ބޭދީނީ ނުވަތަ ލާދީނީގެ މަފްހޫމަކީ އިސްލާމް ދީން ގަބޫލު ނުކުރުން ނޫން ކަމަށާއި އެއީ ދީނާއި ސިޔާސަތު ވަކި ކުރަން ޖެހޭ ކަމަށް ދުށުމުގެ މަފްހޫމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި "އަޑީ ދައުލަތު" ގެ ހަގީގަތް ހޯދަން ކަމަށް ވިދާޅުވެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން އިދިކޮޅު ޕީޕީއެމް / ޕީއެންސީގެ ބައެއް މެންބަރުން ވަނީ ލާދީނީ ފިކުރު ފެތުރުމަކީ އަޑީ ދައުލަތް ކަމަށާއި އެ މީހުނާ މެދު ސަރުކާރަށް ފިޔަވަޅު ނޭޅޭ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވައިފަ އެވެ.
އިދިކޮޅު ކޯލިޝަންގެ މެންބަރުންގެ ވާހަކަތަކަށް ރައްދު ދެއްވަމުން ބިލެތްދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލަތް) ވަނީ "ލާދީނީ" ނުވަތަ "އިސްލާމް ދީން ގަބޫލު ނުކުރުމުގެ" ތުހުމަތު ވަކި ބަޔަކަށް ކޮށް ނަފުރަތު އުފައްދަން އިދިކޮޅު މެންބަރުން އުޅުއްވާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ.
މެންބަރު ހަލީމްގެ ވާހަކަތަކަށް ފަހު ރިޔާސަތުގައި އިންނަވައިގެން ރައީސް ނަޝީދު ފުރަތަމަ ވިދާޅުވީ، "ލާދީނީ ބަހަކީ މާތް ރަސްކަލާނގެ ވޮޑިގެންވާ ކަން ގަބޫލު ނުކުރުމެއް ނޫން އަދި ރަސޫލާގެ ރަސޫލުކަން ވެސް ގަބޫލު ނުކުރުމެއް ނޫން" ކަމަށެވެ.
ނަޝީދު ވިދާޅުވީ ލާދީނީ ބަހަކީ އިނގިރޭސި ބަހުގައިވާ "ސެކިއުލަރިޒަމް" ބަހުގެ ދިވެހި ލަފުޒު ކަމަށެވެ. އޭގެ މަފްހޫމަކީ "ސިޔާސީ ކަންކަން ދީނީ ކަންކަމުގެ ތެރޭގައި ނުގެންގުޅުމުގެ މަފްހޫމް" ކަމަށެވެ.
އަދި އެއީ"ދީނާ ހިލާފު" ކަމެއްގެ ގޮތުގައި ދެކެވޭތީ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި އެއީ "އިސްލާމް ދީން ގަބޫލު ކުރުންތޯ ނުވަތަ ނޫންތޯ" ގެ ސުވާލާ ގުޅުމެއް އޮތް ކަމެއް ނޫން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވިއިރު އެމަނިކުފާނަކީ ބޭދީނީ ނުވަތަ ލާދީނީ ފިކުރުގެ ބޭފުޅެއް ކަމަށް ސިޔާސީ އެކި ބޭފުޅުންނާއި ދީނީ ބައެއް އިލްމުވެރިން ވަރަށް ގިނައިން ތުހުމަތު ކުރައްވާއިރު ދީނާ ހިލާފު ބައެއް ވާހަކަތައް އެ މަނިކުފާނު ދައްކަވާފައި ވެ އެވެ.