އެމްޑީއެންއާ މެދުވެސް އަދި ހަނގުރާމައަށް މީހުން ފޮނުވާ ފަރާތްތަކާމެދު ވެސް ފިޔަވަޅު އަޅަންޖެހޭ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަނެއްކާ ވެސް އާ ވާހަކަތަކެއް ދައްކަވައިފި އެވެ.
އެމްޑީއެންގެ މައްސަލާގައި ތަފާތު ގޮތް ގޮތަށް ވާހަކަފުޅު ދައްކަވާ ޓްވީޓްތައް ކުރައްވާ ކުރީގެ ރައީސަށް ފާޑުކިޔުންތައް އަމާޒުވެފައި އޮއްވާ ޓްވީޓް ކުރައްވައިގެން އާ ވާހަކަފުޅެއް ދެއްކެވީ އެމްޑީއެންގެ ރިޕޯޓްގެ ދިފާއުގައި ރޭ އެމަނިކުފާނުގެ ދެއްކެވި ވާހަކަފުޅުތައް ވެސް ވަރަށް ހޫނުވެފައިވާ ދަނޑިވަޅެއްގަ އެވެ.
ރޭ ނަޝީދު ވާހަކަ ފުޅު ދެއްކެވީ އަބަދުވެސް ކުރީގެ އެ މަނިކުފާނު އިފްތިތާހު ކޮށް ދެއްވާ ގޮތަށް، ރާއްޖޭގެ ޝޭހެއް ކަމަށްވާ އަދި މި ސަރުކާރުގެ ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމެއްގައި ހުންނެވި ހުސައިން ރަޝީދު އަހުމަދު ތަރުޖަމާއެއް ކުރެެއްވި "ޞަހީހު މުސްލިމް" ގެ 10 ވަނަ ބައި ނެެރެން ބޭއްވި ރަސްމިއްޔާތުގަ އެވެ.
ރޭ ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ އެމްޑީއެންގެ ރިޕޯޓްގެ މަގުސަދަކީ އިސްލާމް ދީނާމެދު ނަފްރަތު އުފައްދައި ދީން ބަލިކަށި ކުރުން ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ. ރޭ ރައީސް ނަޝީދަށް ޝަރަފުވެރި ކަމުގެ ދައުވަތެއް ދެއްވި ހުސައިން ރަޝީދަކީ ރައީސް ނަޝީދުގެ ސަރުކާރުގައި ސްޓޭޓް މިނިސްޓަރުކަން ކުރެއްވި އަދި މިހާރު އަމިއްލަ ހައްޖު އުމުރާ ގްރާޕަކާއެކު ވިޔަފާރި ކުރައްވާ ބޭފުޅެކެވެ. މި ސަރުކާރުން އެނާއަށް އެޑިޝަނަލް ސެކެޓްރީކަން ދިނީ މިނިސްޓަރުންގެ ނައިބުގެ ފެންވަރުގަ އެވެ.
ނަޝީދު ވިދާޅުވީ އެމްޑީއެންގެ ރިޕޯޓަކީ ރާއްޖޭގައި ހުރި މައްސަލަތަކުގެ މައްޗަށް ތައްޔާރު ކޮށްފައިވާ ރިޕޯޓެއް ކަމަށެވެ. އަދި އެ މަނިކުފާނު އެ ރިޕޯޓް އެއްކޮށް ވިދާޅުވެފައިވާ ކަމަށާ އެ ރިޕޯޓް ލިޔުނު މީހުން ރިޕޯޓްގައި އިސްލާމް ދީނަށް ނަފުރަތު އުފެއްދުމަށް ބަސްތަކެއް ބޭނުން ކޮށްފައިވާ ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ.
އާންމުންގެ ފާޑުކިޔުންތައް ބޮޑުވުމުން ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީއެންއާ މެދުވެސް އަދި ހަނގުރާމައަށް މީހުން ފޮނުވާ ފަރާތްތަކާމެދު ވެސް އަދި ގޮތް ނޭންގޭ މަރުތަކާއި ގުޅުންހުރި މީހުންނާމެދު ވެސް ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.
