގެފާނުގެ މައްޗަށް ދޮގެއް ހަދައިފި މީހާއަށް ނަރަކާގައި ޖަގަހައެއް ތައްޔާރު ވާނެ ކަމަށެވެ.

އިޔާޒު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތަޅުމުގައި ވާހަކަފުޅު ދައްކަވާ އިރު އެކަމަށް ސަމާލުވެލައްވަން ޖެހި ވަޑައިގަންނަވާ ކަމަށާއި "ހިތުހުރިހާ ވާހަކަ ނުދެއްކޭނެ" ކަމަށެވެ. އަދި ވިދާޅުވީ ހަރާމާއި ހަލާލު ކަނޑަ އެޅުން އެއީ މަޖިލީހުގެ މެމްބަރަކަށް ވެވަޑައިގެންނެވި ނަމަވެސް ލިބިގެންވާ ބާރެއް ނޫން ކަމަށާއި އެކަން ކަނޑަ އަޅުއްވާނީ މާތް ﷲ އާއި ކީރިތި ރަސޫލާ ކަމަށެވެ.

"ވީމާ ސައިޒް އޮޅިވަޑައިގެން ނޫޅުއްވުމަށް އިއްޒަތްތެރި މެމްބަރުންނަށް ނަސޭހަތްތެރިވަން" ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ވަރަށް ބޮޑަށް ހިޔާލު ތަފާތުވުމެއް އޮންނަ އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާ އިލްމުވެރިޔާ ވިދާޅުވި އެވެ. -- އޭނާއަކީ މި ސަރުކާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ އެކުވެރިޔާ އެވެ.

އިމްރާނާއި އިޔާޒާއެކު އަދަލާތު ޕާޓީގައި މަސައްކަތް ކުރައްވާ ޝައިިހު އިލްޔާސް ހުސައިން މިއަދު ވިދާޅުވީ މާގާމަށް އާދެވި ބާރު ލިބުނު ދުވަހު ދިވެހި ރައްުޔިތުންގެ އަޑު ނާހާ ދީނަށް ގޮންޖެހުމުގެ ނަތީޖާ މާޒީގައި ވެސް ފެނިފައިވާ ކަމަށެވެ.

އަދި މާތް ﷲ ގަންދީ ހުވާކޮށްގެން ތިއްބަވައި ދީނާ ޗެލެންޖް ކުރެވޭނެ ކަމަށް ހީފުޅު ކުރައްވާ މެންބަރުންނަށް ކަމަށް ވިދާޅުވެ އޭނާ ވަނީ ހަދީސެއް ވެސް ޝެއާ ކުރައްވާފަ އެވެ. މި ސަރުކާރުގައި މެލޭޝިޔާ އެމްބަސީގެ މަގާމެއްގައި ވެސް ފުރުއްވާ އިލްޔާސް އޭނާގެ ޓްވީޓްތައް އަބަދުވެސް ކުރައްވާނީ ވަކި ބޭފުޅެއްގެ ނަން ބޭނުން ނުކުރައްވަ އެވެ.

ދަންނަ ބޭކަލުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ އެހެން ބައެއް ބޭފުޅުން ވެސް މި މައްސަލާގައި ކަންބޮޑުވުންތައް އޮތްކަނަ ގެންދަވަނީ ފާޅު ކުރައްވަމުންނެވެ. އެކަމަކު އެ ހުރިހާ ބޭފުޅުން ވެސް ފުއްދަވައިލައް ވަނީ ޓްވީޓަކުންނެވެ.

މަޖިލީހުގެ ތަޅުމުން

މަޖިލީހަށް ހުށަހެޅި "މަޖާކުރާ މަރުކަޒު" ގެ ގަރާރުގެ ބަހުސުގައި އެމްޑީޕީގެ މެމްބަރުން އެއަށް ތާއީ ދުކުރެއްވި އިރު މަޖިލީހުގެ ތަޅުމުގައި ވެސް އުދާސް ބޮޑުވެ ހޫނުވި އެވެ. އެގޮތް މެދުވެރިވީ އިދިކޮޅު ޕީޕީއެމާއި ކޮންގްރެސް ޕާޓީގެ (ޕީއެންސީ) އަށް ނިސްބަތްވާ މެމްބަރުން އެ ގަރާރާ ދެކޮޅަށް ދެއްކެވި ވާހަތަކާއި އިސްކާމް ދީނާއި މިއުޒިކާ އޮތް ގުޅުމާ ގުޅޭގޮތުން ބައެއް މެމްބަރުންގެ މެދުގައި އުފެދުނު ހިޔާލު ތަފާތުވުންތަކާ ގުޅިގެނެވެ.

