އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝް ރިޓަޔާ ކުރެއްވިއިރު އެއްވެސް މައްސަލައެއް ފާހަގަ ކުރެވިފައި ނެތް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ފައިރޫޝް ރިޓަޔާ ކުރެއްވި މައްސަލާގައި އިމްރާން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ކުރުމުން ވިދާޅުވީ، ފައިރޫޝް ރިޓަޔާ ކުރެއްވިއިރު ގާނޫނު އޮތްގޮތް މިނިސްޓަރަށް އެނގިވަޑައި ނުގަންނަވާ ކަމަށާއި، އޭރު އެއްވެސް މައްސަލައެއްގެ އިތުރުން ސުވާލެއް އުފެދިފައި ވެސް ނުވާ ކަމަށެވެ.
އެ ގާނޫނުގެ 112 ވަނަ މާއްދާގައި ބުނެފައިވަނީ ފުލުހެއްގެ މަގާމުގައި ހުރެ ކުރި ކަމެއްގެ ސަބަބުން އެޅިދާނެ ތައުދީބީ ފިޔަވަޅަކުން ސަލާމަތްވުމަށްޓަކައި ފުލުހުންގެ ހިދުމަތުން ވަކިވާ މީހާ ފިޔަވައި ފުލުހުންގެ ވަޒީފާއިން އަމިއްލަ އިހުތިޔާރުގައި އެއްވެސް ތައުދީބީ މައްސަލައެއް އުފުލާފައި ނެތް ހާލަތުގައި ނުވަތަ އެފަދަ މައްސަލައެއް ހުށަހެޅިދާނެ ޙާލަތެއް އުފެދިފައި ނެތީސް ވަކިވާ މީހުންނަކީ ޝަރަފުވެރިކަމާއެކު ފުލުހުންގެ ވަޒީފާއިން ވަކީވާ މީހުން ކަމަށެވެ.
ފައިރޫޝް ރިޓަޔާކުރެއްވީ ހަތް މަސްދުވަހު އެކަމަށް ތައްޔާރުވެގެން ކަމަށާއި، ރިޓަޔާ ކުރެއްވުމަށް ގާނޫނީ ގޮތުން ކުރަންޖެހޭ ހުރިހާ ކަމެއް ކުރައްވާފައިވާ ކަމަށާއި އޭނާ ރިޓަޔާ ކުރައްވާ ސިޓީ ފޮނުވިއިރު ގާނޫނު އޮތްގޮތް އެނގިވަޑައި ނުގަންނަވާ ކަމަށް ވެސް އިމްރާން މިއަދު ވިދާޅުވި އެވެ.
"ފައިރޫޝްގެ ތައުދީބީ ފިޔަވަޅެއް އަންނަ މައްސަލައެއް ހުށަހެޅިފައެއް ނެތް. ވާހަކަ ވަރަށް ބައިވަރު އެބަހުރި. އެކަމަކު ވާހަކައެއް ނޫން ލިޔެކިޔުމުގައި އޮންނަންޖެހޭނީ. މިކަމުގައި ބެލޭނީ ހުރި ލިޔެކިޔުންތަކަށް. ސުވާލުތައް އުފެދެން ފެށުނީ މާފަހުން." އިމްރާން ވިދާޅުވި އެވެ.
ފައިރޫޝްއަކީ 7 ފެބުރުއަރީގައި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުމަށް ފަހު ފުލުސް އިދާރާއާ ވަގުތީ ގޮތުން ހަވާލުވެ ވަޑައިގެންނެވި ފަރާތެވެ.
ކޮމެޓީއަށް މި މައްސަލަ ހުށަހެއްޅުވީ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. އެ މަނިކުފާނު މި މައްސަލަ ހުށަހަޅުއްވާފައި ވަނީ ފުލުހުންގެ ހިދުމަތުގެ ގާނޫނު ފާސްކޮށް އެ ގާނޫނު ތަސްދީގު ކުރައްވާފައިވަނިކޮށް އެ ގާނޫނުގައިވާ ގޮތުގެ މަތިން ނޫނީ ފުލުހުންގެ އޮފިސަރަކަށް ރިޓަޔާ ނުކުރެއްވޭނެ ކަމަށް ބައްލަވައިގެނެވެ.