ހަބަރު

ރިޕޯޓް ކުށްވެރި ކުރާނަން، ބިރުދައްކާނެ ކަމެއް ނެތް: ޝަހީމް

Oct 21, 2019
11

އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ވަރަށް ބޮޑަށް ފުރައްސާރަކޮށް އަމިއްލަ ޖަމިއްޔާއެއްކަމަށްވާ މޯލްޑިވްސް ޑިމޮކްރަސީ ނެޓްވާކް (އެމްޑީއެން) އިން ނެރުނު ރިޕޯޓް ކުށްވެރިކުރުމަކީ ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން ކުރަންޖެހޭކަމެއްކަމަށާއި، ރައްޔިތުންގެ މަޖިލީހުން ބިރު ދެއްކުން ހުއްޓާލުމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ޝަހީމް މިހެން ވިދާޅުވެފައިވަނީ ސަރުކާރުގެ ކަންކަމަށް އޭނާ ފާޑުވިދާޅުވަމުން ގެންދަވަނީ އޭނާ މިހާރު މަސައްކަތް ކުރައްވާ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ އެންގުމަކަށްތޯ ބެލުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ފަށާފައިވަނި ކޮށެވެ.

މިދިޔަ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓަކަށް ވެސް ހުންނެވި ޝަހީމް މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ އޯއައިސީގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރެއްގެ ގޮތުގަ އެވެ.

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓެއްގައި އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަ ކޮށްފައިވާ މައްސަލާގައި އެ ޖަމިއްޔާއަށް ފިޔަވަޅު އެޅުން ލަސްވާތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުންދާއިރު، ޝަހީމް ވެސް ގެންދަވަނީ އެ މައްސަލާގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ފޮނުއްވާފައިވާ ސިޓީއެއްގައި ވަނީ ޝަހީމް ރާއްޖޭގެ ދާހިލީ ކަންކަމަށް ފާޑުވިދާޅުވަމުން ގެންދަވަނީ އޯއައިސީގެ ސެކްރެޓަރީ ޖެނެރަލްގެ ވިދާޅުވުމަށްތޯ މަޖިލީހުން ބަލައި ދިނުމަށް އެދޭ ކަމަށެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ އެ މައްސަލަ ބަލައި ދިނުމަށް މަޖިލީހުގެ ގައުމީ ސަލާމަތާއި ޖާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވާފައިވާ ކަމަށެވެ. އަދި އެ މަސައްކަތް މިހާރު ފެށިގެން ކުރިއަށްދާ ކަމަށް ކޮމިޓީގެ މުގައްރަރު، މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފު އަންގަވާފައިވާ ކަމަށެވެ.

"މި ސިޓީ މަޖިލީހަށް ލިބުނީ 19 އޮގަސްޓްގައި. އަޅުގަނޑު ވަރަށް ބޮޑަށް މައާފަށް އެދެން، އަޅުގަނޑު ގަބޫލު ކުރަން ވަރަށް ގިނަ ދުވަސް ވެފައިވާ ކަމަށް. އެކަމު ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް އެ ސިޓީ ފޮނުވާފައި ވަނީ. ކޮމިޓީގެ މުގައްރިރު ވިދާޅުވީ އެ މައްސަލަ ވަރަށް އަވަހަށް ބައްލަވައި ނިންމަވާނެ ކަމަށް." ރައީސް ނަޝީދު ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮންމެ މަގާމެއްގައި ހުއްޓަސް އެމީހެއްގެ އަމިއްލަ ހައިސިއްޔަތުން ދައްކަންޖެހޭ ވާހަކައެއް ދެއްކޭނެ ކަމަށެވެ.

"އެމްޑީއެންގެ ރިޕޯޓް ކުށްވެރި ކުރުމަކީ ކޮންމެ ދިވެހި ރައްޔިތަކު ކުރަންޖެހޭ ކަމެއް. މަޖިލީހުން މީހުނަށް ބިރު ދައްކަން އުޅޭނެކަމެއް ނެތް،" ޝަހީމް ވިދާޅުވި އެވެ.

އެމްޑީއެންގެ ރިޕޯޓްގެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ. އަދި އެ މައްސަލާގައި އެ ރިޕޯޓް ލިޔުނު އެކަކު ކަމަށްވާ އަޒްރާ ނަސީމް ފުލުހަށް ހާޒިރު ކުރަން އޭނާ އުޅޭ ތަނެއް ނޭނގޭތީ އޭނާ ހޯދުމަށް ފޮޓޯއާއެކު އިއްޔެ ވަނީ އިއުލާން ކޮށްފަ އެވެ. އެ މައްސަލާގައި ޔޫތް މިނިސްޓްރީން ވަނީ އެ ޖަމިއްޔާ ސަސްޕެންޑް ކޮށްފަ އެވެ.