ރާއްޖޭގައި ހައްދުފަހަނައަޅާފައިވާ ދީނީ ހަރުކަށި ފިކުރު އޮތް މިންވަރުގެ މައްޗަށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓުގެ އަސްލު އޮޅުވާލައި، އެ ރިޕޯޓު މިހާރު ބަޔަކު ބޭނުންކުރަމުންދަނީ މި ސަރުކާރަށް ހަމަލާއެއްގެ ދިނުމަށް ހަތިޔާރެއްގެ ގޮތުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ތުހުމަތު ކުރައްވައިފި އެވެ.
އެމްޑީއަނަށް ފިޔަވަޅު ނާޅައި ސަރުކާރުން ރައްޔިތުންނަށް ފިލައިގެން އުޅޭކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް މިއަދު މަޖިލީހުގައި ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން، ނަޝީދު ވިދާޅުވީ އެމްޑީއެންގެ ރިޕޯޓަކީ ކުރީގެ ސަރުކާރުގެ ދުވަސްވަރު ނެރުނު ރިޕޯޓެއް ކަމަށާއި، އެ ރިޕޯޓް ނެރުމާ ގުޅިގެން އެ ރިޕޯޓްގައި ހުރި ދިނާއި ހިލާފު ބަހުރުވަ މި ސަރުކާރުގެ އިތުރުން ހުރިހާ ސިޔާސީ ޕާޓީތަކުންވެސް ކުށްވެރިކޮށްފައިވާ ކަމަށެވެ.
ނަޝީދު އިތުރަށް ވިދާޅުވި ގޮތުގައި، އެ ރިޕޯޓުގައި ފާހަގަކޮށްފައިހުރި އެހެން ވާހަކަތައް ފާހަގަނުކޮށް، އެ ރިޕޯޓުގެ އަސާސް މިހާރު ގެއްލިފައިވާ ކަމަށެވެ.
"އެ ރިޕޯޓުގައި ހުރި އެހެން ވާހަކަތަކެއް ފާހަގަނުކުރެވޭ. ސީރިއާއަށް ދިވެހިންގެ ބަޔަކު ދަނީ ކޮން ބަޔަކު މެދުވެރިވެގެންތޯ. އެ ރިޕޯޓާ ދެކޮޅަށް އެންމެ އަޑުހަރުކޮށް ވާހަކަ ދައްކަމުންދާތަން މި ފެންނަނީ ސީރިއާ މީހުން ފޮނުވާކަމަށް އެ ރިޕޯޓުގައި ތުހުމަތުކޮށްފައިވާ މީހުން. އެހެންވެ އެ ރިޕޯޓުގެ އަސްލު އަސާސީ ވާހަކަ ގެއްލިދަނީ" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު އެ އިޝާރަތް ކުރެއްވީ ދީނުގެ ނަމުގައި ބޭރުގެ ހަނގުރާމަތަކަށް ދިވެހިން ފޮނުވުމުގައި ރާއްޖޭގެ ބައެއް ދީނީ އިލްމުވެރިން ހަރަކާތްތެރިވާކަމަށް އެ ރިޕޯޓްގައި ތުހުމަތުކޮށްފައި އޮތް އޮތުމަށެވެ. އެ ރިޕޯޓާ ދެކޮޅަށް ރާއްޖޭގެ ގިނަ ދީނީ އިލްމުވެރިންތަކެއް ދަނީ އަޑުއުފުލަމުންނެވެ.
ނަޝީދު އިތުރަށް ތުހުމަތު ކުރެއްވި ގޮތުގައި، އެމްޑީއެންގެ ރިޕޯޓު މިހާރު ބަޔަކު ބޭނުންކުރަމުންދަނީ މި ސަރުކާރަށް ހަމަލާއެއްގެ ދިނުމަށް ހަތިޔާރެއްގެ ގޮތުގަ އެވެ.
އެމްޑީއެންގެ ރިޕޯޓްގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު، ޔޫތް މިނިސްޓްރީން ވަނީ އެ ޖަމިއްޔާ ސަސްޕެންޑް ކޮށްފަ އެވެ.
ނަމަވެސް އެ ރިޕޯޓުގައި އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަ ކޮށްފައިވާ މައްސަލާގައި އެ ޖަމިއްޔާއަށް ފިޔަވަޅު އެޅުން ލަސްވާތީ ދީނީ އިލްމުވެރިންގެ އިތުރުން އާންމުންގެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކޮށް ބައެއް ރަށްރަށުގައި މުޒާހަރާ ކުރަމުންނެވެ.