މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އާއި ސަލަފް ޖަމިއްޔާ އުވާލަން ތާއީދު ނުކުރައްވާ ކަމަށާއި ޖަމިއްޔާ ޖަމާއަތްތައް އުވާލުމަކީ ނުރައްކާތެރި ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އާންމުންނަށް ރައީސް ނަޝީދާ ސުވާލު ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން މަޖިލީހުގެ އިދާރާއިން ކުރިއަށް ގެންދިޔަ "އާސްކް ސްޕީކާ" ޕްރޮގްރާމްގައި ބައެއް އާންމު މީހުން ވަނީ އެމްޑީއެން އާއި ސަލަފް އުވާލު ގުޅޭ ގޮތުން ސުވާލުކޮށްފަ އެވެ. އެ ސުވާލުތަކުގެ ޖަވާބުގައި ނަޝީދު ވިދާޅުވީ އެއިން އެއްވެސް ޖަމިއްޔާއެއް އުވާލަން ތާއީދު ނުކުރައްވާ ކަމަށެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ޖަމިއްޔާއަކުން އޭގެ ޒާތުގައި ކުށެއް ނުކުރާނެ ކަމަށާއި ކުށް ކުރާނީ އެ ޖަމިއްޔާއެއްގައި އުޅޭ މީހެކެވެ. އެހެންކަމުން ޖަމިއްޔާއެއްގައި އުޅޭ މީހަކު ކުރާ ކުށެއްގެ އަދަބު ދޭން ޖެހޭނީ މީހަކަށް ކަމަށާއި އޭގެ ސަބަބުން ޖަމިއްޔާއަށް އަދަބެއް ދޭން ވިސްނުމަކީ ނުރައްކާތެރި ކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ކްލަބްތަކާއި ޖަމިއްޔާތައް އަދި ސިޔާސީ ޕާޓިތައް އުވާލުމުގެ ވިސްނުމަށް ދިއުން އެއީ ވަރަށް ވިޔާނުދާ އަދި ވަރަށް ނުރައްކާތެރި ވިސްނުމެއް، އެއީ ކޮށްގެން ވާނެ ކަމެއް ނޫން،" ރައީސް ނަޝީދު ވިދާޅުވި އެވެ.
އެމްޑީއެން އިން ނެރުނު ރިޕޯޓެއްގައި އިސްލާމް ދީނަށާއި ރަސޫލާއަށް ފުރައްސާކޮށް ލިޔެފައިވާ ވާހަކަތަކާ ގުޅިގެން އެ ޖަމިއްޔާ އުވާލުމަށް ގޮވާލައި އެތައް ރަށެއްގައި އެއްވުންތައް ބޭއްވި އެވެ. އެ މައްސަލަ ބަލައި ޔޫތް މިނިސްޓްރީން ވަނީ މިދިޔަ މަހުގެ ފަސްވަނަ ދުވަހު އެ ޖަމިއްޔާ އުވާލަން ނިންމައިފަ އެވެ. އެކަމަކު އަދި ޖަމިއްޔާ އުވާލި ކަމެއް ސާފެއް ނޫނެވެ.
އޭގެ ފަހުން ރަހުމު ކުޑަ ގޮތަކަށް ގަތުލުކޮށްލި ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގެ ރިޕޯޓާ ގުޅިގެން ސަލަފް ޖަމިއްޔާއަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ. އަދި އެ ޖަމިއްޔާއަށް ފިޔަވަޅު އެޅުމަށް މަޖިލީހުން ފާސް ވެސް ކުރި އެވެ. އެ ދުވަހު ވެސް މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވެފައިވާނީ އެ ޖަމިއްޔާ އުވާލަން ތާއީދު ނުކުރައްވާ ކަމަށެވެ.