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވި ގޮތުގައި ދިވެހި އާޓިސްޓުންގެ އަގު ވަޒަންކޮށް އެމީހުންނަށް އާމްދަނީ ލިބޭނެ ގޮތް ހަދައި އެމީހުންގެ ލަވަތައް ގެނެސް ދޭ ޗެނަލްތަކުން ރޯޔަލްޓީގެ ގޮތުގައި ފައިސާ ދޭން ޖެހޭނެ އެވެ. ލަވަކިޔުންތެރިން އެންމެ ލަވަޔަކުން ރިސޯޓަކުން އަހަރަކު ނުލިބޭ އާމްދަނީއަށް ވުރެ ބޮޑު އާމްދަނީއެއް ހޯދާ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ހުނަރުވެރި އާޓިސްޓުން ރާއްޖެގައި ތިބިއިރު އެމީހުންނަށް އެފަދަ ކާމިޔާބު ނުލިބޭންވީ ސަބަބެއް ނެތް ކަމަށާއި މިއީ އެމަގަށް މަސައްކަތް ކުރަންވީ ވަގުތު ކަަމަށެވެ.

"އަދި އަޅުގަޑުމެން މިގޮތަށް ވާހަކަ ދައްކާއިރު އަދި އެހެން އޮއިވަރެއް އަދި އެބަ އޮވޭ މިއުޒިކް ކުޅޭ އަދި ފަންނާނުންނާ ކުރިމަތިވާ. އަޅުގަނޑުމެންގެ މާތް ވެގެންވާ އިސްލާމް ދީނުގެ ނަމުގައި ދީން ހަތިޔާރެއްގެ ގޮތުގައި ބޭނުން ކޮށްގެން ރޮކް މިއުޒިކް އެއީ މަނާ ކުރެވެން ޖެހޭނެ ކަަމަށް ދިނީ އިލްމުވެރިއަކު ވިދާޅުވޭ!" އިމްތިޔާޒް ވިދާޅުވި އެވެ.

އޭނާ ވަނީ މިއުޒިކާ ދެކޮޅު އޮއިވަރަކަށް ދައުލަތުން ޖާގަ ނުދޭން އޭނާ ގޮވާލެއްވި އެވެ.

މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މިއުޒިކްގެ މުހިންމުކަން ފާހަގަ ކުރައްވަމުން ކުރީގެ އިސްލާމީ އުމަވީ އަދި އައްބާސީ ދައުލަތުގައި މިއުޒިކް އޮތް ގޮތުގެ މައްޗަށް އަލި އަޅުވާލެއްވި އެވެ. އަދި އެއީ މިއުޒިކްގެ ރަން ޒަމާން ކަމަށާއި އިސްލާމް ދީނަށް އެ ދުވަސްވަރު މީސްތަކުންގެ ހިތް ޖެހުނީ އެހެން ވެގެން ކަމަށް އެކަމަނާ ވިދާޅުވި އެވެ.

"އިސްލާމްދީން އަދި އިސްލާމީ ދައުލަތްތައް އެ މީހުންގެ ކަންފަތުގައި މިއުޒިކްގެ އަޑު ޖެހުނީމާ، އެމީހުން އިސްލާމީ ދައުލަތަށް އިތުރަށް ހިތް ކިޔާ ގޮތް ވެސް ވި،" އީވާ ވިދާޅުވިއެވެ.

ލަވަކިޔުން ހުއްޓާލައިފައިވާ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަލީ ރަމީޒްގެ ލަވަޔާ ނުލައި އީވާގެ ޒުވާން ހަޔާތް ނޯންނަ ކަމަށް އޭނާ މިއަދު ވިދާޅުވި އެވެ. ނައިފަރު ދޮހޮއްކޮގެ "މަރުވިއްޔާ ޝަރަފްގައި މަރުވާނަން"، ހަމްދީގެ " އާ ކުއްޖެކޭ ދަސްވީ ފަހުން" ފަދަ ލަވަތަކުން އޭނާއަށް ކުރި އަސަރު އީވާ މިއަދު ވަރަށް ރީއްޗަށް ސިފަ ކޮށެއްދެއްވި އެވެ.