ހަބަރު

ހަމަނުޖެހުންތަކަށް ގޮވާލައި އެއްވުންތަކުގައި ސިވިލް ސާވެންޓުން ބައިވެރިވުމާ މެދު މަޝްވަރާ ކޮށްފި

ހަމަނުޖެހުމަށް ގޮވާލައި ހިންގާ ސިޔާސީ ހަރަކާތްތަކުގައި ސިވިލް ސާވިސްގެ މުވައްޒަފުން ބައިވެރި ނުވުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބާރު އެޅުމާ ގުޅޭ ގޮތުން އެ ކޮމިޝަންގެ މެންބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މަޝްވަރާ ކުރައްވައިފި އެވެ.

މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ ވިދާޅުވީ މިއަދުގެ ވަގުތެއްގައި މަޖިލީހުގެ ރައީސް ނަޝީދާއި ސިވިލް ސާވިސް ކޮމިޝަންގެ މެންބަރުން ބައްދަލު ކުރެއްވި އެވެ. ނިއުޝާ ފާހަގަ ކުރެއްވި ގޮތުގައި އެ ބައްދަލުވުމުގައި ރައީސް ނަޝީދު ވަނީ ހަމަނުޖެހުމަށް ގޮވާލައި އެއްވުންތަކުގައި ސިވިލް ސާވިސްގެ މުވައްޒަފުން ބައިވެރިނުވުމަށް ސީއެސްސީން ބާރު އަޅާ ދިނުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ

"އެ ބައްދަލު ކުރެއްވުމުގައި ސިވިލް ސާވިސްގެ މުވައްޒަފުންނަށް އެއްވެ އުޅުމާއި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ފުރިހަމައަށް ލިބިދޭ ކަން މަޖިލީހުގެ ރައީސް ފާހަގަ ކުރެއްވި، ނަމަވެސް ހަމަނުޖެހުމަށް ގޮވާލުމަށް ހިންގާ ސިޔާސީ ހަރަކާތްތަކުގައި ސިވިލް ސާވިސް މުވައްޒަފުން ބައިވެރި ނުވުމަށް ސިވިލް ސާވިސް ކޮމިޝަނުން ބާރުއެޅުވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި." ނިއުޝާ ވިދާޅުވި އެވެ.

އޭގެ އިތުރުން ސިވިލް ސާވިސްގެ މުވައްޒަފުންނަށް ލިބިދޭ އެއްވެ އުޅުމާއި ހިޔާޅު ފާޅު ކުރުމުގެ ހައްގާއި އެ މުވައްޒަފުންނަށް ލިބިދޭ އެ ފަދަ ފުރުސަތުތަކާ ގުޅޭ ގޮތުން މުވައްޒަފުންނާއި ސިވިލް ސާވިސް އޮފީސްތަކުގެ ވެރީން ހޭލުންތެރި ކުރުމަށް އެކިއެކި ޕްރޮގްރާމްތައް ރާވައި ހިންގުމަށް ސީއެސްސީގެ މެންބަރުންގެ ކިބައިން ރައީސް ނަޝީދު އެދިވަޑައިގެންނެވި ކަމަށެވެ.

އެ ބައްދަލު ކުރެއްވުމުގައި މަޖިލިހުގެ ރައީސް ނަޝީދުގެ އަރިހުގައި މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފްގެ އިތުރުން މަޖިލީހުގެ ކައުންސިލާ ޖެނެރަލް ފާތިމަތު ފިލްޒާ ބައިވެރިވެވަޑައިގެންނެވި އެވެ.

ހަމަނުޖެހުމަށް ގޮވާލައި އެއްވުންތަކުގައި ސިވިލް ސާވިސްގެ މުވައްޒަފުން ބައިވެރިނުވުމަށް ކޮމިޝަނުން ބާރުއެޅުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވިއިރު، އިސްލާމް ދީނަށް ފުރައްސާރަކޮށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓް ކުށްވެރިކޮށް އެ ޖަމިއްޔާ އުވާލުމަށް ގޮވާލައި ރާއްޖޭގެ އެކި ރަށްރަށުގައި ދަނީ އެއްވުންތައް ބާއްވަމުންނެވެ.

އެމްޑީއެންގެ ރިޕޯޓް ކުށްވެރިކޮށް ބާއްވާ އެފަދަ ބައެއް އެއްވުންތަކާއި ހިނގާލުމުގައި އެ ރިޕޯޓް ލިޔުނު މީހުން ދަން ޖައްސައި މަރަން ގޮވި ކަމަށް ބުނާ މައްސަލަތަކެއް ވެސް ފުލުހުން ދަނީ ބަލަމުންނެވެ. އެފަދަ މައްސަލަތަކުގައި ބައެއް މީހުން މިހާތަނަށް ހައްޔަރު ކޮށްފައި ވެސް ވެ އެވެ.

އެމްޑީއެން ގޮވާލައި އެކި ރަށްރަށުގައި އެއްވުންތައް ބާއްވަމުން ދަނިކޮށް، ފުލުހުން ރޭ ބުނެފައި ވަނީ އެއްވެ އުޅުމުގެ ގާނޫނުގައި ބަޔާން ކޮށްފައިވާ ފަދަ ކުއްލި އެއްވުމެއްގެ ގޮތުގައި ނުބެލެވޭ، ރާވައިގެން ބާއްވާ އެއްވުންތަކަށް ގާނޫނުގައި ބަޔާން ކުރާ ނޯޓިސް ދިނުމެއް ނެތި ބައެއް އެއްވުންތައް ބާއްވަމުންދާ ކަމަށެވެ. އެފަދަ އެއްވުންތަކަށް ފުރުސަތު ނުދޭނެ ކަމަށް ފުލުހުން ރޭ ބުންޏެވެ.

އެމްޑީއެންގެ ރިޕޯޓްގެ މައްސަލައާ ގުޅިގެން އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީން ވެސް ގެންދަނީ ތަފާތު އެކި ހަރަކާތްތައް ހިންގަމުންނެވެ.