ނަޝީދު ރޭ ދެއްކެވި ވާހަކަފުޅުތަކަށް ވަރަށް ގިނަ ދީނީ އިލްމުވެރިން ވަނީ ފާޑު ވިދާޅުވެފަ އެވެ. އަދި ނަޝީދު ރޭ ދެއްކެވީ ވަރަށް ނުރައްކާތެރި ވާހަކަތަކެއް ކަމަށް ވެސް އިލްމުވެރިން ވަނީ ވިދާޅުވެފަ އެވެ.
ދީނީ އިލްމުވެރިޔާ ޝައިޚް އަލީ ޒައިދު ވިދާޅުވީ "ދަރީންގެ ދިފާއުގައި ބައްޕައަކު ނުކުތުމަކީ އެހާ ހައިރާންވާންޖެހޭ ކަމެއް ނޫން" ކަމަށެވެ.
"ވިޔާ ނުދާ ދަރިންތަކެއްގެ ފަހަތުގައި ހުންނާނީ އެއަށްވުރެ ވިޔާނުދާ ބައްޕައެއް... ލަނޑަޔާ ވާނީ ލަނޑަޔާ... މި ބައްޕައާ ދަރިންގެ ހަގީގަތްވެ ސް ރައްޔިތުންނަށް އެނގޭ." ޒައިދު ވިދާޅުވި އެވެ.
އެމްޑީއެންގެ ރިޕޯޓް ދިފާއު ކުރައްވާ ރޭ ނަޝީދު ވާހަކަ ދެއްކެވިއިރު، އެމްޑީއެންއިން ނެރުނު ރިޕޯޓްގައި އިސްލާމްދީނުގެ އަސާސްތަކާއި ހިލާފު އެތައް ވާހަކަތަކެއް ހިމަނާފައިވެ އެވެ. އަދި މާތް ރަސޫލާއަށް ނިސްބަތްކޮށް ބޭ އަދަބީ ބަސްތައް ބޭނުން ކޮށްފައިވެ އެވެ.
އެގޮތުން "ކީރިތި ރަސޫލާ ވަނީ އެކަލޭގެފާނުގެ ދީނީ ރައުޔު ނޫން ރައުޔަކަށް އުޅޭ މީހަކީ ހައްދުފަހަނަ އަޅާފައިވާ މީހެއް ގޮތުގައި ކަނޑައަޅާފައި" ކަމަށް އެ ރިޕޯޓްގައި ބުނެފައި ވެއެވެ. އަދި އެއީ ހަރުކަށި ފިކުރުގެ މީހުންގެ ފަރާތުން ވެސް ފެންނަ ކަމެއް ކަމަށް ބުނެފައި ވެއެވެ. މީގެ އިތުރުން އިސްރާއާ މިއުރާޒުގެ މާތް ދަތުރުފުޅާ ގުޅޭގޮތުން ވެސް އަސާސެއް ނެތް ވާހަކަތައް އެ ރިޕޯޓްގައި ހިމަނާފައި ވެއެވެ.
އެ މައްސަލަ ތަހުގީގު ކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ފުލުހަށް މައްސަލަ ހުށައަޅާފައެވެ. އަދި އެ މިނިސްޓްރީން ވަނީ އެމްޑީއެންގައި ތިބީ ބޭރުން ފަންޑުން ކޮށްގެން ވަކި އެޖެންޑާއެއް ހާސިލްކުރަން މަސައްކަތް ކުރާ ބައެއް ކަމަށްވެސް ބުނެފައެވެ.
ރާއްޖޭގައި އިސްލާމްދީން އޮތް ގޮތުގެ މައްޗަށް ކަމަށް ބުނެ އެމްޑީއެންއިން ނެރުނު ރިޕޯޓްގައި އިސްލާމްދީނާއި ރަސޫލާއަށް ނިސްބަތްކޮށް ފުރައްސާރަ ކުރި މައްސަލާގައި ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާނެ ކަމަށް ރައީސް ސޯލިހުވެސް ވަނީ ވިދާޅުވެފަ އެވެ. އަދި އެކަމުގެ ޔަގީންކަން ދީނީ އިލްމުވެރިނަށް ވެސް ވަނީ ދެއްވާފަ އެވެ. ނަމަވެސް މިހާތަނަކަށް އެއްވެސް ފިޔަވަޅެއް އަދި އަޅާފައެއް ނުވެ އެވެ.