ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްލާމް ދީނާ ހިލާފު ވާހަކަތައް ދެއްކެވި ކަމަށް މީހަކު ބުނި މައްސަލަ ތަހުގީގު ނުކުރުމަށް އެދިވަޑައިގަންނަވާ ކަމަށާއި އެމަނިކުފާނަށް ކޮންމެ ބަހެއް ރައްދު ކުރިޔަސް މައްސަލައެއް ނެތް ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ އެވެ.
ރ. އަނގޮޅިތީމު ޖީޒާގެ އަލީ އިބްރާހިމް ރައީސް ނަޝީދާ ގުޅޭ ގޮތުން މީގެ ކުރިން ދެއްކި ވާހަކައެއް ވަރަށް ފަހުން މީޑިއާއަކުން ބްރޯޑްކާސްޓް ކޮށްގެން އެ މީޑިއާއާއި އެ ވާހަކަ ދެއްކި އަލީ އިބްރާހިމް މައްސަލަ ތަހުގީގު ކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން ނަޝީދު ފުލުހަށް ހުށަހަޅާފައިވެ އެވެ.
އެ މައްސަލައާ ގުޅޭ ގޮތުން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނު ހަގީގަތުގައި އެދިވަޑައިގަންނަވަނީ އެ މައްސަލަ ތަހުގީގު ނުކުރުމަށް ކަމަށެވެ. މީގެ ކުރިން ވެސް އެމަނިކުފާނަށް މީހުން ފާޑުކިޔާފައިވާ ކަމަށާއި އެ ކަމެއް ކޮށްގެން މައްސަލަ ޖައްސަވަން ބޭނުންފުޅު ނުވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އެ ވީޑިއޯ ތަހުގީގު ނުކުރުމަށް ހަގީގަތުގައި އަޅުގަނޑު އެދެނީ. އަޅުގަނޑަކަށް މައްސަލައެއް ނެތޭ އަދި މީހަކު އަޅުގަނޑާ ދިމާއަށް އެއްޗެއް އަދި އެހެން ބުންޏަސް. އަޅުގަނޑު ކަންބޮޑުވާ ކަމެއް ނޫން. އަދި އަޅުގަނޑު މި މާލެ މަގުމަތީ ހިނގާބިނގާވެ އާންމުކޮށް އުޅޭ މީހެއް. ގޮވާކަށް އެއްޗެހި މަދެއް ވެސް ނޫން." ނަޝީދު ވިދާޅުވި އެވެ.
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހުންނަވައިގެން އެ މައްސަލައަށް އިންސާފު ލިބޭނެތޯ ނޫސްވެރިޔަކު ސުވާލު ކުރުމުން ރައީސް ނަޝީދު ވަނީ މިނިސްޓަރު އިމްރާނަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާ ވާހަކަ ދައްކަވައިފަ އެވެ. ވިދާޅުވީ އިމްރާނަކީ މިނިސްޓަރު ކަމުގެ އަހްލާގާއި ގާބިލިއްޔަތުކަން ހުންނެވި މިނިސްޓަރެއް ކަމަށެވެ.
"އަޅުގަނޑު ސަތޭކައިން ސަތޭކަ ޔަގީން މިނިސްޓަރު އިމްރާން ހުންނަވައިގެން އެ މައްސަލަ ބައްލަވާނެ. މިނިސްޓަރު އިމްރާންގެ އަޚްލާގާއި ގާބިލްކަން ދުވަހަކު ވެސް އަޅުގަނޑަށް އޮޅިފައެއް ނުވޭ." ރައީސް ނަޝީދު ވިދާޅުވި އެވެ.
މި މައްސަލައާ ގުޅިގެން ރައީސް ނަޝީދު ނިސްބަތްވާ އެމްޑީޕީންނާއި މަޖިލީހުގެ އިދާރާއިން ވެސް ބަޔާނެއް ނެރެނެވެ. މަޖިލީހުގެ ބަޔާނުގައި ވަނީ ދީނީ އެއްބައިވަންތަކަން ގެއްލޭ ގޮތަށް އެފަދަ ވާހަކަތައް ފެތުރުމަކީ ޖިނާއީ އިޖުރާއަތުގެ އެއްވަނަ ދަރަޖައިގެ ކުށެއް ކަމަށެވެ. އެމްޑީޕީގެ ބަޔާނުގައި ވަނީ ރައީސް ނަޝީދަކީ ޝަހާދުގެ ދެކަލިމައާއި ކީރިތި ރަސޫލާގެ ސުންނަތް ގަބޫލު ކުރައްވައިގެން ހުންނެވި ބޭފުޅެއް ކަމަށެވެ.
ދީނަށް ފުރައްސާރަ ކުރުމާއި ރައީސް ނަޝީދާ ގުޅުވައި މީގެ ކުރިން ވެސް ސިޔާސީ އެކި ބޭފުޅުން އެކި ތުހުމަތުތައް ކުރައްވާފަ އެވެ. އެ ތުހުމަތުތައް ރައީސް ނަޝީދު އަބަދުވެސް ދޮގު ކުރައްވަ އެވެ. އަދި މިހާތަނަށް އެފަދަ އެއްވެސް މައްސަލައެއްގައި އެމަނިކުފާނާ މެދު ފިޔަވަޅެއް އަޅާފައެއް ވެސް ނުވެ އެވެ.