ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

އޯއައިސީގެ މަގާމުގައި ހުރެ ފާޑުވިދާޅުވާތީ ޝަހީމްގެ މައްސަލަ ބަލަނީ

ސަރުކާރުގެ ކަންކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ފާޑުވިދާޅުވަމުން ގެންދަވަނީ އޭނާ މިހާރު މަސައްކަތް ކުރައްވާ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ އެންގުމަކަށްތޯ ބެލުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ފަށައިފި އެވެ.

މިދިޔަ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓަކަށް ވެސް ހުންނެވި ޝަހީމް މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ އޯއައިސީގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރެއްގެ ގޮތުގަ އެވެ.

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓެއްގައި އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަ ކޮށްފައިވާ މައްސަލާގައި އެ ޖަމިއްޔާއަށް ފިޔަވަޅު އެޅުން ލަސްވާތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުންދާއިރު، ޝަހީމް ވެސް ގެންދަވަނީ އެ މައްސަލާގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ފޮނުއްވާފައިވާ ސިޓީއެއްގައި ވަނީ ޝަހީމް ރާއްޖޭގެ ދާހިލީ ކަންކަމަށް ފާޑުވިދާޅުވަމުން ގެންދަވަނީ އޯއައިސީގެ ސެކްރެޓަރީ ޖެނެރަލްގެ ވިދާޅުވުމަށްތޯ މަޖިލީހުން ބަލައި ދިނުމަށް އެދޭ ކަމަށެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ އެ މައްސަލަ ބަލައި ދިނުމަށް މަޖިލީހުގެ ގައުމީ ސަލާމަތާއި ޖާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވާފައިވާ ކަމަށެވެ. އަދި އެ މަސައްކަތް މިހާރު ފެށިގެން ކުރިއަށްދާ ކަމަށް ކޮމިޓީގެ މުގައްރަރު، މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފު އަންގަވާފައިވާ ކަމަށެވެ.

"މި ސިޓީ މަޖިލީހަށް ލިބުނީ 19 އޮގަސްޓްގައި. އަޅުގަނޑު ވަރަށް ބޮޑަށް މައާފަށް އެދެން، އަޅުގަނޑު ގަބޫލު ކުރަން ވަރަށް ގިނަ ދުވަސް ވެފައިވާ ކަމަށް. އެކަމު ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް އެ ސިޓީ ފޮނުވާފައި ވަނީ. ކޮމިޓީގެ މުގައްރިރު ވިދާޅުވީ އެ މައްސަލަ ވަރަށް އަވަހަށް ބައްލަވައި ނިންމަވާނެ ކަމަށް." ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމްޑީއެންގެ ރިޕޯޓްގެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ. އަދި އެ މައްސަލާގައި އެ ރިޕޯޓް ލިޔުނު އެކަކު ކަމަށްވާ އަޒްރާ ނަސީމް ފުލުހަށް ހާޒިރު ކުރަން އޭނާ އުޅޭ ތަނެއް ނޭނގޭތީ އޭނާ ހޯދުމަށް ފޮޓޯއާއެކު އިއްޔެ ވަނީ އިއުލާން ކޮށްފަ އެވެ. އެ މައްސަލާގައި ޔޫތް މިނިސްޓްރީން ވަނީ އެ ޖަމިއްޔާ ސަސްޕެންޑް ކޮށްފަ އެވެ.